މަޖިލީހުގެ ރައީސް ކަމަށް ގާސިމް އައްޔަން ކުރަންޖެހޭ - އުމަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުﷲ މަސީހް އިސްތިއުފާ ދެއްވައި އެ މަގާމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އައްޔަން ކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައިފިއެވެ.
އުމަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމަކީ އުނދަގޫ ދަނޑިވަޅުތަކުގައި މީގެކުރިން ވެސް މަޖިލިސް ހިންގެވި ބޭފުޅެއް ކަމަށާއި ގާސިމް އަކީ ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރެއްވޭނެ ބޭފުޅެއް ކަމަށެވެ.
އުމަރު މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު ފަރާތްތަކުން މިއަދު ވަނީ 45 މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ 10 މެމްބަރުން ހިމެނި ވަޑައިގަންނަވައެވެ.
އޭގެތެރޭގައި ހިމެނެނީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް، މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު، އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު، އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަބްދުﷲ، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު, ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުޙައްމަދު އެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ، އިދިކޮޅު ފަރާތްތަކުން މީގެކުރިން ވެސް މަޖިލީހަށް ވެއްދިއިރު، އެފަހަރު މަސީހުގެ މައްޗަށް އިތުބާރު އޮތްކަމަށް ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގަތް 48 މެމްބަރުންގެ އިއްތިފާގުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ