އިންޓަރ ސްކޫލް ޓީޓީ މުބާރާތް ފަށައިފި

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ހަތްވަނަ މައިލޯ އިންޓަރ ސްކޫލް ޓޭބަލް ޓެނިސް ޗެންޕިއަންޝިޕް ފަށައިފި އެވެ. ޒުވާނުންގެ މަރުކަޒުގެ ޓީޓީ ހޯލްގައި ކުރިއަށް ގެންދާ އިންޓަރ ސްކޫލް ޓީޓީ މުބާރާތުގައި އިއްޔެ ކުރިއަށް ގެންގޮސްފައި ވަނީ 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ ދެ ޖިންސުގެ އޯޕަން ސިންގަލްސް އިވެންޓުތަކެވެ. މުޅިއަކު 11 ސްކޫލަކުން ޖުމްލަ 117 ކުދިން މިފަހަރުގެ އިންޓަރ ސްކޫލް ޓީޓީ މުބާރާތުގައި ވަނީ ބައިވެރި ވެފައެވެ. އެ މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ ސީއެޗްއެސްއީ، ބިލަބޮންގް، ގިޔާސުއްދީން، އިސްކަންދަރު، ޖަމާލުއްދީން، ކަލާފަނު، ލާލޭ ޔޫތު އިންޓަރނޭޝަނަލް ސްކޫލް، އަމީނިއްޔާ، ތާޖުއްދީން، ހިރިއްޔާ އަދި މެޕްސް އިންޓަރނޭޝަނަލް ހައި ސްކޫލެވެ. ހަތަރު އުމުރުފުރާއަކަށް ބަހާލައިން ކުރިއަށް ގެންދާ އިންޓަރ ސްކޫލް ޓީޓީ މުބާރާތުގެ އިވެންޓުތައް ކުރިއަށް ގެންދަނީ ދެ ބަޔަކަށް ބަހާލައިންނެވެ. އެގޮތުން އަމިއްލަ (ސިންގަލްސް) އިވެންޓުތަކާއި ޓީމް އިވެންޓުތައް ހިމެނޭ އެ މުބާރާތުގައި އިވްނެޓުތައް ކުރިއަށް ގެންދާ އުމުރުފުރާތަކަކީ 12 އަހަރުން ދަށާއި 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 16 އަހަރުން މަށްޗެވެ. މި މަހުގެ ހަތަކުން 11 އަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިންޓަރ ސްކޫލް ޓީޓީ މުބާރާތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާފައި ވަނީ އެ މުބާރާތުގެ ޝަރަފްވެރި މެހެމާން، އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފް އެވެ. މުބާރާތުގެ މެޗުތައް ކުރިއަށް ގެންދަނީ ކޮންމެ ދުވަހެއްގެވެސް ހަވީރު 4:00 ކުން ރޭގަނޑު 8:45 ކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ