ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރަށް ގެނެސްފައިވާ ބަދަލުގެ މޭސްތިރިއަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު އެވެ.
ނިހާން މިކަން ހާމަކުރެއްވީ މިއަދު މޫސަގެ ފޮޓޯއަކާ އެކު ނިހާން ކުރައްވާފައިވާ ޓްވީޓެއްގަ އެވެ. 
މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މިއަދު ފެށިއިރު މަޖިލީހުގެ ޗެމްބަރުގައި އިދާރީ މުވައްޒަފުންނާއި މަޖިލީހުގެ ރައީސް އިންނަވާ މޭޒު ހިމެނޭ ސަރަހައްދަށް ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. އެގޮތުން ރިޔާސަތުގެ މޭޒާއި އިދާރީ މުވައްޒަފުން ތިބޭ މޭޒު އުސްކޮށް މޭޒުތަކުގެ ކުރިމަތިން ވަނީ އާންމު އާދައިގެ މީހެއްގެ އިސްކޮޅަށް ފެންސެއް ޖަހާ މުޅި އެ ސަރަހައްދު ބައްދާލާފަ އެވެ.
މިބަދަލަށް އިޝާރާތް ކުރައްވާ ނިހާން މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މަޖިލިސް ރިޔާސަތުގެ އާ ޑިޒައިންގެ މޭސްތިރިއަކީ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު ކަމަށެވެ. 
ނިހާން ކުރައްވާފައިވާ ޓްވީޓްގައި ޕޯސްޓްކުރައްވާފައިވާ މޫސާ މަނިކުގެ ފޮޓޯގައި އޭނާ ހުންނަވަނީ މަޖިލީހުގެ ރިޔާސަތާއި އިދާރީ މޭޒުގެ ކުރިމަތިން ހަދާފައިވާ ފެންސްގައި އަތްއަޅުއްވާލައްވައިގެން ހިނިތުންވެފަ އެވެ. 
ނިހާން ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި މޫސައާ ހަވާލާދީ ވިދާޅުވެފައިވަނީ އެހެން ގައުމުތަކުގައި ވެސް މަޖިލިސް ޗެމްބަރުގައި ހުންނަ ރިޔާސަތުގެ މޭޒު އުސްކޮށް ރީއްޗަށް ހަދާފައި ހުންނަ ކަމަށެވެ. 
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ ރިޔާސަތުގައި މިއަދު ފަށާފައިވާއިރު މިއަދުގެ ޖަލްސާ ފެށިތާ 13 މިނިޓް ތެރޭގައި ޖަލްސާ ވަނީ ނިންމާލާފަ އެވެ.
    
    ޗެމްބަރަށް ގެނެސްފައިވާ ބަދަލުގެ މޭސްތިރިއަކީ މަޖިލީހުގެ ނައިބް ރައީސް: ނިހާން
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ