ސައިބާ ކުށްތައް އިތުރުވެއްޖެ، ގިނައީ އޮންލައިން ޝޮޕިންގ ސްކޭމް: ފުލުހުން

ދިވެހިރާއްޖޭގައި ސައިބާ ކުށްތައް ނުވަތަ އިންޓަނެޓާއި ޓެކްނޮލޮޖީގެ ޒަރީއާއިން ކުރާ ކުށްތައް ރިޕޯޓުކުރާ މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 105 އިންސައްތައަށްވުރެ އިތުރުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށަހެޅިފައިވަނީ ސައިބާ ކްރައިމްގެ 512 މައްސަލައެވެ. ނަމަވެސް، 2026 ވަނަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ވަނީ 1,053 އަށް އުފުލިފައެވެ. ފުލުހުން ބުނީ، މި އަހަރު 884 މައްސަލައެއްގެ ތަޙުޤީޤު ކުރިއަށްދާއިރު، އެކި ފިޔަވަޅުތައް އެޅުމަށްފަހު 457 މައްސަލައެއް ނިންމައި، ފައިލްކޮށްފައިވާކަމަށެވެ. މީގެތެރޭގައި، މި މުއްދަތުގެ ކުރިން ހުށަހެޅުނު މައްސަލަތައްވެސް ހިމެނޭކަން ފުލުހުން ފާހަގަކުރިއެވެ.
ފުލުހުން ބުނީ، ސައިބާ ކުށްތަކުގެ ނިސްބަތް މިހާ ބޮޑަށް އުފުލުމުގެ މައިގަނޑު ސަބަބަކީ އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވުން ކަމަށާއި ތަފާސްހިސާބުތަކުން ދައްކައިދެނީ ކުށްކުރާ ފަރާތްތަކުން އާންމުންގެ އަތުން ފައިސާ ފޭރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ މިންވަރު ފުޅާވެފައިވާކަމެވެ.
އެގޮތުން، ވަކިވަކި ކުށްތަކަށް ބަލާއިރު އޮންލައިން ޝޮޕިންގް ސްކޭމްގެ ކުށްތައް ވަނީ 86 އިން 464 އަށް އިތުރުވެފައެވެ. މިއީ 439 އިންސައްތައިގެ އިތުރުވުމެކެވެ. މިއީ މުޅި ސައިބާ ކްރައިމްގެ ބާވަތްތަކަށް ބަލާއިރު މިއަހަރު އެންމެ ގިނައިން ރިޕޯޓުކުރެވުނު އަދި އެންމެ ބޮޑަށް އިތުރުވި ބާވަތެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތައް 15 އިން 109 އަށް އިތުރުވެފައިވާއިރު، މިއީ 626 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ބޭރު ފައިސާ ބަދަލުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް 56 އިން 103 އަށް އިތުރުވެ، 83 އިންސައްތަ ވަނީ އިތުރުވެފައެވެ.
މީގެއިތުރުން، މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވި ނަމަވެސް، މީގެ ކުރީ އަހަރުތަކުގައި އާންމުކޮށް ފެންނަ މީހުންގެ ޒާތީ މަޢުލޫމާތާއި އަބުރާ ގުޅުންހުރި ބައެއް ކުށްތައް ދަށަށް ގޮސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން، އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ މައްސަލަތައް 16 އިން 4 އަށް މަދުވެފައިވާއިރު، މިއީ 75 އިންސައްތައިގެ ދަށްވުމެކެވެ. އަދި އަމިއްލަ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކުރުމުގެ މައްސަލަތައް 37 އިން 26 އަށް (29 އިންސައްތަ) ދަށަށް ގޮސްފައިވާއިރު، ކްރެޑިޓް އަދި ޑެބިޓް ކާޑު ފްރޯޑްގެ މައްސަލަތައްވެސް ވަނީ 65 އިން 63 އަށް ދަށަށް ގޮސްފައެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާގޮތުގައި، ސައިބާ ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގެއްލޭ މުދާ އަނބުރާ ހޯދައިދިނުމަށް ފުލުހުން ދަނީ ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މި މުއްދަތުގެ ތެރޭގައި 182 މައްސަލައެއްގައި އާންމު ރައްޔިތުންނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ހެކްކޮށްފައިވާ ވައިބަރ، ވަޓްސްއެޕް އަދި ފޭސްބުކް ފަދަ 120 އެކައުންޓެއް އަނބުރާ ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ފުލުހުން ބުންޏެވެ.
ހަމައެއާއެކު، ކުށްތަކުން ރައްކާތެރިވުމަށް އާންމުން ހޭލުންތެރިކުރުމަކީ މިފަދަ ކުށްތައް ހުއްޓުވުމަށް އޮތް އެންމެ މުހިންމު ފިޔަވަޅުކަމަށްވާއިރު، މި އަހަރުގެ މިހާތަނަށް ފުލުހުން ހިންގި އެކިއެކި އާންމު ހޭލުންތެރިކަމުގެ ސެޝަންތަކުގައި ޖުމްލަ 3،143 ފަރާތަކަށް މަޢުލޫމާތު ފޯރުކޮށްދީފައިވާކަމަށް ފުލުހުން ބުންޏެވެ. މީގެތެރޭގައި ހިމެނެނީ 1,972 ދަރިވަރުނާއި 743 ބެލެނިވެރިނާއި އޮފީސްތަކުގެ 428 މުވައްޒަފުންނެވެ.
ފުލުހުން ފާހަގަކުރިގޮތުގައި، ސައިބާ ކުށްތަކުން ރައްކާތެރިވުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ އާންމު ފަރުދުންގެ ހޭލުންތެރިކަމާއި އެކަމަށް ދޭ ސަމާލުކަމެވެ. އެގޮތުން، އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުޢާމަލާތްތައް ހިންގުމުގައި، މުޢާމަލާތުކުރެވޭ ފަރާތުގެ ޞައްޙަކަން ކަށަވަރުކުރުމަށާއި އަމިއްލަ ޒާތީ މަޢުލޫމާތާއި ބޭންކިންގ ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ