ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ނުބާއްވަން ސަރުކާރުން މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ޖުލައި 26 ގައި ފާހަގަކުރާ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ބައްދަލުކުރެއްވުން މި އަހަރު ވެސް ނުބޭއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
އެ ބައްދަލުކުރެއްވުން ނުބޭއްވެވުމަށް އެ މަނިކުފާނު ނިންމެވީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ މި ފަހަރު އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 09:00 ގައި ސޯޝަލް ސެންޓަރުގައި ކަމަށެވެ. އެ ޖަލްސާގައި ރައީސް މުއިއްޒު ގައުމާ މުހާތަބުކުރައްވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މިދިޔަ އަހަރު ވެސް މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ނުބާއްވަ އެވެ.
ކޮންމެ އަހަރެއްގެ ވެސް މިނިވަން ދުވަހާ ގުޅިގެން ރައީސް ރަސްމީ ބައްދަލުކުރެއްވުމެއް ބާއްވަވަ އެވެ. އެ ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އޮންނަނީ ދައުވަތު އަރުވައިގެން ވަޑައިގަންނަވާ ބޭފުޅުންނާ ރައީސްގެ ދެކަނބަލުން ސަލާމްކުރެއްވުމާއި ޖާފަތެވެ.
ހަރަދު ކުޑަކުރުމަށް މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ނުބާއްވަން މި އަހަރު ވެސް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ