އަންނަ ރިޔާސީ އިންތިހާބު ޕީޕީއެމްއިން ކާމިޔާބު ކުރާނެ: މައުމޫނު

ޕީޕީއެމް އަކީ އަބަދުވެސް ރައްޔިތުންގެ ލާބަޔާ މަންފާއަށް މަސައްކަތްކުރަމުން އަންނަ ޕާޓީއެއްކަން ރައްޔިތުން ގަބޫލުކުރާ ކަމަށާއި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ޕީޕީއެމުން ކާމިޔާބު ކުރާނެ ކަމަށް ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ އެ ޕާޓީގެ އާ އޮފީސް ހުޅުއްވާ ދެއްވުމަށްފަހު މެމްބަރުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. ޕީޕީއެމްގެ އާ އޮފީސް ހަދާފައިވަނީ ކުރީގެ ޑީއާރުޕީ އޮފީސް ހަދާފައިހުރި އިމާރާތް ކަމަށްވާ ހ. ތެމާގަ އެވެ.
މައުމޫނު ވިދާޅުވީ އެމަނިކުފާނު ސަރުކާރު ހިންގެވި އިރު ރާއްޖެއަށް ހޯދާދީފައިވާ ތަަރައްގީގެ ވާހަކަ މިއަދު ދެއްކެން އޮންނާނެ ކަމަށާއި އެގޮތުން އެތައް މަދަރުސާ އަކާ އެތައް ހޮސްޕިޓަލަކާ އަދި އެތައް އެއާޕޯޓެއްގެ އިތުރުން އެތައް ރިސޯޓެއްވެސް ހަދާދީފައި އޮންނާނެ ކަމަށެވެ. އަދި ވިދާޅުވީ އެކަންތައްތައް ރައްޔިތުން ގަބޫލު ކުރާތީ އެ ޕާޓީއަށް ރައްޔިތުންގެ ތާއީދު އޮހެމުން އަންނަ ކަމަށާއި ޕާޓީއަށް ލިބެމުންދާ ކާމިޔާބީ ތައްވެސް އަންނަނީ އިތުރުވަމުން ކަމަށެވެ.
"ޕިޕީއެމުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ލާބަޔާ މަންފާއަށްކަން އަބަދުވެސް ރައްޔިތުން ގަބޫލުކުރޭ. ޕާޓީ މި އަންނަނީ އިތުރަށް ވަރުގަދަ ވަމުން. އިރާދަ ކުރެއްވިއްޔާ އަންނަ ރިޔާސީ އިންތިޚާބު ޕީޕީއެމުން ކަމިޔާބު ކުރާނަން،" މައުމޫނު ވިދާޅުވި އެވެ.
ޕީޕީއެމަށް ލިބެމުން އަންނަ ކާމިޔާބީ ތަކާއި ދޭތެރޭގައި ކަންބޮޑުވާ އެހެން ސިޔާސީ ފަރާތްތައް ތިބޭނެކަން ގަބޫލުފުޅު ކުރައްވާ ކަމަށާއި، ނަމަވެސް ޕީޕީއެމަށް ރައްޔިތުން ތާއީދު ކުރަނީ ވަކި މީހަކު ނުވަތަ ވަކި ބަޔަކު ޕާޓިގައި ތިބީމާ ނޫންކަން އެފަރާތްތަކުން ގަބޫލު ކުރަން ޖެހޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ. މައުމޫނު ވިދާޅުވީ އެޕާޓީގެ މޮޓޯއަކީ "އެންމެ ފުރަތަ ގައުމު" ކަމަށެވެ.
"އަޅުގަނޑުމެންނަށް ބުނެވެން އެބައޮތް އަޅުގަނޑުމެންގެ އިސް ބޭފުޅުން ސަރުކާރު ހިންގަވަން ތިއްބެވިއިރު ރާއްޖެ އަށް އައިސްފާ އޮތް ތަރައްގީ މި އޮތިއްޔޭ. މިތައް މަދަރުސާ އަޅުގަނޑުމެން ހަދާފީމޭ. މިތައް ހޮސްޕިޓަލް ހަދާފީމޭ. މިތައް އެއާޕޯޓު ހަދާފީމޭ. މިތައް ރިސޯޓު ހަދާފީމޭ. މިހާ ކުރިއެރުން ރައްޔިތުންނަށް ހޯދާދީފީމޭ. މި ހުރިހާ ވާހަކަ ތަކެއް ޕީޕީއެމްގައި ތިއްބެވި ބޭފުޅުންނަށް ދެއްކެން އެބައޮތް. އެހެން ނަމަވެސް ކޮންމެހެން އެވާހަކަތައް ދެއްކުމުގެ ބޭނުމުގަ އެއް ނޫން މިހެން މިދެންނެވީ. އަޅުގަނޑު މި ދަންނަވަނީ ރައްޔިތުން އެކަންކަން ގަބޫލު ކުރެއޭ. އެހެން ވެގެންނޭ ޕީޕީއެމަށް ތާއީދު ކުރަނީ،" މައުމޫނު ވިދާޅުވި އެވެ.
ރަހުމުކުޑަ އަނިޔާވެރި ބައެއްގެ ނުރައްކާތެރި ހަމަލާއެއްގައި ޝަހީދުވެފައިވާ މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ ޒިކުރާ އާކުރައްވަމުން މައުމޫނު ވިދާޅުވީ އަފްރާޝީމްއަކީ އެ ޕާޓީއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށާއި މިއަދުގެ ހަފްލާގައި އެ މަނިކުފާނު ހުންނެވި ނަމަ އެކަމުން އިތުރު ފުރިހަމަކަމެއް އެ ހަފްލާއަށް ލިބޭނެ ކަމަށެވެ.
"އެމަނިކުފާނުގެ ފުރާނަފުޅަށް މާތްﷲ ސުވަރުގޭގެ މަތިވެރި ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާ ކުރަން. އެމަނިކުފާނުގެ އާއިލާއަށްވެސް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރަން،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ