ޖީއެމްއާރު ވާހަކަ މައުމޫން ދައްކަވަނީ ފޮރުވިފައިވާ ސިޔާސީ މަގުސަދެއްގައި: އެޑްވައިޒަރު

ޖީއެމްއާރު މައްސަލައާ ގުޅޭ ގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިހާރު ދައްކަވާ ވާހަކަފުޅުތަކުގެ އަޑީގައި ސިޔާސީ މަގުސަދުތަކެއް ފޮރުވިފައިވާ ކަމަށް ރައީސް މުހައްމަދު ވަހީދުގެ ޕޮލިޓިކަލް އެޑްވައިޒަރު އަހުމަދު ތައުފީގް މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ދައުވަތަކަށް މައުމޫން އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައި ވަނީ ޖީއެމްއާރުގެ އެއްބަސްވުން ވާހަކަ ދައްކައިގެން ހައްލުކުރަން މި ސަރުކާރުގައި އެދިވަޑައިގަތް ނަމަވެސް އެކަން ހިނގީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.
ތައުފީގް ވިދާޅުވީ ޖީއެމްއާރު އެގްރިމަންޓް ބާތިލްކުރުމަށް ސަރުކާރަށް އެންމެ ބޮޑަށް ބާރު އެޅީ ޕީޕީއެމުން ކަމަށެވެ. އަދި އެ މައްސަލައިގައި ޖީއެމްއާރާ އެކު މަޝްވަރާ ކުރަން ޕީޕީއެމްގެ އެއްވެސް ބޭފުޅަކު ރައީސް ވަހީދުގެ އަރިހުގައި އެދިވަޑައިގެންފައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތައުފީގު ވިދާޅުވި ގޮތުގައި ޖީއެމްއާރު މައްސަލައިގައި ކުއްލިއަކަށް މައުމޫންގެ ސްޓޭންޑް ބަދަލު ކުރެއްވުމުން ސަރުކާރަށް ލިބުނީ ހައިރާންކަމެކެވެ. އަދި ޖީއެމްއާރު އެއްބަސްވުން ބާތިލްކުރި މައްސަލައިގައި މައުމޫން ހައްދަވަނީ އިތުރުފުޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ހުރިހާ ޕާޓީތަކެއްގެ މެދުގައި މަޝްވަރާ ކުރެވިގެން ވަރަށް ޒިންމާދާރުކަމާ އެކީގައި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތުގައި ކުރެވިފައި އޮތް ކަމެއް. މިހާ ރަނގަޅަށް ގޮސްފައި އޮތް ކަމެއްގައި، އަނެއްކާ ރައީސް މައުމޫން ވެސް މީޑިޔާގެ ޒަރިއްޔާ އިން އެކި ފަހަރު މަތިން ވިދާޅުވެފައި އެބަ އޮތް އެކަން ކުރީ ]ޖީއެމްއާރަށް އެއާޕޯޓް ދިނީ{ ރަނގަޅަށް ނޫން ކަމަށް. މިހާރު އެމަނިކުފާނު މިދައްކަވާ ވާހަކަފުޅުތަކަކީ ކޮންމެވެސް ސިޔާސީ މަގުސަދެއް އޭގައި އޮވެގެން އެކަން ހާސިލްކުރައްވަން ދައްކާ ވާހަކަ ފުޅުތަކެއް،" ތައުފީގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖީއެމްއާރުގެ މައްސަލަ އަކީ ރާއްޖޭގެ ދާޚިލީ ކަމަކަށް ވާއިރު ބޭރުގެ ގައުމުތަކަށް ވަޑައިގެން އެ މައްސަލައިގެ ތެރެއަށް އިންޑިޔާ ފަދަ ގައުމުތައް ވައްދަން މައުމޫން ފަދަ ބޭފުޅަކު މަސައްކަތްކުރައްވައިގެން ނުވާނެ ކަމަށެވެ. އަދި އެފަދަ ވާހަކަތަކުގެ ސަބަބުން ރާއްޖެ އާއި އިންޑިޔާގެ ގުޅުމަށް އިތުރު ނުތަނަސްކަމެއް ލިބުމުގެ ބިރު އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
"އެ މައްސަލައިގައި ކޮންމެވެސް ކަހަލަ ނުތަނަވަސްކަމެއް ދެ ގައުމުގެ ގުޅުމަށް އައި. އެކަން ރަނގަޅު ކުރަން ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރާއިރު މިފަދަ ވާހަކަ މައުމޫން ފަދަ ބޭފުޅަކު ދެއްކެވުމުން މިކަމުން ދެ ގައުމުގެ ގުޅުމަށް އަނެއްކާވެސް އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮންނާނެ،" ތައުފީގް ވިދާޅުވި އެވެ.
ޖީއެމްއާރު އެގްރިމަންޓާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ރައީސް ޕާޓީތަކުގެ އިސް ވެރިންނާ އެކު ބައްދަލުވުމެއް ބޭއްވި ކަމަށް ތައުފީގު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި ބައެއް ޕާޓީތަކުން މަޝްވަރާކުރަން ހުށަހެޅުމުން ޕީޕީއެމްގެ މިހާރުގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އެ ހުށަހެޅުމާ މެދު ކޯފާއިސްކުރައްވާ، "ތިމަންނާ މިއައީ މަޝްވަރާ ކުރާ ގޮތަކަށް ނޫނޭ" ވިދާޅުވި އެވެ.
"މިއީ މިހާ ސާފުކޮށް ހިނގި މައްސަލައެއް. އަނެއްކާ ޕާޓީތަކުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދެވީ އެ މައްސަލައިގައި. އެހެންވީމާ މިގޮތަށް އޮތް މައްސަލައެއްގައި މައުމޫން ފަދަ ބޭފުޅަކު ވާހަކަ ދެއްކުމަކީ އެބޭފުޅާއާ ވަރަށް ނުގުޅޭ ކަމެއް،" ތައުފީގް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ