ހުޅުމާލޭ މާރުކޭޓުގައި މީދާ އުޅޭ މައްސަލަ އެމްއެފްޑީއޭއިން ބަލަން ފަށައިފި

ހުޅުމާލޭ ލޯކަލް މާރުކޭޓުގައި މީދާ ގިނަވެ، ވިއްކަން ބަހައްޓާފައި ހުންނަ ތަރުކާރީއާއި މޭވާގެ ތެރޭގައި މީދާ އުޅޭ މައްސަލައެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބަލަން ފަށައިފިއެވެ.
މި މައްސަލަ ފެންމަތިވެފައި ވަނީ މިއަދު ހެނދުނު އާންމުންގެ މީހަކު ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި މާރުކޭޓު ގޮޅިއެއްގެ ތެރޭގައި އަތުރާފައި ހުރި ތަރުކާރީ އާއި މޭވާތަކުގެ މަތީގައި މީދަލެއް ދުވެފައި އުޅެއެވެ. ވަކިން ހާއްސަކޮށް، ކުޑަ މީދަލެއް ފަޅާފައި އޮތް ކަރައެއްގެ މަތީގައި އޮތް މަންޒަރު އެ ވީޑިއޯއިން ސާފުކޮށް ފެނެއެވެ.
ވީޑިއޯ ހިއްސާކުރި ފަރާތުން ވަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މިކަމާ ގުޅިގެން ދަ ޕްރެސް އިން ސުވާލުކުރުމުން އެމްއެފްޑީއޭ އިން ބުނީ، ހުޅުމާލޭ މާރުކޭޓާ ގުޅޭ އެފަދަ ޝަކުވާއެއް މިއަދު ހެނދުނު އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައި ވެއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެމްއެފްޑީއޭގެ މުހިންމު ޒިންމާއަކަށްވާއިރު، އާންމު ސިއްހަތަށް ނުރައްކާވާ ފަދަ މިފަދަ ކަންކަން ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ