ކުޅުދުއްފުށީގެ ތަރައްގީގެ ޕްލޭން އެކުލަވާލަން ރައްޔިތުންގެ ހިޔާލު ހޯދަން ބައްދަލުވުންތަކެއް

ކުޅުދުއްފުށި ސިޓީގެ ކުރިއަށް 05 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިހާރުވަނީ ރަސްމީކޮށް ފަށާފައެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ޔޫއެންޑީޕީ މޯލްޑިވްސް އާއި ދެމެދު ސޮއިކޮށްފައިވާ ގަވަމަންޓް ކޯސްޓް ޝެއަރިންގ (ޖީ.ސީ.އެސް) އެއްބަސްވުމެއްގެ ދަށުން، ދެފަރާތުން ހިއްސާވެގެން ފަންޑުކޮށް، ތަންފީޒުކުރާ ގޮތަށެވެ. މިއީ ރާއްޖޭގެ ސިޓީ ކައުންސިލަކުން ޔޫ.އެން.ޑީ.ޕީ އާއެކު މިފަދަ އެއްބަސްވުމެއްގެ ދަށުން މަޝްރޫއެއް ކުރިއަށްގެންދާ ފުރަތަމަ ފަހަރުވެސްމެއެވެ.
ތަރައްޤީގެ ޕްލޭނަކީ ކޮބާ؟
ތަރައްޤީގެ ޕްލޭނަކީ ލޯކަލް ކައުންސިލެއްގެ ދައުރު ނިމި، އާ ކައުންސިލެއް މަޤާމާ ހަވާލުވުމަށްފަހު، އެކައުންސިލެއްގެ ދައުރުގެ 05 އަހަރު އެސިޓީއެއް ނުވަތަ ރަށެއްގެ ތަރައްޤީ ބައްޓަންކުރުމުގައި އަމާޒުހިފާނެ އިސްތިރާޖީ ދާއިރާތަކާއި، ކަނޑައަޅާ ސިޔާސަތުތަކާއި، އެސިޔާސަތުތަކުގެ ދަށުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހިންގާނެ ވަކި ވަކި ހަރަކާތްތަކާއި މަޝްރޫޢުތައް ހިމެނޭހެން، ރައްޔިތުންގެ ހިޔަލާއި މަޝްވަރާގެ މަތިން އެކުލަވާލެވޭ ވަރަށް ތަފްސީލީ ޕްލޭނެކެވެ. އެގޮތުން މިފަހަރު އެކުލަވާލެވޭ ތަރައްޤީގެ ޕްލޭނަކީ 2027 އިން 2031 ވަނަ އަހަރުގެ ނިޔަލަށް ކައުންސިލުން ތަންފީޒުކުރާނެ ތަރައްޤީގެ ޕްލޭނެވެ.
ކައުންސިލުން ކޮންމެ އަހަރެއްގެ އަހަރީ މަސައްކަތު ތާވަލާއި ބަޖެޓް އެކުލަވާލަނީ މި ޕްލޭނުގައި ހިމަނާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހިންގަންހުރި ހަރަކާތްތަކުގެ ތެރެއިން އެއަހަރަކަށް ކަނޑައެޅިފައި ހުންނަ ހަރަކާތްތަކަށް ރިއާޔަތްކޮށެވެ. މި ޕްލޭނަކީ ކައުންސިލްގެ މުޅި ދައުރުގެ މިޝްރާބު އޭގައި ކަނޑައެޅިފައި އޮންނަ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުމާއެކު ތައްޔާރުކުރެވޭ އެންމެ މުހިއްމު އެއް ޕްލޭނެވެ.
ކޮންސަލްޓަންޓް: ޑރ. އަޙްމަދު ޝާހިދު
މި މަސައްކަތުގައި ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރައްވާނީ ހިންގުމާއި ސިޔާސަތު ކަނޑައެޅުމުގެ ދާއިރާގައި ޤައުމީ ފެންވަރުގައި ކޮންސަލްޓެންސީގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ތަޖުރިބާކާރު ބޭފުޅެއްކަމުގައިވާ ޑރ. އަޙްމަދު ޝާހިދު އެވެ. އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް ސިޑްނީއިން އިންސާނީ ހައްޤުތަކުގެ ދާއިރާއިން ޕީ.އެޗް.ޑީ ހާސިލްކުރައްވާފައިވާ ޑރ. ޝާހިދު ވަނީ އެ ޔުނިވާސިޓީން ބައިނަލްއަޤްވާމީ ޤާނޫނުގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް މެންޗެސްޓަރ އިން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ދާއިރާއިން މާސްޓާސް ޑިގްރީ، އަދި ޔުނިވާސިޓީ އޮފް ދަ ސައުތު ޕެސިފިކް އިން އިޤްތިސާދާއި މެނޭޖްމަންޓް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ބެޗެލާސް ޑިގްރީ ވެސް ހާސިލްކުރައްވާފައެވެ. ޑރ. ޝާހިދުވަނީ މީގެކުރިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރު.ސީ.އެމް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުވެސް ފުރުއްވާފައެވެ.
މަސައްކަތް ރޭވިފައިވާ ގޮތް
މި މަސައްކަތުގެ ތެރެއިން ޔޫ.އެން.ޑީ.ޕީގެ ޓީމް އަދި ކޮންސަލްޓަންޓް ކުޅުދުއްފުށްޓަށް 03 ދަތުރެއްކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ފުރަތަމަ ބުރުގެ މަސައްކަތް ކުރިއަށްދާނީ 19 ޖުލައި (އާދިއްތަ) އިން 24 ޖުލައި (ހުކުރު) ދުވަހަށެވެ. މިބުރުގައި ސިޓީ ކައުންސިލާއި، ކުޅުދުއްފުށީގެ ސަރުކާރު އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، މަދަނީ ޖަމިއްޔާތަކާއި އަދި އާންމުންގެ ތެރެއިން ތަފާތު ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހުޅުވާލައިގެން ގިނަ އަދަދެއްގެ މަސްލަހަތުވެރިންގެ ބައްދަލުވުންތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުންތަކުގެ ތެރެއިން، އާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާގޮތުގެ ތާވަލު ތިރީގައި އެވަނީއެވެ.
ބައްދަލުވުން އޮންނަ ތާރީހުތަކާއި ހާއްސަކުރެވިފައިވާ ފަރާތްތައް
އެން.އޯ.ސީ ފުނަވަލު މާލަމުގައި 21 ޖުލައި ވާ އަންގާރަ ދުވަހު ހަވީރު 16:00ގައި ވިޔަފާރީގެ ވެށީގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އެ ދުވަހުގެ ރޭ 20:00 އަމިއްލަ އަދި ސަގާފީ އުފެއްދުންތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އަދި 23 ޖުލައި 2026 ބުރާސްފަތި އެންއޯސީ ލަގޮނޑި މާލިމީ މާލަމުގައި ހަވީރު 16:00 (18 އަހަރާ 25 އަހަރާ ދެމެދު)ގެ ޒުވާނުންނަށެވެ.
23 ޖުލައި ރޭގަނޑު 20:00 އެން.އޯ.ސީ ލަގޮނޑި މާލިމީ މާލަން އަންހެނުންނަށް އަދި 24 ޖުލައި ހަވީރު އެން.އޯ.ސީ ފުނަވަލު މާލަން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް އަދި 24 ޖުލައި ރޭގަނޑު 20:00 އެން.އޯ.ސީ ލަގޮނޑި މާލިމީ މާލަމުގައި ފިރިހެނުންނަށެވެ.
ރައްޔިތުންގެ ކިބައިން އެދޭ އެދުން
މި މަސައްކަތް ފެށުމާއި ގުޅިގެން މޭޔަރު މުޙައްމަދު ޢާޠިފް ދެއްވާފައިވާ ހާއްސަ މެސެޖުގައި ތަރައްޤީގެ ޕްލޭން އެކުލަވާލުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވޭ ބައްދަލުވުންތަކުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ، ހިޔާލުތައް ހިއްސާކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައިވެއެވެ. މޭޔަރު އިތުރަށް ވިދާޅުވީ ކުޅުދުއްފުށި ސިޓީގެ ކުރިއަށް އޮތް 05 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭން ބައްޓަންވެގެންދާނީ ރައްޔިތުންގެ ހިޔާލުތަކާއިއެކު، ކައުންސިލް އިންތިހާބުގައި ކައުންސިލަރުން ރައްޔިތުންނަށް ހުށަހެޅި މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކާއެކުގައި ކަމަށެވެ.
ވީމާ، ވީހާވެސް ގިނަ ރައްޔިތުންނާއި ދަޢުވަތު އެރުވިފައިވާ ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުން މި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވުމަކީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ.
ފޭސްބުކް ޕޯސްޓްތައް
1. މަޝްރޫޢު އިޢުލާންކުރުން: https://www.facebook.com/share/p/1DAvyHGvai
2. ބައްދަލުވުންތަކުގެ ތާވަލު: https://www.facebook.com/share/p/1DC2GZZuZv
3. މޭޔަރ މުޙައްމަދު ޢާޠިފް ދެއްވި މެސެޖް: https://www.facebook.com/share/v/1EZVhmFCnd
4.ގުޅުންހުރި ފޮޓޯ (ކޯ-ކްރިއޭޝަން ބައްދަލުވުން): https://www.facebook.com/share/p/1CaRTmmkQn
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް
1. ނަހުޒާ ޙަސަން | އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް | 7789775
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ