ތ. ތިމަރަފުށީގައި ވައިޓަލް ކެއާއިން މެޑިކަލް ކޭމްޕެއް ބާއްވައިފިއެވެ.
މި ކޭމްޕް ބާއްވާފައިވަނީ މިމަހުގެ 4 އިން 5 އަށެވެ. އަދި މި ކޭމްޕަކީ އެ ރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނެ މަގު ފަހިކޮށްދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށް ވައިޓަލް ކެއާއިން މައުލޫމާތުދެއެވެ.
ވައިޓަލް ކެއާއިން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މެޑިކަލް ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ގަލްފް ޖަމްއިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ރިޔާޒް، ތިމަރަފުށީ ކައުންސިލް އިދާރާ އަދި ތިމަރަފުށީ ހެލްތު ސެންޓަރުގެ އެހީތެރިކަމާ އެކުގައިކަމަށެވެ. އަދި މި ކޭމްޕްގެ ތެރެއިން 165 އަށްވުރެ ގިނަ ބަލިމީހުންނަށް ވަނީ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފާ ހޯދައިދީފައިކަމަށް ވައިޓަލް ކެއާއިން މައުލޫމާތު ދެއްވައެވެ.
ވައިޓަލް ކެއާގެ މި ކޭމްޕްގައި ހިމެނޭ މެޑިކަލް ޓީމުގައި އެތެރެހަށީގެ ބަލިކާއި ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނާއި، ކަންފަތް އަދި ނޭފަތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި ކަރުންމަތީގެ ބަލިތަކަށް އަދި ދަތުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން ހިމެނޭކަމަށް ވައިޓަލް ކެއާއިން މައުލޫމާތުދެއްވައެވެ.
ވައިޓަލް ކެއާއިން ވަނީ ޑޮކްޓަރަށް ދެއްކުމުގެ އިތުރުން މެޑިކަލް އެސެސްމަންޓްތައް ހެދުމާއި، ދަތް ނެގުމާ ދަތުގު ދޭތެރޭގައިވާ ހުސްޖާގަ ބެއްދުން ފަދަ ކުދި ޕްރޮސީޖާތަކުގެ އިތުރުން ބަލިވެ އެނދުމަތިވެފައިވާ މީހުންނަށް ޒިޔާރަތްކޮށް ދޭންޖެހޭ ފަރުވާ ދިނުމުގެ އިތުރުން، ޓީޗަރުންނާއި ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް ބޭސިކް ފަސްޓްއެއިޑް ތަމްރީނު ޕްރޮގްރާމެއް ވެސް ހިންގާފައިވާކަމަށް ވައިޓަލް ކެއާއިން މައުލޫމާތު ދެއްވައެވެ.
ވައިޓަލް ކެއާއިން ވިދާޅުވީ މި ކޭމްޕްގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޑޮކްޓަރަށް ދެއްކުމާއި ދަތުގެ އަސާސީ ފަރުވާތައް މުޅިން ހިލޭ ފޯރުކޮށްދީފައިވުމެވެ. މީގެ ސަބަބުން ރަށުގެ ގިނަ ބަޔަކަށް ސްޕެޝަލިސްޓް ސިއްހީ ފަރުވާ ހޯދުމަށް ބޮޑު ލުޔެއް ލިބިގެންދިޔަކަމަށް ވައިޓަލް ކެއާއިން މައުލޫމާތު ދެއްވައެވެ.
ވައިޓަލްކެއާއިން ވަނީ މި ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލުމަށް އެހީތެރިވި ހުރިހާ ޕާޓްނަރުންނަށާއި، ވޮލަންޓިއަރުންނަށާއި ސިއްހީ ޚިދުމަތްތެރިންނަށް ޝުކުރު އަދާކޮށްފައެވެ. ވައިޓަލް ކެއާއިން ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ މެޑިކަލް ކޭމްޕްތައް ކުރިއަށް ގެންގޮސް، ހުރިހާ މުޖުތަމައުތަކަށް ސްޕެޝަލިސްޓް ސިއްހީ ފަރުވާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުން ކަމަށެވެ.
ތިމަރަފުށީގައި ވައިޓަލް ކެއާގެ މެޑިކަލް ކޭމްޕެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ