މަގާމުގައި މިހުރީ އުފަލުންނެއް ނޫން: މައުމޫން

ޕީޕީއެމްގެ ރައީސްގެ ބާރުތައް އަތުލާފައިވާތީ އެ މަގާމުގައި ހުންނެވީ އުފަލުން ނޫން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ސްރީލަންކާގެ "ދައައިލެންޑް" ނޫހަށް އެމަނިކުފާނު ދެއްވާފައިވާ ހާއްސަ އިންޓަވިއުއެއްގަ އެެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ރައީސްގެ ބާރުތައް އަތުލާފައިވާތީ އުފާވެރިކަމެއް ނެތް ނަމަވެސް ރާއްޖޭގެ ނަން ރީތި ގޮތުގައި ދެމެހެއްޓުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ހުރި ކަމަށް ދެކެވަޑައިގަންނަވާ މައްސަލަތައް ތަކުރާރުކުރައްވަމުން ރައީސް މައުމޫން ދެއްވާފައިވާ މި އިންޓަވިއުގައި ވިދާޅުވީ މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހާއި އިގްތިސޯދީ ހާލަތު އޮތް ގޮތުން ދިވެހި އެއްވެސް ރައްޔިތަކު ހުރީ އުފަލުން ނޫން ކަމަށެވެ.
"ރައީސް ނަޝީދަށް ފަހު ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުން އަހަރެމެން ވަރަށް ބޮޑަށް އުއްމީދުކުރިން ދިމިގްރާތީ ބަދަލުތައް ގެނެސް މުއައްސަސާތައް ބާރުވެރިކުރާނެ ކަމަށް. ނަމަވެސް ޑިމޮކްރަސީއާ އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަނީ ސީރިއަސް މައްސަލަތަކެއް ކުރިމަތިވެފައި. އަހަރެމެން މިހާރުގެ ހާލަތާ މެދު ވަރަށް ކަންބޮޑުވޭ،" މައުމޫން ވިދާޅުވި އެވެ.
ރައީސް ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންދިޔައީ ކީއްވެގެންތޯ ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ މިއަދުގެ ސަރުކާރު ހިންގަނީ ޕީޕީއެމް އިން ގަބޫލުކުރާ އާންމު އުސޫލުތަކުގެ ތެރެއިން ނޫން ކަމަށެވެ. ގޯސްކޮށްދާ ކަންކަން ރަނގަޅުކުރަން ލަފަޔާއާއި އިރުޝާދު ދެއްވި ކަމަށާއި ނަމަވެސް އެކަންކަމަށް ބީރު ކަންފަތެއް ދެއްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ސިޔާސީ، އިގްތިސާދީ ހާލަތު މިހާރު އޮތީ ކަންބޮޑުވާ ފަދަ ހާލަަތެއްގައި ކަމަށްވެސް ވިދާޅުވި އެވެ.
ޮޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޓިކެޓް ދިނުމަށް ދެކޮޅު ހެއްދެވީ ކީއްވެގެންތޯ ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ ރައީސް ޔާމީން ކުރިއަށް އޮތް 2018 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ބޭނުންވެ އެކަން އަންގަވާފައި ނުވާ ކަމަށެެވެ. އަދި ވިދާޅުވީ ރިޔާސީ ޓިކެޓަށް އެކަކަށް ވުރެ ގިނަ ބޭފުޅުން ޝައުގުވެރިކަން ފާޅުކުރައްވައިފިނަމަ ޕްރައިމަރީއެއް ބާއްވަން ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ކަމަށެެވެ.
ރައީސް މައުމޫން ވިދާޅުވީ ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވާ މަޖިލީހުގެ އަގުލަބިއްޔަތަކީ ކަންކަން ބަދަލުކޮށްލުމަށް އޮތް ބާރެއް ކަމަށެވެ. ގިނަ ރައްޔިތުން ވެސް ބޭނުންވަނީ ކަންކަން ރަނގަޅުކުރުމަށް އިސްލާހީ ބަދަލުތަކެއް ކަމަށާއި ނަަމަވެސް އެގޮތަށް ކަންކަން އިސްލާހުވަމުން ނުދާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރުގެ ކަންކަމާއި މެދު މެންބަރުން ވެސް ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ.
ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމަށް ނިންމި މައްސަލާގައި ވެސް މައުމޫން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި އެއީ އެއްވެސް ބޭނުމެއް ނެތް ގޯސް ނިންމުމެއް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ކޮމަންވެލްތުން ވަކިވުމަށް ހިތްވަރު ދެއްވާ މީގެ ކުރިން ރައީސް މައުމޫން ވާހަކަދެއްކެވި ކަމަށް ސުވާލު ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ އޭރުގެ ހާލަތާ މިހާރުގެ ހާލަތާ ތަފާތު ކަމަށެވެ. މައުމޫން ވިދާޅުވީ ރައީސް ވަހީދުގެ ވެރިކަމުގައި ކޮމަންވެލްތުން ވަކިވުމުގެ ވާހަކަދެއްކެވީ ރާއްޖޭގެ ވެރިކަން އެ ދުވަސްވަރު ބަދަލުވެގެން ދިޔައީ ބަޣާވާތަކުން ކަމަށް ބުނެ ކޮމަންވެލުތުން ރާއްޖެއަށް ނުހައްގުން ފިއްތުއްތައް ކުރިމަތި ކުރަމުންދާތީ ބޭރުގެ ފަރާތްތަކަށް މެސެޖެއް ދިނުމުގެ ގޮތުން ކަމަށެވެ.
ދިވެހިރާއްޖެއިން ކޮމަންވެލްތުގެ މެންބަރަކަށްވީ ރައީސް މައުމޫންގެ ވެރިކަމުގައި 1982 ވަނަ އަހަރު އެވެ.
ރައީސް މައުމޫންގެ މަގުސަދުތައް ހާސިލްކުރުމަށް އިދިކޮޅު އިއްތިހާދެއް އުފައްދަވާ އެންމެ އިސްކޮށް މަސައްކަތް ކުރައްވާނަންތޯ ދެންނެވުމުން އެ ސުވާލަށް އެމަނިކުފާނު ސާފު ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ މިހާރު މަސައްކަތް ކުރައްވަނީ ވަކި ޕާޓީއެއްގެ ގޮތުގައި ކަމަށާއި އަދި ގައުމީ މުހިއްމު މައްސަލަތަކުގައި މަޝްވަރާކޮށްލުމަށް އެހެން ޕާޓީ ތަކަށް ދައުވަތު ދެއްވާފައިވާ ކަމަށެވެ.
"އަހަރެމެންގެ މޮޓޯއަކީ ފުރަތަމަ ގައުމު އަދި ގައުމަށް ރަނގަޅު ގޮތް ހޯދުން. އަބަދު ކުރިމަތިލުންތަކުގައި އެއްވެސް މީހަކަށް ނޫޅެވޭނެ. އަހަރެމެން އެކަކު އަނެކަކާއި ވާހަކަދައްކައިގެން އަހަރެމެންގެ މައްސަލަތަކަށް ހައްލު ހޯދަންޖެހޭ،" މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ހަތަރު ބޭފުޅުންގެ ތެރެއިން ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ގައްސާން މައުމޫން އަދިވެސް ސަރުކާރުގެ ވަޒީފާގައި ހުންނަވާ މައްސަލާގައި ސުވާލު ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ހަތަރު ބޭފުޅުންނަކީ ވެސް ކިޔަވައިގެން ތިއްބެވި ބޭފުޅުން ކަމަށެވެ. އަދި އެއްވެސް ބޭފުޅަކު ސަރުކާރުން އިސްތިއުފާ ދެއްވުމަށް އެމަނިކުފާނު ނުދަންނަވާ ކަމަށާއި އެބޭފުޅުން ކަންކަން ނިންމަވަނީ ގަބޫލުކުރައްވާ އުސޫލުތަކުގެ ތެރެއިން އަމިއްލަފުޅަށް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
"ރައީސް އޮފީހުގައި ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ބައެއް މަޝްރޫއުތަކުގައި ގައްސާން ގެންދަވަނީ މަސައްކަތް ކުރައްވަމުން،" މައުމޫންގެ ބޭފުޅުންގެ ނިންމެވުންތަކާއި ގުޅޭގޮތުން ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ