އުމުރުން 82 އަހަރުގެ މީހަކު އޭދަފުށީ ފަޅުތެރޭ މަރުވެފައި އޮއްވައި ފެނިއްޖެ

އުމުރުން ދުވަސްވީ ފިރިހެނަކު ބ. އޭދަފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވައި މިއަދު ހެނދުނު ފެނިއްޖެ އެވެ.
މަރުވެފައި އޮއްވައި ފެނުނީ އެ ރަށު ސީސަންގެ، އަލީ އަބްދުﷲ، 82، އެވެ.
އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ޝަފީގު "މިހާރު" އަށް ވިދާޅުވީ އެ މީހާ މަރުވެފައި އޮއްވައި ފެނުނީ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އުޅުނު ބަޔަކަށް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އުމުރުން ދުވަސްވީ މީހާ މޫދަށް ވެއްޓިފައިވާ ކަމަށް ބެލެވެނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
"އެހެން މި ބުނަނީ ރޭ 10 ހާއިރު ބަނދަރުމަތިން ބައެއް މީހުންނަށް އޭނާ ފެނިފައި ހުރީ. ދެން އިތުރަށް ޔަގީން ކުރުމަށް ފުލުހުން އެ ދަނީ އެ ސަރަހައްދުގައި ހުރި ސީސިޓީވީ ފުޓޭޖުތައް ބަލަން،" އަލީ ޝަފީގް ވިދާޅުވި އެވެ.
ބޭރުފުށުން އެއްވެސް ކަހަލަ ޒަހަމެއް ފެންނަން ނެތް ނަމަވެސް އިތުރު ޓެސްޓްތައް ހެދުމަށްޓަކައި، އެ މީހާގެ ހަށިގަނޑު ރ. އުނގޫފާރު ހޮސްޕިޓަލަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ މި ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ