ގާސިމް ހައްޔަރުކޮށްގެން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ސަރުކާރަށް: ތޮއްޑޫ ދާއިރާގެ މެމްބަރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކޮށްގެން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ދިވެހި ސަރުކާރަށް ކަމަށް ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހީމް ހަސަން (އެވިލާ) ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހީމް މިނިވަންކުރުމަށް ގޮވާލާ ވީޓީވީން ކުރިއަށް ގެންދާ ލައިވް ކަވަރޭޖުގައި ވާހަކަފުޅު ދައްކަވަމުން އިބްރާހީމް ހަސަން ވިދާޅުވީ ގާސިމް ޖަލުގައި އޮންނަވައިގެން އެއްވެސް ސިޔާސީ ބޭފުޅަކަށް ހިތްހަމަޖެހުމެއް ނުލިބޭނެ ކަމަށާއި އެމަނިކުފާނުގެ އެހީތެރިކަން ނުލިބޭ އެއްވެސް ސިޔާސީ ބޭފުޅަކު ވެސް ނެތް ކަމަށެވެ. ގާސިމް ހައްޔަރުކުރުމުން ގެއްލިގެން ދަނީ ވަރަށް ބޮޑު ރައުސްމާލެއް ކަމަށާއި ގާސިމް ހައްޔަރުކޮށްގެން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ދިވެހި ސަރުކާރަށް ކަމަށް އިބްރާހީމް ހަސަން ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ ހުރިހާ ސިޔާސީ ލީޑަރުންނަށް ހުރަސްއަޅަމުންދިޔަ ނަމަވެސް އެތައް މަސައްކަތަކުން ގެނެސްފައިވާ ގާނޫނުއަސާސީގެ މަފުހޫމަކީ ހުރިހާ ސިޔާސީ ޕާޓީއަކަށް ވެސް ވާދަކުރެވޭގޮތަށް ހުޅުވާލެވިގެން ބޭއްވޭ ރިޔާސީ އިންތިޚާބަކުން ވެރިއަކު އިންތިޚާބު ކުރުން ކަމަށެވެ. ވެރިކަމަށް ވާދަކުރައްވަން ބޭނުންވާ ކޮންމެ ބޭފުޅަކަށް ވެސް އެފުރުސަތު އޮންނަންޖެހޭ ކަމަށް އިބްރާހީމް ހަސަން ވިދާޅުވިއެވެ.
"އިންތިޚާބީ ވާދަވެރިކަމެއް ނެތި ކުރީ ޒަމާނުގައިހެން ފެންނަނުފެންނަ ނަގައިގެން ކަންތައް ކުރާ ޒަމާނެއް ނޫން މިއީ. މިއަދު ދުނިޔޭގެ އެއްވެސް ތަނެއްގައި ކަންތައް ކުރާ އުސޫލެއް ނޫން އެއީ. އެހެންވީމަ ވެރިކަމަށް އައުމުގެ ވިސްނުން އޮތުމަކީ ޖަލަށްދާން ޖެހޭ ކަމެއް ނޫން. ވެރިކަމަށް ވަޑައިގަތުމުގެ ވިސްނުމެއް ބޭފުޅެއްގެ ކިބައިގައި އޮތުމަކީ ސަރުކާރުން އުފާކުރަންޖެހޭ ކަމެއް. ގިނަ ބޭފުޅުން ކުރިމަތިލީ ވަރަކަށް އެކަމާ އެންމެ ބޮޑަށް އުފާކޮށް އެކަމަށް މަރުހަބާ ކިޔަން ޖެހޭ ފަރާތަކީ އެއިރަކު ވެރިކަމުގައި ތިއްބެވި ބޭފުޅުން" ތޮއްޑޫ ދާއިރާގެ ޖޭޕީގެ މެމްބަރު އިބްރާހީމް ހަސަން ވިދާޅުވިއެވެ.
އިބްރާހީމް ހަސަން ވިދާޅުވީ ގާސިމް އިބްރާހީމް އުޅުއްވަނީ ވެރިކަން ހޯއްދަވަން ކަމަށް ބަޔަކު ބުނަމުންދާއިރު އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ކަމަށާއި އެމަނިކުފާނު ވެރިކަމާ އުޅުއްވަން ޖެހޭ ސަބަބުތައް އެބަހުރި ކަމަށެވެ.
ކޮންމެ ފަހަރަކުވެސް ކޮންމެވެސް ބޭފުޅަކަށް ތާއީދުކުރައްވައި ރައްޔިތުންގެ ހެވާއި ލާބަޔަށް ކަންކަން ކޮށްދެއްވުމުގެ ނިޔަތުގައި ވަރަށް ބޮޑު ގުރުބާނީއެއް ވެވަޑައިގަންނަވާ ކަމަށާއި ނަމަވެސް ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންގެ ފަރާތުން އެމަންޒަރު ނުފެންނަ ކަމަށް އެވިލާ ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންނަށް ކުރިއެރުން ހޯއްދަވައިދެއްވެން އޮތީ ވެރިކަމަށް ވަޑައިގެން ކަމުގައިވާނަމަ އެކަން ކުރަންޖެހޭ ކަމަށް އިބްރާހީމް ހަސަން ވިދާޅުވިއެވެ.
ތޮއްޑޫ ދާއިރާގެ މެމްބަރު ވިދާޅުވީ ސިޔާސީ ބޭފުޅުންނަށް ބިރުދައްކައި އަނިޔާވެރިކަން އިސްކުރުމުން ސަރުކާރަށް ލިބޭނެ އެއްވެސް މޮޅެއް ނެތް ކަމަށާއި އެކަމުން ސަރުކާރާމެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެދި، ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދި، ބައިނަލްއަގުވަމީ މުޖުތަމައުގައި ދިވެހި ދައުލަތުގެ ކަރާމާތް ގެއްލިގެން ދިއުން ނޫން ކަމެއް ނުވާނެ ކަމަށެވެ. ސަރުކާރުން ކަންކަން ކުރަންޖެހެނީ ރައްޔިތުންނަށް ދޫދީގެން ކަމަށާއި ނަމަވެސް މިއަދު ފެންނަނީ ތަފާތު މަންޒަރެއް ކަމަށް އޭނަ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއުޅެނީ ޑިފެންސް ލައިން ކަޓުވާފައި ކޮންމެ ގޮތެއް ހަދާފައިވެސް ގޯލަށް ޝޫޓު ކުރަން. އެކަމަކު މިސަރުކާރުން ކުޅޭތަން ފެންނަނީ އެހެން ގޮތަކަށް. އަޅުގަނޑުމެން ޝޫޓު ކުރީމަ އެދިމާއަށް ގޯލު ހިފައިގެން ދަނީ. އެއީ ފުޓުބޯޅައިގެ އުސޫލެއް ނޫން. ރީތި ކުޅުމެއް ކުޅެގެން ބަލިކޮށްލުމުގެ އުސޫލަށް އަޅުގަނޑުމެން މަރުހަބާ. ހުރިހާ ސިޔާސީ ލީޑަރުން ވެސް އެ އުސޫލަށް މަރުހަބާ ވިދާޅުވާނެ. ބަލިވީމަ ބަލި ގަބޫލުކުރައްވާނެ" އިބްރާހީމް ހަސަން ވިދާޅުވިއެވެ.
އިބްރާހީމް ހަސަން ވިދާޅުވީ ގާސިމް އިބްރާހީމަކީ ޖަލުގައި އޮންނަވަންޖެހޭ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނަކީ އިއްޒަތާއި ޝަރަފުގައި ސިޔާސީ މަސައްކަތަށް ދޫކޮށްލާފައި ހުންނަންޖެހޭ ބޭފުޅެއް ކަމަށެވެ.
އެހީތެރިވުމަކީ އެމަނިކުފާނުގެ މުޅި ހަޔާތްޕުޅުގެ އެއް އަސާސްކަން ފާހަގަކުރައްވައި އޭނަ ވިދާޅުވީ އެކަން އެނގޭ އެންމެ އަލިގަދަ ހެއްކަކީ ރައީސް ޔާމީން ކަމަށާއި ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ގާސިމް އިބްރާހީމް އިންތިހާއަށް އެހީތެރިކަން ދެއްވި ކަމަށެވެ.
ގާސިމް އިބްރާހީމްގެ އެކައުންޓުތައް ފްރީޒް ކުރުމުން ދެރަވާނީ ދިވެހި ރައްޔިތުންނަށް ކަމަށާއި އެންމެ ސިކުންތަކަށް ވެސް އެމަނިކުފާނު ޖަލުގައި ނުބާއްވާ ދޫކޮށްލުމަށް ގޮވާލައްވާ ކަމަށް އިބްރާހީމް ހަސަން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ