އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި އެ މަޝްރޫއު ނިމޭނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ، ސެންޓްރަލް ޕަވަރ ސްޓޭޝަން (ސީޕީއެސް) ގެ މަސައްކަތަކީ ބޮޑު އަދި އުނދަގޫ މަސައްކަތަކަށް ވީނަމަވެސް، ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. މި މަޝްރޫއަކީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މިއަހަރުގެ މާރިޗު މަހު ދުބާއީގެ ޑެފިނިޓް ސޮލިއުޝަންސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އަފީފް ވިދާޅުވި ގޮތުގައި އޭނާ މަގާމާ ހަވާލުވިއިރުވެސް މި މަޝްރޫއު އޮތީ ފެށިފައެވެ. "މަގާމާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ކުރި އެއް ކަމަކީ މި މަޝްރޫއު ހިނގަމުންދާ ގޮތް ބެލުން. މަސައްކަތް ކުރިއަށްދަނީ ވަރަށް ހިތްހަމަޖެހޭ ސްޕީޑެއްގައި،" އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން ބެލްޖިއަމްގެ އެންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭބީސީ) އިން އުފައްދާ ޒަމާނީ ލޯ-ސްޕީޑް ޖަނަރޭޓަރުތައް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު ބޭރު ގައުމެއްގައި ޖަނަރޭޓަރުތައް އުފެއްދުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ މަސައްކަތްތައް ބަލައި ފާސްކުރުމަށް ފެނަކައިގެ ޓެކްނިކަލް ޓީމެއް ވަރަށް އަވަހަށް ރާއްޖޭން ބޭރަށް ފުރާނެ ކަމަށްވެސް އަފީފް ވިދާޅުވިއެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ ޑިމާންޑް ޕީކް ގަޑިތަކުގައި 12 މެގަވޮޓަށް އަރާއިރު، މިހާރު ހިތަދޫގައި ހުރި 20 ޖަނަރޭޓަރުން 26.8 މެގަވޮޓް އުފެއްދުމުގެ ގާބިލުކަން ހުރި ނަމަވެސް، އިންޖީނުތައް ބާވެ ހަލާކުވުމުގެ ސަބަބުން ކަރަންޓު ކެނޑުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. އާ ސެންޓްރަލް ޕަވަރ ސްޓޭޝަން ނިމުމުން 26.37 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ ކަމަށް ފެނަކައިން ބުނެއެވެ.
މަޝްރޫއުގެ ބޮޑު ބައެއް މިއަހަރު ނިމޭނެ ކަމަށާއި، އަންނަ އަހަރު މުޅި މަޝްރޫއު ނިމި އަމަލީ ގޮތުން ބޭނުންކުރަން ފެށުމުން އައްޑޫގެ ކަރަންޓަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކައިން އުންމީދު ކުރެއެވެ.
އައްޑޫގެ ކަރަންޓު މަޝްރޫއު އަންނަ އަހަރު ނިމޭނެ: އަފީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ