ޕްރައިމަރީ ބާތިލު ކުރުމަށް އެދި ކޯޓަށް އުމަރު މައްސަލަ ހުށަހަޅައިފި

ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބޭއްވި ރިޔާސީ ޕްރައިމަރީ އިންތިޚާބަކީ ބާތިލް އިންތިޚާބެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް އުމަރު ނަސީރު މައްސަލަ ހުށަހަޅައިފި އެވެ.
ސަންއަށް މައުލޫމާތު ދެއްވަމުން ސިވިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ އިންތިޚާބަކީ ބާތިލް އިންތިޚާބެއް ކަމަށް ކަނޑައަޅައިދިނުމަށް އުމަރު އެ ކޯޓަށް މައްސަލަ ހުށަހެޅީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އަދި ވަކި ގޮތެއް ނިންމައިފައި ނުވާކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އުމަރު އެ މައްސަލަ ހުށަހެޅީ މީގެ ކުރިން އެ ޕާޓީގެ މެދުހެންވޭރު ދާއިރާގެ ރައީސް ރަހުމާ މޫސާ ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލުމުންނެވެ.
އުމަރު ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ޕްރައިމަރީގައި ވޯޓު ލާ މީހުންގެ ރަޖިސްޓްރީ އެކުލަވާލުމުގައި އަމަލުކޮށްފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފަށް ކަމަށާއި އެހެންކަމުން އެ އިންތިޚާބަކީ ބާތިލް އިންތިޚާބެއް ކަމަށް ކަނޑައަޅައިދިނުމަށް ކަމަށެވެ.
ޕީޕީއެމްގެ ދަފްތަރުގައި ހިމެނިފައި ނުވާ 8،915 މީހުންނަށް ޕްރައިމަރީގައި ވޯޓުލެވޭގޮތަށް ނިންމައި ފުރުސަތުދީފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފަށް ކަމަށް ވެސް އެ ދައުވާގައި ބުނެފައި ވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ޕީޕީއެމުގެ ދަފްތަރުގައި މާޗް 10 ވަނަ ދުވަހާ ހަމައަށް ރަޖިސްޓްރީކޮށްފައި ވަނީ 22،383 މެމްބަރުން ކަމަށާއި ނަމަވެސް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ގޮތުގައި ޕާޓީގެ ރަޖިސްޓްރާ ނެރުއްވި ލިސްޓުގައި 31،298 މެމްބަރުންނަށް ވޯޓު ލުމުގެ ފުރުސަތު ދީފައިވާ ކަމަށް ވެސް އެ ދައުވާގައި ވަނީ ބުނެފަ އެވެ.
ޕީޕީއެމްގެ މެމްބަރުން ނޫން އެހެން ޕާޓީތަކުގެ މެމްބަރުންނަށް ވެސް ޕްރައިމަރީގައި ވޯޓު ލުމުގެ ފުރުސަތު ދީފައިވާ ކަމަށާއި އެއީ ޕާޓީގެ މެމްބަރުންގެ ހައްގަށް އުނިކަމެއް އަންނާނެ ކަމެއް ކަމަށް ވެސް އުމަރުގެ ދައުވާގައި ވަނީ ބުނެފަ އެވެ.
މީގެއިތުރުން ޕީޕީއެމްގެ މެންބަރުކަމުން އުމަރު ވަކިކުރި މައްސަލަ ވެސް އޭނާ ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން ވަކި ގޮތެއް ނިންމައިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ