ރައީސް ޔާމީނާއި ދޭތެރޭ ވެސް އަދި ޕީޕީއެމްއާ ދޭތެރޭ ވެސް ނުތަނަވަސް ކަމެއް ނެތް: ރައީސް މައުމޫން

ރައީސް ޔާމީނާ ދޭތެރޭގައި ވެސް އަދި ޕާޓީ ތެރޭގައި ވެސް އެފަދަ ނުތަނަވަސް ކަމެއް ނެތް ކަމުގެ ޔަގީންކަން ޕާޓީގެ މެންބަރުންނަށް އަރުވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނާއި ރައީސް ޔާމީނާ ދޭތެރޭގައި އެއްވެސް ކަހަލަ ދެކޮޅުވެރި ކަމެއް ނެތް ކަމަށެވެ.
"އަޅުގަނޑު ޕީޕީއެމްގެ އެންމެހާ މެންބަރުންނާއި އަދި އާންމުންނަށް ވެސް ޔަގީންކޮށް އަރުވަން، އަޅުގަނޑާއި ރައީސް ޔާމީނާ ދޭތެރޭގައި އެއްވެސް ކަހަލަ ދެކޮޅުވެރިކަމެއް ނެތްކަން،" ޓުވިޓާ މެދުވެރިކުރައްވައި ރައީސް މައުމޫނު ރޭ ވިދާޅުވެފައިވެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން ކަމަށް ބެލެވެ އެވެ.
ރާއްޖެ ޓީވީގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން މަހުލޫފު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕީޕީއެމްގައި އެމަނިކުފާނުގެ ބާރެއް މިއަދު ނެތް ކަމަށެވެ.
"ހަގީގަތަކީ ރައީސް މައުމޫނަކީ ވެސް ޕާޓީގައި ނެތް ބޭފުޅެއް. މިއީ ހަގީގަތަކީ. އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭ ރައީސް މައުމޫން ވެސް މިއަދު މިސަރުކާރުގައި ހުރި ބައެއް ކަންތައްތަކާ ދޭތެރޭ ހިތްފުޅު ހަމަޖެހި ވަޑައިނުގަންނަވާކަން. އެކަން ރަނގަޅު ކުރައްވަން މަސައްކަތް ކުރެއްވީމާ އޭގެ ނަތީޖާ ނުނިކުންނަވާކަން،" މަހުލޫފް ވިދާޅުވި އެވެ.
އެހެންނަމަވެސް މަހުލޫފު ވިދާޅުވީ ކޮންމެ ޕާޓީއެއްގައި ހުންނެވި ނަމަވެސް ރައީސް މައުމޫނާ ދެކޮޅަށް މަސައްކަތް ނުކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ