ޝަރުއީ ދާއިރާގެ ފުޓްސަލް މުބާރާތް ހުއްޓުވަން ސުޕްރީމް ކޯޓުގެ ސާކިއުލާއެއް
ކޯޓުތަކާއި ޝަރުއީ ދާއިރާގެ މުވައްޒަފުން ބައިވެރިކޮށްގެއް ރޭ ފެށި ފުޓްސަލް މުބާރާތެއް "ހުއްޓުވުމަށް" ސުޕްރީމް ކޯޓުން އިއްޔެ ސާކިއުލާއެއް ނެރެފި އެވެ. އެ ސާކިއުލާގައި ބުނެފައި ވަނީ "ޝަރުއީ ދާއިރާގެ އިދާރާތަކުގެ މުވައްޒަފުންގެ މެދުގައި ކްލަބް ޖަމިއްޔާ ހިންގަންވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ކަމަށާއި އަދި އެފަދަ ހަރަކާތެއް ހިންގަންވާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ބެލުމުގެ ދަށުން ކަމުގައި ކަނޑައަޅައިފި" ކަމަށެވެ. ޑްރަގް ކޯޓުން އިންތިޒާމްކޮށްގެން ސިޓީ ކައުންސިލްގެ ފުޓްސަލް ދަނޑުގައި ރޭ ފެށި "ޖުޑިޝަރީ ކަޕް 2015" މުބާރާތުގައި ކުޅޭ މުވައްޒަފަކު ބުނީ މި މުބާރާތުގައި ބައިވެރި ނުވަނީ ސުޕްރީމް ކޯޓާއި ޑިޕާޓްމަންޓުން އެކަނި ކަމަށެވެ.އޭނާ ބުނީ ސާކިއުލާ ނެރުމުން މުބާރާތް ފެށުމާ މެދު ހިޔާލު ތަފާތުވެ ރޭގެ މެޗުތައް ކެންސަލްކުރަން އުޅުނު ކަމަށާއި ފުރަތަމަ މެޗު ފެށީ ވެސް ބައި ގަޑިއެއްހާ އިރު ފަހުން ކަމަށެވެ. ނަމަވެސް "ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ" ކަމަށް ބަލައި މުބާރާތް ފަށަން ގިނަ މީހުން ބޭނުންވުމުން ރޭގެ މެޗުތައް ކުޅުނު ކަމަށް އޭނާ ބުންޏެވެ. ފަހަކަށް އައިސް ސުޕްރީމް ކޯޓުން އަންނަނީ ގިނަ ސާކިއުލާތަކެއް ނެރެމުންނެވެ. ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް ހައި ކޯޓުގައި އިސްތިއުނާފުކުރުމުގެ މުއްދަތު 10 ދުވަހަށް ކުޑަކުރުމަށް މިދިޔަ މަހު ސާކިއުލާއެއް ނެރެ އަދި އެ އަށް އަމަލުކުރަން އެންގުމަށް މިދިޔަ ހަފުތާގައި ސާކިއުލާއެއް ވަނީ ނެރެފަ އެވެ. އަދި ކޯޓުތަކާއި ވަކިވަކި ފަނޑިޔާރުންނާއި ވަކިވަކި މުވައްޒަފުންނާ މުއާމަލާތް ކުރުމުގެ ބަދަލުގައި ސުޕްރީމް ކޯޓާ މުއާމަލާތް ކުރުމަށާއި ކޮމިޓީތަކުގައި ޝަރުއީ ދާއިރާގެ އެއްވެސް މުވައްޒަފަކު ހިމަނާ ނަމަ ސުޕްރީމް ކޯޓުގެ ހުއްދަ ނެގުމަށް ކުރިން ނެރެފައިވާ ސާކިއުލާއަކަށް އަމަލުކުރުމުގެ ސާކިއުލާއެއް ވެސް އިއްޔެ ވަނީ ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ