ކަރަންޓު ނެތިގެން ދާންދޫ ކައުންސިލްގެ ޚިދުމަތްތައް ހުއްޓި މުވައްޒަފުން ބޭރުގައި
ގއ. ދާންދޫ ކައުންސިލްގެ އިދާރާ އާއި، އެ އިދާރާގެ ބެލުމުގެ ދަށުގައި ހުރިތަންތަނުގެ ކަރަންޓު ބިލް ނުދައްކައިގެން އެތަންތަނުން ކަރަންޓު ކަނޑާލައިފިއެވެ. އެރަށު ކައުންސިލްގެ މެމްބަރު، އިސްމާއިލް މުހައްމަދު "ސަން"އަށް ވިދާޅުވީ ކަރަންޓު ބިލުތަކަށް ޖުމްލަ 1.8 މިލިއަން ރުފިޔާ އަރާފައިވާ ކަމަށާއި ކަރަންޓު ކަނޑާލީ އިއްޔެ އޮފީސް ބަންދުކުރި ގަޑީގައި ކަމަށެވެ. އަދި މިއަދު ކައުންސިލްގެ މަސައްކަތްތައް ވަނީ ހުއްޓިފައި ކަމަށާއި، މިހާރު މަސައްކަތް ކުރަމުން ދަނީ ކަމާބެހޭ މުވައްސަސާތަކަށް ގުޅައިގެން އެ އިދާރާއަށް ކަރަންޓު ލިބޭނެ ގޮތް ހަމަޖެއްސުމަށްކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ މައްސަލައެއް ނޫން ކަރަންޓު ބިލް ނުދެއްކުމަކީ. އަބަދުވެސް ކޮންމެ އަހަރަކުވެސް ހުރޭ މިއަދަދަށް ބިލުތައް. އެކަމަކު ކަނޑައެއް ނުލާ ކަރަންޓެއް. އަޅުގަނޑުމެން އަބަދުވެސް ދަނީ ގަވާއިދުން ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ޖެހޭ ބިލްތަކާ އެއްޗެހި ފޮނުވަމުން. ދެން އެ މިނިސްޓްރީން ފައިސާ ދޫނުކުރުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން ދެއްތޯ،" އިސްމާއިލް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލްތަކުގެ ބެލެނިވެރިފަރާތް ކަމުގައިވާ ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)އާއި ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެ ފައިސާ ހަމަޖައްސަވައި ދެއްވުމަށް މިހާރު ވަނީ ސިޓީ ފޮނުވާފައެވެ. ކައުންސިލްގެ ބެލުމުގެ ދަށުން ހިންގާ ތަންތަނުގެ ބިލްތަކަށް އަރާފައިވާ މިންވަރު: ދާންދޫ ކައުންސިލްގެ އިދާރާ - 556،601.14 ރުފިޔާ ދާންދޫ މަސްޖިދުލްތަރާހުމް - 241،757.25 ރުފިޔާ ބަނދަރު ބައްތިއާއި މަގުބައްތި - އެއް މިލިއަން ރުފިޔާ ބަނދަރު ފެން، އިސްކުރުބަރި - 9969.50 ރުފިޔާ ކުޅިވަރު ކުޅޭ ސަރަހައްދު - 2702.1 ރުފިޔާ "މީގެ ކުރިންވެސް ކަރަންޓު ކަނޑާލާނެ ކަމަށް ބުނަމުން އައީ ފެނަކާއިން. އެކަމަކު ކަނޑައެއް ނުލާ. ކައުންސިލްގެ ހުރިހާ މުވައްޒަފުން ތިބީ ބޭރުގަ. އެއްވެސް ޚިދުމަތެއް ނުދެވޭ މިއަދު،" އިސްމާއިލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ