ޕީޕީއެމްގެ އަހަރީ ޖަލްސާއަށް ހާޒިރުވި މީހުންނަށް މައުމޫން މަރުހަބާ ދަންނަވައިފި

ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުން ރޭ ބޭއްވި ޖަލްސާއަށް ހާޒިރުވި ބޭފުޅުންނަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މަރުހަބާ ދަންނަވައިފި އެވެ.
ޕީޕީއެމްގެ މިޖަލްސާގައި ބައިވެރިވި މީހުންނަށް މަރުހަބާ ކިޔުމަށް މައުމޫން ޓްވީޓް ކުރެއްވީ ޕީޕީއެމްގެ ލޯގޯއާއި ސީރިއަލް ނަންބަރެއް ޖަހާފައިވާ ކަރުދާސްކޮޅަކާއި 500 ރުފިޔާގެ ނޫޓެއް ހިފައިގެން ޖަލްސާގައި ތިބި ފިރިހެން ކުދިންތަކެއް ފެންނަ ފޮޓޯއަކާ އެކު އެވެ.
މައުމޫންގެ ޓްވީޓްގައި ވިދާޅުވީ "މަޖުބޫރުވެގެން ނަމަވެސް" ޖަލްސާއަށް ހާޒިރުވި ޕީޕީއެމްގެ މެންބަރުންނަށް މަރުހަބާ ކަމަށެވެ. އަދި ސާބިތުވެ ތިއްބެވުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.
ރައީސް ޔާމީންގެ ފެކްޝަނުން ރޭ ބޭއްވި ޖަލްސާއަށް ރައީސް މައުމޫނަށް ދައުވަތު ނުދެއްވާ ކަމަށް އެޕާޓީން މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވެ އެވެ. ނަމަވެސް ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި ބައެެއް ބޭފުޅުން ވިދާޅުވީ އެ ޖަލްސާއަށް މައުމޫން ވަޑައިގެންނެވި ނަމަ އެ ޖަލްސާގެ ފުރިހަމަކަމާ އުފާވެރިކަން އިތުރުވީސް ކަމަަށެެވެ.
މިކަމާ ގުޅުވާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭގެ ޖަލްސާއަށް އެމަނިކުފާނަށް ދައުވަތު ނުދެއްވާ ކަމަށް އެކަކު ބުނި ކަމަށެވެ. ނަމަވެސް ރޭގެ ޖަލްސާއަށް އެމަނިކުފާނު ވަޑައިނުގަތުމަކީ ފަޅު ކަމެއް ކަމަށް އެހެން މީހަކު ބުނި ކަމަށްވެސް މައުމޫން ވިދާޅުވެފައިވެ އެވެ. މިހެން ވިދާޅުވުމަށްފަހު މައުމޫން ވަނީ "މިވަރު ކަމެއްގައި ވެސް ތެދު ނުބުނެވޭ ނަމަ ކޮން ކަމެއްގައިބާ ތެދު ބުނެވޭނީ" ކަމަށް ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ.
ޕީޕީއެމްގެ މިޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ވެސް މައުމޫން ވަނީ ޖަވާބު ދެއްވާފަ އެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި އެބޭފުޅުންނާއެކު ރައީސް މައުމޫން ވަޑައިގަތުމަށާއި އެބޭފުޅުންނަށް މަގު ދައްކަވައިދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ. ކެތްތެރިކަމާއެކު އެބޭފުޅުންނާ އެކީ ޕާޓީގެ ކައުންސިލާއި ޕާޓީގެ އުސޫލުތަކާ އެކީ އަދި ރައީސް މައުމޫނާ އެކު ޕާޓީ ހިންގަން މިތިބީ ތައްޔާރަށް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.
މިކަމާ ގުޅުވާ ރައީސް މައުމޫން ކުރެއްވި ވަރަށް ތަފާތު ޓްވީޓެއްގައި ވިދާޅުވީ މަގު ދައްކައިދޭން އުޅުމުން މިހިރީ ކޮށްލި ވަރުކަމަށާއި ނުހައްގުން ހުރިހާ އެއްޗެއް ގެންދިޔައީ ކަމަށެެވެ.
"އަންނާށޯ މަގު ދައްކައިދޭން. މަގު ދައްކައިދޭން އުޅުމުން މިހިރީ ކޮށްލި ވަރު. ނުހައްގުން ހުރިހާ އެއްޗެއް ގެންދިޔައީ،" ރައީސް މައުމޫންގެ ޓްވީޓްގައިވެ އެވެ.
ޕީޕީއެމްގެ ރައީސް ޔާމީންގެ ފެކްޝަނުން "އަސްލު ޖަލްސާ"ގެ ނަމުގައި ރޭ ބޭއްވި ޖަލްސާގައި މާލެއާއި އަތޮޅު ތަކުން ވަރަށް ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެެރިވެފައިވެ އެވެ. އަދި މިޖަލްސާގައި ޕީޕީއެމްއާ އަލަށް ގުޅުނު ބޭފުޅުންގެ ފޯމްތަކާއި ރައީސް ޔާމީން ވަނީ ހަވާލުވެވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ