ތިރީސް ހަތް ރަށެއްގެ މީރު ފެންފަށަލައިގެ ހާލަތު ދެނެގަތުމަށް ދިރާސާކޮށްފި

ރާއްޖޭގެ 37 ރަށެއްގެ މީރު ފެން ފަށައިގެ ހާލަތު ހުރި ގޮތް ބެލުމަށް ދިރާސާތަކެއްކޮށްފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ ޤައުމީ ސިޔާސަތުގެ ދަށުން ރަށްރަށުގައި ހުރި މީރު ފެނުގެ ވަޞީލަތްތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް މަސައްކަތްކުރުމަކީ އެވުޒާރާގެ މައްޗަށް ޤާނޫނު އަސާސީން ލާޒިމުކުރާކަމެކެވެ.
ރާއްޖޭގެ ގިނަ ރަށްރަށުގެ ފެނުގެ ހާލަތު ހުރި ނެތްގޮތް ބެލުމަށް ދިރާސާތަކެއް ކުރުމުގެ މަސައްކަތް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އަންނަނީ ކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު މުސްޠަފާ ވިދާޅުވީ މިމަސައްކަތުގެ ދަށުން މިހާތަނަށް 37 ރަށެއްގެ ދިރާސާތައް ނިމިފައިވާކަމަށެވެ.
"ފެނުގެ ވަޞީލަތް ހިމާޔަތްކުރުމަށް އަޅުގަނޑުމެން ކެނޑިނޭޅި މަސައްކަތްކުރަން. މިގޮތުން މިހާތަނަށް 37 ރަށެއްގެ ޑީޓެއިލްޑް އެސެސްމަންޓުތަކެއްވާނީ ހެދިފައި. ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މީރުފެން ހުރި މިންވަރު ދެނެގަތުމަށް މަސައްކަތްކުރާނެ." މުސްޠަފާ ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މުސްޠަފާ ވިދާޅުވީ ރަށްރަށުގައި ކުރިއަށްގެންދެވުނު ދިރާސާތަކުން ރާއްޖޭގެ ބިންބޮޑެތި ރަށްރަށުގައި ރަނގަޅު މިންވަރަކަށް މީރުފެން ހުރިކަން ފާހަގަވެފައިވާކަމަށެވެ. މިދިރާސާގައި މީރުފެން ފަށަލައިގެ ބޯމިނާއި ހުރި މިންވަރު ދެނެގަތުމާއި ފެން ފަށަލަ ލޮނުވެފައިވާ މިންވަރާއި ތަޣައްޔަރުވެފައިވާ މިންވަރު ބަލާފައިވާކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު ފެންފަށަލަ ތަޣައްޔަރުވާ ކަންކަމުގެ ތެރެއިން ބިމަށް ނަޖިސް ހިނދުން ފާހަގަކުރައްވައި މިކަން ހުއްޓުވުމަކީ މުހިއްމުކަމެއްކަމަށް ވިދާޅުވިއެވެ. އެއާއެކު ރާއްޖޭގެ މީރު ފެންފަށަލަ ހިމާޔަތްކުރުމުގެ ފުރުސަތު ބޮޑުކަން މުސްޠަފާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް ދިމާވާ ފެނުގެ ކާރިސާތަކުގައި ގިނަ ރަށްރަށުގައި މީރުފެނުގެ ގުދުރަތީ ރިޒާވެއް ހުރިކަން ފާހަގަވާކަމަށް މުސްޠަފާވަނީ ވިދާޅުވެފައެވެ
2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވީ ސުނާމީ ކާރިސާއަށްފަހު ރާއްޖޭގައި ޤައުމީ ފެންވަރުގައި ފެނާއި ނަރުދަމާގެ ޚިދުމަތް އަސާސީ ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުންވަނީ ފައްޓަވާފައެވެ. ސުނާމީއާއެކު ގިނަ ރަށްރަށުގައި މީރު ފެން ފަށަލައަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން އޭރު ފާހަގަވެފައިވާއިރު، ބައެއް ރަށްރަށުގެ ފެނުގެ ރަހައާއި ވަހަށް އަދި ކުލައަށް ބަދަލުތަކެއް އައުމުގެ ޝަކުވާވަނީ ބޮޑުވެފައެވެ. ރަށްރަށުގެ އާބާދީ އިތުރުވުމާއި، ޒަމާނީ ވަޞީލަތްތަކާއެކު ފެން ބޭނުންކުރުމާއި ބިމަށް ފެން ހިންދާގޮތުގެ ސަބަބުންވެސް މީރު ފެންފަށަލައަށް އަސަރުކުރާކަމަށްވަނީ ބެލެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ