ހުރުމުޒު ކަނޑުއޮޅީގެ ބަލަދުވެރި ފަރާތަކީ އެމެރިކާ: ޓްރަމްޕް

ވޮޝިންޓަން (13 ޖުލައި 2026): ހުރުމުޒު ކަނޑުއޮޅީގެ ބަލަދުވެރި ފަރާތަކީ އެމެރިކާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް ޓުރުތް ސޯޝަލްގައި ލިޔެފައިވާ ގޮތުގައި އެމެރިކާ ބާރުގެ ބޭނުންކޮށްގެން ހުރުމުޒު ކަނޑުއޮޅި ހުޅުވާނެއެވެ. އަދި އެތަން ހުރަސްކުރާ އުޅަނދުތަކުން 20 އިންސައްތައިގެ ޓޯލް ފީއެއްވެސް އެމެރިކާ ނަގާނެއެވެ. މިއާއެކު އެމެރިކާ ވާނީ ހުރުމުޒު ކަނޑުއޮޅީގެ ބަލަދުވެރި ފަރާތް ކަމަށްވެސް ޓްރަމްޕް ބުނެފައިވެއެވެ. ޓުރުތް ސޯޝަލްގައި ޓްރަމްޕް ލިޔެފައިވާ ގޮތުގައި ޓޯލް ފީގެ ގޮތުގައި 20 އިންސައްތައިގެ ފީއެއް ނަގާގޮތަށް އޭނާ ނިންމީ އެކަނޑުއޮޅިން ހުރަސްކުރުމަށް ދޭންޖެހޭ އަމާންކަމާއި ރައްކާތެރިކަން އެމެރިކާ ފޯރުކޮށްދޭތީ އެކަމުގެ އަގެއްގެ ގޮތުގައެވެ. ޓްރަމްޕް މިމޭރުމުން އޭނާގެ ޓުރުތް ސޯޝަލްގައި ލިޔެފައިވާއިރު ޓްރަމްޕްވަނީ ހުރުމުޒު ހުރަސްކުރުމަށް ދޭންޖެހޭ އަމާންކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އަގެއްގެ ގޮތުގައި ޓޯލް ފީއެއް ނެގުމަށް އީރާން ނިންމުމުން އެކަމާދެކޮޅަށް އަޑުއުފުލައި އީރާނުގެ ކިބައިން ހުރުމުޒު ސަލާމަތް ކުރުމަށް ކަމަށް ބުނެ އީރާނަށް ބޮންއަޅައި ބޮޑެތި ގެއްލުންތަކެއް ދިނުމުގެ އަސްކަރީ އޮޕަރޭޝަނެއް އީރާން އާ ދެކޮޅަށް ފަށާފައެވެ. މި އޮޕަރޭޝަންގެ ދަށުން އެމެރިކާ ރޭވެސް އަދި މިއަދުވެސް ވަރަށް ވަރުގަދަ ހަމަލާތަކެއް އީރާނުގެ އެކި ސަރަހައްދުތަކަށް ވަނީ ދީފައެވެ. ގިނައިން އެެމެރިކާ ހަމަލާދީފައިވަނީ ހުރުމުޒު ކަނޑުއޮޅި ކޮންޓްރޯލް ކުރުމަށް އީރާން ބިނާކޮށްފައިވާ އަސްކަރީ އިންފްރާސްޓްރަކްޗާ އަށެވެ. މި އިންފްރާސްޓްރަކްޗާ އެއްކޮށް ހަލާކުކޮށްލެވިއްޖެކަމަށާއި އީރާން އަތުގައި މިހާރު އެއްވެސް ބާރެއް ނެތްކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ. ނަމަވެސް އީރާނުގެ ހުއްދަނެތި ހުރުމުޒުން ހުރަސްކުރަން އުޅުނު ޔޫއޭއީ ގެ ދެ ޓޭންކަރަކަށް އީރާނުންވަނީ މިއަދުވެސް ހަމަލާދީ އެދެ ޓޭންކަރުގެ ދަތުރު ހުއްޓުވާފައެވެ. އީރާނުގެ މިސައިލްތަކެއް އެރުމުގެ ސަބަބުން މިދެޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށާ އަދި އެއްޓޭންކަރުގެ ފަޅުވެރިންގެ ތެރެއިން ދެމީހަކު މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާން މިއަދުވަނީ ބަހްރައިންއާއި ކުވައިތުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޑްރޯންއާއި މިސައިލުން ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި އެމެރިކާގެ ރާޑަރަކާއި ޕެޓްރިއޮޓް މިސައިލް ސިސްޓަމެއް ހަލާކުވެ ހަތިޔާރު ގުދަނެއްގައި އަލިފާން ރޯވިކަމަށް ޚަބަރުތައް ބުނެއެވެ. މުހައްލިލުން ވިދާޅުވާގޮތުގައި ބޮންއަޅައިގެން އީރާނުގެ އަސްކަރީ ގާބިލްކަން ނައްތާލުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫނެވެ. އެއީ އީރާނުގެ އަސްކަރީ ސިނާއަތުގެ ބޮޑުބައެއް އެގައުމުގެ ފަރުބަދަތަކުގެ އަޑީގެ ބިންގަރާސްތަކުގައިވާތީއެވެ. އަސްކަރީ ތަޖުރިބާކާރުން ދެކޭގޮތުގައި ހުރުމުޒު ކަނޑުއޮޅިއަށް އީރާން ހަމަލާތައް ދެމުން ގެންދަނިކޮށް އެތަންހުރަސްކުރާ އުޅަނދުތަކަށް އަމާން މާހައުލެއް ގާއިމް ކޮށްދިނުމަކީ އެމެރިކާއަށްވެސް އަދި އެހެން ގައުމަކަށްވެސް ކުރެވޭނެ ކަމެއްނޫނެވެ. އަނެއްކޮޅުން ހަނގުރާމައިގެ ހާލަތުގައި ހުރުމުޒު އޮންނަހާ ހިނދަކު އެތަނަށް މަދަނީ ބޯޓުތަކެއް ނުދާނެކަމަށްވެސް އެފަރާތްތަކުން ދެކެއެވެ. އެއީ ހަނގުރާމައިގެ ސަރަހައްދުތަކަށް ވަދެގެން ލިބޭނެ ގެއްލުންބޮޑުކަމުން އިންޝުއަރެންސް ކުންފުނިތަކުން އިންޝުއަރެންސް ނުދޭނެތީއެވެ. އީރާންވަނީ ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް އެގައުމުގެ އަތްދަށުން ނުނެގޭނެ ކަމަށް ބުނެފައެވެ. އަދި އެމެރިކާފަދަ ސަރަހައްދާ ދުރު ބޭރުގެ ބާރުތައް ހުރުމުޒު ގެ ކޮންޓްރޯލް ނެގިޔަ ނުދޭނެކަމަށް ބުނެފައެވެ. މީގެ ދެމަސް ކުރިންވެސް ހުރުމުޒު ހުޅުވާލުމުގެ ބޭނުމުގައި އެތަނުގައި އެމެރިކާ އަސްކަރީ އޮޕަރޭޝަނެއް ފެށިފައެވެ. ނަމަވެސް ފެށިތާ ދެވަނަދުވަހު އެ އޮޕަރޭޝަންވަނީ ހުއްޓާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ