ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އުޅުއްވަނީ "ބަޣާވާތެއް" ގެންނަވަން ކަމަށް، ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ އިސް ބައެއް ބޭފުޅުން ރޭ ކުރެއްވި ތުހުމަތު ޖުމްހޫރީ ޕާޓީން މިއަދު ދޮގުކޮށްފި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ރައީސް އަބްދުﷲ ޔާމީނާ އެކު ރޭ ބޭއްވި ބައްދަލުވުމަށް ފަހު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ އަމިއްލަ ވިޔަފާރީގެ މަސްލަހަތު އިސްކުރައްވައި، މި ގައުމަށް ބަޣާވާތް ގެންނަން ގާސިމް އުޅުއްވަނީ އޭނާގެ ވިޔަފާރީގެ ފައިސާ އިން ކަމަށެވެ.
އަދި ޕީޕީއެމްގެ 10 މެމްބަރެއް މަސީހާ ދެކޮޅަށް ސޮއިކުރީ ގާސިމްގެ ފައިސާ ގެ ދަޅައިން ކަމަށްވެސް ފަލާހު ތުހުމަތު ކުރެއްވިއެވެ.
ފަލާހުގެ ވާހަކައަށް ރައްދެއްގެ ގޮތުން ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަންނަން ފެށުމުން، ސިޔާސީ ހަތަރު ލީޑަރަކު ފެއްޓެވީ އިސްލާހީ މަސައްކަތެއް ކަމަށާއި އެއީ ބަޢާވާތެއް ގޮތުގައި ސިފަކުރުމީ ނާތަހުޒީބު އަމަލެއް ކަމަށެެވެ.
"އެއީ، ސިޔާސީ ހަތަރު ލީޑަރުންނާއި ރައްޔިތުންގެ ގިނަ ބަޔަކު ބައިވެރިވެގެން ހިންގާ އިސްލާހީ މަސައްކަތެއް. ސަރުކާރަށް ގޮތް ހުސްވެ ހަދާނެ ގޮތް ހުސްވީމާ، ހީވާގިކަމާ އެކު އިސްލާހީ މަސައްކަތް ކުރާ މީހުންނަށް ނިސްބަތްކޮށް ބަޣާވާތެއް ކަމުގެ ތުހުމަތު އެޅުވުމަކީ ނާތަހުޒީބު އަމަލެއް،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި ސޮއިކުރެއްވި މެމްބަރުން ޕީޕީއެމް އިން ވަކިވުމާއި ގުޅިގެން ވެރިކަން ކުރާ ޕާޓީއަށް މިހާރުވަނީ މަޖިލީހުގެ މެޖޯރިޓީވެސް ގެއްލިފައެވެ.
ގާސިމް ކުރައްވަނީ ގައުމީ މަސައްކަތެއް , ބަޣާވާތެއް ގެންނަން ނޫޅުއްވާ: ޖޭޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ