ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގަންނަވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސިންގަޕޫރަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގަންނަވާނީ މި މަހުގެ އަށްވަނަ ދުވަހުއެވެ. ރައީސް މައުމޫންގެ މި ދަތުރުފުޅަކީ އާއިލީ ބޭނުންފުޅެއްގައި ކުރައްވާ ދަތުރުފުޅެކެވެ.
ސިންގަޕޫރަށް ވަޑައިގަންނަވާތީ ރައީސް މައުމޫން މިހާރު ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނުން ނަގަން ބޭނުންވާ ބަޔާން ނެގުން މަޑުޖައްސާލުމަށް އެދިވަޑައިގެންފައެވެ.
ރައީސް މައުމޫންގެ ބަޔާނެއް އޭސީސީ އިން ނަގަން ބޭނުން ވަނީ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ ތީމުގޭގެ އޮޑިޓް ރިޕޯޓާއި ގުޅިގެންނެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި ތީމުގޭގެ ބަޖެޓުން ޤާނޫނާއި ޤަވައިދާއި ހިލާފަށް އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްފައިވާ ކަމަށް 2008 ގެ ރިޔާސީ އިންތިޙާބު ކައިރި ވެފައި ވަނިކޮށް އޭރުގެ އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓެއްގައި ވިދާޅުވެފައި ވެއެވެ.
އެމައްސަލަ ތަޙްޤީޤުކޮށް ރައީސް މައުމޫނާއި ދެކޮޅަށް ދައުވާ އުފުލުމަށް އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައި ވެއެވެ. ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އެތަޙްޤީޤު އޮތީ މަޑުޖެހިފައެވެ.
މި ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެނައުމަށްފަހު ރައީސް މައުމޫން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިދިކޮޅު ފަރާތްތަކާއެކުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ