ޑޮލަރު ތާށިވީ ސަރުކާރުގެ އިސްރާފު ބޮޑު ވެގެން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވުމުން ރައްދުދެއްވަމުން ޑޮލަރު ތާށިކޮށް ރާއްޖެ ދަރުވާލުމުގެ މޭސްތިރިއަކީ އަމީރު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު މިހެން ވިދާޅުވީ އަމީރު ދެއްކެވި ވާހަކަތަކަކީ ހަގީގަތެއްތޯ ނޫސްވެރިޔަކު ސުވާލު ކުރުމުންނެވެ. އެއަށް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި އަމީރަށް ބަހުގެ ހަމަލާތައް އަމާޒުކުރައްވާ ވިދާޅުވީ، އަމީރަކީ ޑޮލަރު ތާށިކަމުގެ ވާހަކަ ދައްކަވަން އެންމެ ރަނގަޅު ބޭފުޅެއް ނޫން ކަމަށެވެ.
Enterprise Development Industrial Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
MU STORE
MGH Group of Companies
"އެ ވިދާޅުވީ އެކަން ކުރެއްވި ހަމަ މޭސްތިރިއެއް. ރާއްޖެ ދަރުވާލުމުގެ މޭސްތިރިއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފިނޭންސް މިނިސްޓަރު އިނގޭތޯ! އެ މަނިކުފާނުގެ ޒިންމާގެ ތެރެއިން ރާއްޖެ މި ހިސާބަށް ވައްޓާލާފަ އެ އޮތީ،" ސައީދު ވިދާޅުވި އެވެ.
ސަރުކާރުގެ ހަރަދު ބޮޑު ވުމުގެ ވާހަކަ ދެއްކެވެމުގެ ބަދަލުގައި ސައީދު ދެއްކެވީ ޑޮލަރު ތާށިކަމުގެ މައްސަލައިގައި އޭނާ އަބަދު ވެސް ދައްކަވާ ކުރީ ސަރުކާރުގައި އަށް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޗާޕުކުރި ވާހަކަ އެވެ.
އެ ގޮތުން ސައީދު ވިދާޅުވީ، ކުރީ ސަރުކާރުގެ ދައުރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ވެސް ހިމެނޭ ގޮތަށް ފައިސާ ޗާޕުކުރާ މައްސަލައިގައި އަމީރާ ސުވާލުކުރި ކަމަށެވެ. އަދި، އަމީރު ސަރުކާރަށް ފާޑުކިޔުން އަމާޒުކުރި ޕެނަލް ޑިސްކަޝަންގައި ދެން ބައިވެރިވީ، އެ މައްސަލައިގައި އޭނާއަށް އޭރު ފާޑުކީ ދެ މެންބަރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ދެ މެންބަރުންނަކީ ގަލޮޅު ދެކުުނު ދާއިރާގެ ކުރީގެ މެންބަރު އީވާ އަބްދުالله އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބެވެ. ސައީދު ވިދާޅުވީ، އޭރު އިލްޔާސް ވެސް ވަނީ ފައިސާ ޗާޕުކުރުމުން ރުފިޔާގެ އަގު ވެއްޓޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރި ކަމަށެވެ.
"އަމީރުއޭ ތިހެން ނުހައްދަވާށޭ، ފައިސާ ތިވަރަށް ޗާޕުކުރީމަ ޑޮލަރުގެ ކުރިމަތީގަ ދިވެހި ރުފިޔާ ނިކަމެތި ވެއްޖެޔޭ، ވަނިއްޔޭ ދުވަހަކު ވެސް ތި ވަރުގެ ގެއްލުމަކުން ސަލާމަތް ނުވާނެއޭ. ވިދާޅުވަމުން ގެންދެވީ އޭރު އިލްޔާސް ލަބީބުމެން،" އޭނާ ވިދާޅުވި އެވެ.
ސައީދު ފާހަގަކުރެއްވި އަނެއް ކަމަކީ ފައިސާ ޗާޕުކުރުމުގެ ބޭނުން ކެނޑުނު ފަހުން ވެސް ކުރީ ސަރުކާރުގައި ފައިސާ ޗާޕުކުރަމުން ދިޔުމެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވަނީ ސަރުކާރުން އިސްރާފު ކުޑަނުކުރުމާއި، ބަޖެޓް ފައިނޭންސްކުރަން ބޭނުންވާ ބޭރު ފައިސާ ހޯދުމަށް ނުކުޅެދިފައިވާތީ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވެއްޖެ. އަމީރު ވިދާޅުވީ ސަރުކާރުގެ ނާގާބިލު ސިޔާސަތުތަކުގެ ސަބަބުން ޑޮލަރުގެ ރޭޓު އުފުލި، އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް ގެއްލުންވަމުންދާ ކަމަށް.
އެ ގޮތުން ސައީދު ވިދާޅުވީ އޭނާ މާވަށު ދާއިރާގެ މެންބަރަކަށް ހުންނަވައިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް ހުންނެވި ހާޝިމް އާއި އަމީރާ ވެސް ފައިސާ ޗާޕުކުރުމުގެ "ރޭޝަނާލް" ނޫނީ ސަބަބު އަދި އެ ހާލަތަކީ ކޮބައިކަން ސާފުކުރަން ތަކުރާރުކޮށް އެދުނު ކަމަށެވެ. ނަމަވެސް، އެ ސުވާލަށް ސީދާ ޖަވާބެއް ނުލިބޭ ކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، އިދިކޮޅުގައި ތިބެ އެ ހުރިހާ ވާހަކައެއް ދައްކާއިރު މި މައްސަލަ ހައްލުކުރަން އިގުތިސޯދު ކުރިއަރުވަން ކުރާނެ ކަމެއް ބުނެނުދެވޭ ކަމަށެވެ. އަދި، ދެ ފަހަރު ލިބުނު ފުރުސަތުގައި ވެސް އެމްޑީޕީން ކުރި ކަމަކީ ޓޫރިޒަމަށް ބަރޯސާވެގެން އިގުތިސޯދު ކުރިއަރުވަން ކަމަށާއި އާ ކަމެއް ނުކުރެވޭ ކަމަށެވެ.
ދެން ކުރި ކަމަކީ، ސައީދު ވިދާޅުވި ގޮތުގައި، ހުރިހާ ސަރުކާރުތަކުން ވެސް ކުރި ގޮތަށް، ސޯޝަލް ސްޕެންޑިން ފަދަ ހަރަދުތައް ބޮޑު ކުރުމެވެ. މި ކަންކަމާ ހުރެ، ރައީސް މުހައްމަދު މުއިއްޒު ސަރުކާރު ހިންގެވުމާ ހަވާލުވެޑައިގެންނެވިއިރު ކަންކަން ހުރީ ވަރަށް ގޯސް ހާލަތެއްގައި ކަމަށާއި ފުރަތަމަ ކުރަން ޖެހުނު ކަމަކީ އެ ހާލަތުން ސަލާމަތްކުރުން ކަމަށެވެ.
"[މުއިއްޒު ވެރިކަމާ ހަވާލުވީއިރު] ވާރުތަވީ ކަންތައްތަކެެއްހުރި. އެއީ ބޮޑު ދަރަންޏެއް. ނުރައްކާތެރި ދަރަންޏެއް. ނުރައްކާތެރި ހާލަތެއް. ބަނަ ހާލަތެއް އެ ހާލަތުން ސަލާމަތްކުރުމަށް ޓަކައި އެމަނިކުފާނުގެ ފުރަތަމަ ދެ އަހަރު ވަރަށް ކޯޝަސްކޮށް، ވަރަށް ކެއާފުލީ މަސައްކަތްތަކެއް ކުރަން ޖެހުނު." ސައީދު ވިދާޅުވި އެވެ.
ޑޮލަރު މައްސަލަ ހައްލުކުރަން، މި ސަރުކާރުން ކުރި ކަންކަން ބަޔާންކުރައްވަމުން ސައީދު ނަންގަތީ ބޭރު ފައިސާ މާރުކުރަން މަޖުބޫރުކުރުމުގެ ސިޔާސަތެވެ. އޭނާ ވިދާޅުވީ، މިއީ އެއްވެސް ސަރުކާރަކަށް ކުރަން ކެރުނު ކަމެއް ނޫން ކަމަށާއި އެ ކަން ކުރީ ގައުމު ދަރަނިން ސަލާމަތްކުރަން ޖެހިގެން ކަމަށެވެ. އަދި، މިހާތަނަށް މި ސަރުކާރުގައި ދެ ބިލިއަން ޑޮަލަރަށް ވުރެ ގިނަ ދަރަނި އަނބުރާ ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައީދު ވަނީ ޑޮލަރު ތާށިކަމުގެ ވާހަކަ އަމީރު ދެއްކެވެމުން އުނދަގޫވާ ނޫނީ އޭނާއަށް "އައިބު" ކަމަށް ސިފަވާ އަނެއް ސަބަބަކީ ކުރީ ސަރުކާރުގައި އާމްދަނީ އިތުރުކުރަން އެއްވެސް ކަމެއް ނުކުރުމެވެ. އޭނާ ވިދާޅުވީ، އެ ސަރުކާރުގައި އާމްދަނީ އިތުރުކުރަން ހަމަ އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.
ސައީދު ވިދާޅުވާ ގޮތުގައި މި ސަރުކާރުން ވަނީ ޑޮލަރު މައްސަލަައިގައި ކުރިއެރުންތަކެއް ހޯދާފަ އެވެ. އެއް ކަމަކީ ބޮޑު ދަރަނި ދެއްކުމެވެ. އޭނާ ފާހަގަކުރެއްވީ އަނެއް ކަމަކީ މި ސަރުކާރުގެ ދައުރުގެ ތެރޭގައި ކުރިން އެއްވެސް ސަރުކާރެއްގައި ނުލިބޭ ވަރަށް ބޭންކިން ނިޒާމުގެ ތެރެއިން ވިޔަފާރިތަކާއި އާންމުންނަށް ޑޮލަރު ލިބޭނެ މަގުފަހިކުރުމެވެ. އޭގެ އިތުރުން ފޮރިން އިންވެސްޓްމަންޓް ގާނޫނު ބަދަލުކުރުމާއި، ބައިލެޓެރަލް ޓްރޭޑް އެގްރީމަންޓުތައް ވެސް ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން ސައީދު ވަނީ ކާބޯތަކެތީގެ އަގު އުފުލުމުގެ މައްސަލައަށް ވެސް މި ސަރުކާރުގައި ހައްލު ހޯދިފައިވާ ކަމަށެވެ. އަދި އެކަން ކުރެވުނީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް މި ސަރުކާރުން އިތުރުކުރި ބާވަތްތަކާއެކީ، އެސްޓީއޯ މެދުވެރިކޮށް އެ ބާވަތްތައް ސަޕްލައި ކަށަވަރުކުރުމުގެ ސިޔާސަތުން ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހުރިހާ ވާހަކަތަކެއް ވަރަށް ތަފުސީލުކޮށް ދެއްކެވި ނަމަވެސް، ޑޮލަރުގެ އަގު ބޮޑު ވުމުގެ މައްސަލައިގައި މި ސަރުކާރުގެ ހަރަދު ކުރުމާ އެއްވެސް ގުޅުމެއް އޮތް ކަމަށް ނުވަތަ ނެތް ކަމަށް ވެސް ސައީދު ވިދާޅެއް ނުވެ އެވެ. އޭގެ ބަދަލުގައި އޭނާގެ މުޅި ޖަވާބު ބޭނުންކުރެއްވީ އިދިކޮޅަށް ބަހުގެ ހަމަލާތައް އަމާޒުކުރެއްވުމަށާއި ސަރުކާރަށް ކަމެއް ނުވެގެން އުޅެނީ ދަރަނިތައް ދައްކަން ޖެހޭތީ ކަމަށް ބަޔާންކުރެއްވުމަށެވެ.
ރާއްޖެ ދަރުވާލުމުގެ މޭސްތިރިއަކީ ކުރީގެ މިނިސްޓަރު އަމީރު ކަމަަށް ސައީދު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ