ޔަހޫދީން ޖާސޫސުކުރާތީ އެމެރިކާއިން އެލާޓް ލެވެލް މަތިކޮށްފި

އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލުންނަށް އަމާޒުކޮށް، ޔަހޫދީން ޖާސޫސުކުރާ މިންވަރު އިތުރުވެ، އެލާޓް ލެވެލް މަތިކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބައެއް މަސްދަރުތަކާ ޙަވާލާދީ އެންބީސީ ނޫހުން ބުނީ، އެމެރިކާެގ ދިފާޢީ ވުޒާރާގެ ދަށުން ހިންގާ ޖާސޫސީ އިދާރާއިން ޔަހޫދީންގެ ފަރާތުން އޮތް ނުރައްކާ މިހާރު ވަނީ އެންމެ މަތީ ދަރަޖައަށް މަތިކޮށްފައެވެ.
މިގޮތުން، މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިސްނުންފުޅު ހުރި ގޮތެއް ދެނެގަތުމަށްޓަކައި، އެމެރިކާ ސަރުކާރުގެ ދިފާޢީ އިސް އޮފިޝަލުންނަށް ޔަހޫދީން ޖާސޫސުކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމުގެ ކަންބޮޑުވުން އެމެރިކާގެ ދިފާޢީ ވުޒާރާގެ ތެރޭގައި ވަނީ ބޮޑުވެފައެވެ.
ޔަހޫދީންގެ އެންމެ ވަރުގަދަ މަދަގުދާރާ މެދު ޔަހޫދީ ދައުލަތުގެ ނުތަނަވަސްކަން އިތުރުވެފައިވަނީ، ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ދެމުންދާ ޢުދުވާނީ ޙަމަލާތައް އިތުރަށް ވަރުގަދަކުރުމާ ގުޅިގެން އެޓްރަމްޕް ކޯފާއިސްކުރައްވައި، ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި ހަޑިހުތުރު ބަހުން މުޚާޠިބުކުރައްވާފައިވަނިކޮށެވެ.
އެންބީސީ ނޫހުން ބުނީ، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، ޓްރަމްޕްގެ ވިސްނުންފުޅު މިހާރު ހުރި ގޮތެއް ދެނެގަންނަން ޔަހޫދީން ތިބީ ކެތްމަދުވެފައެވެ.
މިގޮތުން، ޓްރަމްޕްގެ ވިސްނުންފުޅުގައި ހުރީ އީރާނާ ދެކޮޅަށް އަނެއްކާވެސް އެމެރިކާއިން ޙަމަލާދޭން ފަށާނީތޯ، ނުވަތަ މަޝްވަރާގެ ތެރެއިން ހަނގުރާމަ ނިމުމަކަށް ގެންނާނީތޯ ކަމާމެދު އޮތް ސުވާލަށް ޖަވާބެއް ހޯދަން އެމެރިކާގެ އިސް އޮފިޝަލުންނާ ދެކޮޅަށް ޖާސޫސު ކުރަމުގެ އުކުޅުތައް ޔަހޫދީން ބޭނުންކުރާކަމަށް އެ ނޫހުން ބުންޏެވެ.
ނަމަވެސް، ޔަހޫދީން ޖާސޫސުކުރާތީ، ޔަހޫދީންނާ ދެކޮޅަށް އެލާޓް ލެވެލް މަތިކޮށްފައިވާކަމުގެ ރިޕޯޓު، އެމެރިކާގެ ދިފާޢީ ވުޒާރާއިން ވަނީ ދޮގުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ