ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.
ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުގެ ސަބަބުން މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާ އާޒިމް ފުލުހުން ހައްޔަރުކުރީ ހުކުމަށް ފަހު ވެސް މަޖިލީހަށް ވެންނެވުމަށް އޭނާ މަސައްކަތް ކުރެއްވުމުން ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.
އެ މައްސަލައިގައި އާޒިމްގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދަށު ކޯޓުން ދިނީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހެވެ. ނަމަވެސް ބުރާސްފަތި ދުވަހު ފުލުހުން ވަނީ އޭނާ ގޭބަންދަށް ދޫކޮށްލައިފަ އެވެ.
އާޒިމްގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދިން މައްސަލަ އާޒިމްގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެވެ.
އާޒިމާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ހުކުމްކުރީ އެ ދެ ބޭފުޅުން ގެރެންޓީ ދެއްވައިގެން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް އަށް ބޭންކް އޮފް މޯލްޑިވްސް އިން ނެގި ލޯނުތަކަކަށް ފައިސާ ދެއްކުމަށް ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކި މައްސަލައިގަ އެވެ.
އާޒިމްގެ ބަންދަށް ހައި ކޯޓުން ވެސް ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ