ސައުދީގެ އަބްހާ އެއާޕޯޓަށް ދިން ހަމަލާއަކާ ގުޅިގެން ޔޫއޭއީގެ ފްލައިޓްތަކެއް ކެންސަލްކޮށްފި

ސައުދީ އަރަބިއްޔާގެ ދެކުނުގައި އޮންނަ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް ޔަމަނުގެ ހޫތީން ޑްރޯން އަދި މިސައިލް ބޭނުންކޮށްގެން ދިން ހަމަލާއަކާ ގުޅިގެން، އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) އާއި ސައުދީއާ ދެމެދު ދަތުރުކުރާ ގިނަ ފްލައިޓްތަކެއް ކެންސަލްކޮށްފިއެވެ. ފްލައިޓްރާޑާ24 ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަދު އަބްހާ އެއާޕޯޓުން ފުރަން ހަމަޖެހިފައި އޮތް މަދުވެގެން 10 ފްލައިޓެއް ވަނީ ކެންސަލްކޮށްފައެވެ. މީގެ ތެރޭގައި ޔޫއޭއީގެ މައި ދެ ސިޓީ ކަމަށްވާ ދުބާއީ އަދި ޝާރްޖާއަށް ދަތުރުކުރާ ފްލައިޓްތައް ވެސް ހިމެނޭއިރު، މި ކެންސަލޭޝަންތަކުގެ ސަބަބުން އެ ދެ ގައުމުގެ ދެމެދުގައި ދަތުރުކުރާ ގިނަ އަދަދެއްގެ ފަސިންޖަރުންނަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. މި ދުވަސްވަރަކީ ރާއްޖެއިން ވެސް ގިނަ އަދަދެއްގެ ބަޔަކު އުމްރާގެ އަޅުކަމަށް ސައުދީއަށް ދަތުރު ކުރަމުން އަންނަ ދުވަސްވަރެކެވެ. މި ހަމަލާތަކާ ގުޅިގެން ރާއްޖެއާއި ސައުދީއާ ދެމެދު ކުރާ ދަތުރަކަށް ބަދަލެއް އައި ކަމުގެ މައުލޫމާތު އަދި ލިބިފައެއް ނުވެއެވެ. ފްލައިދުބާއީގެ ރަސްމީ ވެބްސައިޓުން ހާމަވާ ގޮތުގައި، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ދެއަކުން އަބްހާއަށް ދަތުރުކުރަން އޮތް ދެ ފްލައިޓެއް ވަނީ ކެންސަލްކޮށްފައެވެ. އެއީ މިއަދު ހެނދުނު 10:25 އަދި ހަވީރު 4:05 ގައި ފުރަން ހަމަޖެހިފައި އޮތް ދެ ފްލައިޓެވެ. މީގެ އިތުރުން، އަބްހާއިން އެނބުރި ޔޫއޭއީއަށް ދަތުރުކުރަން އޮތް ފްލައިޓްތަކެއް ވެސް ވަނީ ކެންސަލްކޮށްފައެވެ. ޔޫއޭއީގެ އެއާލައިންތަކުގެ އިތުރުން، ސައުދީގެ އެތެރޭގެ އުދުހުންތަކަށް ވެސް މި ހަމަލާގެ ސަބަބުން ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ފްލައިޓްރާޑާ24 އިން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ހެނދުނު 11:50 އިން ފެށިގެން ހަވީރު 5:55 އާ ދެމެދު ސައުދިއާ އެއާލައިންސްގެ ފަސް ފްލައިޓެއް ވަނީ ކެންސަލްކޮށްފައެވެ. އޭގެ ތެރޭގައި ވެރިރަށް ރިޔާޒަށް ދަތުރުކުރަން އޮތް ތިން ފްލައިޓަކާއި ޖިއްދާއަށް ދަތުރުކުރަން އޮތް ދެ ފްލައިޓެއް ހިމެނެއެވެ. ހަމައެހެންމެ، ބަޖެޓް އެއާލައިން ފްލައިއަޑީލް އިން އަބްހާއިން ޖިއްދާއަށް ދަތުރުކުރަން އޮތް ދެ ފްލައިޓެއް ކަމަށްވާ މެންދުރު 1:05 ގެ ފްލައިޓާއި ހަވީރު 5:25 ގެ ފްލައިޓް ވެސް ވަނީ ކެންސަލްކޮށްފައެވެ. އަބްހާ އެއާޕޯޓަށް ހޫތީން ހަމަލާދީފައިވަނީ އިއްޔެ ރޭގެ ވަގުތެއްގައެވެ. މި ހަމަލާ ދީފައިވަނީ ޔަމަނުގެ ވެރިރަށް ސަންއާގައި އޮންނަ ސަންއާ އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ހަމަލާތަކެއް ދިންތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަބްހާ އެއާޕޯޓަށް ދިން ހަމަލާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވެފައެއް ނުވެއެވެ. މިއީ ފާއިތުވި މަދު އަހަރުތަކެއްގެ ތެރޭގައި ނިސްބަތުން ހަމަހިމޭންކޮށް އޮތުމަށްފަހު، ހޫތީންނާއި ސައުދީއާ ދެމެދު ހިނގި އެންމެ ބޮޑު އެއް ކުރިމަތިލުމެވެ. މި މައްސަލައާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުން ވަނީ އިއްޔެ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި އދ. ގެ އޮފިޝަލުން ވަނީ މި ހަމަނުޖެހުންތައް މުޅި ސަރަހައްދަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒް ޚާލިދު ޚިޔާރީ ވިދާޅުވި ގޮތުގައި، ޔަމަނާއި މުޅި ސަރަހައްދަށް ވެސް އިތުރު ހަމަނުޖެހުންތަކެއް ތަހައްމަލެއް ނުކުރެވޭނެއެވެ. އަދި އދ. ގެ ބެލުމުގެ ދަށުން ކުރިއަށްދާ މަޝްވަރާތަކުގައި ބައިވެރިވުމަށް ހުރިހާ ފަރާތްތަކަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ