ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން އެންގި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރުމަށް ސިވިލް ކޯޓަށް ކޮށްފައިވާ ހުކުމަށް ހައިކޯޓުން ތާއީދުކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެވެ. ނަމަވެސް މި މައްސަލަ ބަލައިގެންކަން ސުޕްރީމް ކޯޓުން އަދި އަންގާފައެއް ނުވެ އެވެ.
ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރުމަށް ސިވިލް ކޯޓަށް ކޮށްފައިވާ ހުކުމަށް ހައިކޯޓުން ތާއީދުކުރީ މިމަހުގެ 23 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ހައިކޯޓުގައި މިމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މިހުކުމުގައި ބުނެފައިވަނީ ޕީޕީއެމްއަށް ކުރިމަތިވެފައިވަނީ ހާއްސަ ހާލަތެއް ކަމަށެެވެ. އެހެންކަމުން މިމައްސަލާގައި ކޯޓުން ހައްލެއް ހޯދައިދޭން ޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ޕީޕީއެމްގެ ނައިބް ރައީސްގެ މަގާމާ ގުޅޭގޮތުންވެސް މައްސަލަތަކެއް އުފެދިފައިވާ ވަގުތެއްގައި އެންމެ މަސްލަހަތު ހުރި ގޮތަކަށް ވާނީ ޕީޕީއެމް ހިންގުން އެޕާޓީގެ މުސްތަޝާރާ ހަވާލުކުރުން ކަމަށްވެސް ހައިކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން މީގެ ކުރިން ވިދާޅުވީ ރައީސް މައުމޫނަކީ ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާގައި ބައިވެރިވި މެންބަރުންގެ ފުރިހަމަ ތާއީދާއެކު ޕާޓީގެ ރައީސް ކަމަށް އިންތިހާބު ކުރައްވާފައިވާ ބޭފުޅެއް ކަަމަށެވެ. އަދި ރައީސް މައުމޫންގެ ދައުރު ހަމަނުވަނީސް އެމަނިކުފާނުގެ ބާރުތައް ގެއްލޭ ގޮތަށް ކަންކަން ވެެގެން ދިއުމަކީ ޕާޓީގެ އެތައް މެންބަރުންގެ ހައްގުތަކެއް ގެއްލިގެން ދާނެ ކަމެއް ކަމަށާއި އެހެންކަމުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމީ އެ ހައްގުތައް ހޯދުމަށް ކަމަށެވެ.
ރައީސް މައުމޫންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދު މީގެ ކުރިން ވިދާޅުވީ މިމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާއިރު ޕީޕީއެމްގެ ރައީސްއަކީ ކާކުތޯ ސުޕްރީމް ކޯޓުގައި ސުވާލުކުރައްވާނެ ކަމަށެވެ.
ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން ހުކުމްކުރީ މިމަހުގެ 16 ވަނަ ދުވަހު އެވެ.
ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ކުރެއްވި ހުކުމްގައި ބުނެފައިވަނީ ޕީޕީއެމްއަށް ކުރިމަތިވެފައިވަނީ ރައީސެއް ނެތް ފަދަ ހާލަތެއް ކަމަށާއި އެހެންކަމުން ޕާޓީގެ ހިންގުން އެޕާޓީގެ މުސްތަޝާރާ ހަވާލުކުރަން ހުކުމްކުރާ ކަމަށެވެ. އަދި އެހުކުމް ކުރާ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޕާޓީގެ މުސްތަޝާރުގެ ރިޔާސަތުގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްވެސް ވަނީ އަމުރުކޮށްފަ އެވެ. އަދި އަމުރާ އެއްގޮތަށް ރައީސް މައުމޫން ވަނީ ކައުންސިލް ބައްދަލުވުމެއް ބާއްވަފަ އެވެ.
ޕީޕީއެމް މައްސަލައިގެ ޝަރުއީ ހުރިހާ މަރުހަލާއެއް ނިމެންދެން ހުރިހާ ބޭފުޅުންވެސް އެމަނިކުފާނާއެކު ތިއްބެވުމަށް ރައީސް މައުމޫން ވަނީ އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ