ކޮންރަޑް ރަންގަލީގައި ދިވެހި މުވައްޒަފުން މުޒާހަރާ ކުރަނީ

ކޮންރަޑް މޯލްޑިވްސް ރަންގަލި ރިސޯޓުގެ ދިވެހި މުވައްޒަފުން މެނޭޖްމެންޓާމެދު ހިތްހަމަނުޖެހި މުޒާހަރާ ކުރަމުން އެބަދެ އެވެ.
ރޭ އިރާކޮޅުން ފެށިގެން އެ ރިސޯޓުގައި މުޒާހަރާ ކުރަމުންދާ ދިވެހި މުވައްޒަފުންގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ބުނީ މުޒާހަރާ ކުރަން ނުކުތީ ދިވެހި މުވައްޒަފުންނާއި ބިދޭސީންނާ ތަފާތު ކުރުން އިންތިހާއަށް ގޮސް، އެކަން ހައްލު ކުރުމަށް ތަފާތު ގޮތްގޮތަށް މެނޭޖުމަންޓާ ވާހަކަ ދައްކައިގެން ހައްލު ނުވުމުން ކަމަށެވެ.
"އެއީ މައިގަނޑު މައްސަލައަކީ. އޭގެ އިތުރުން މުސާރައާއި ސާވިސްޗާޖާއި ކެއުމުގެ މައްސަލަތައް ވެސް އެބަހުރި އެކަމަކު އެންމެ ބޮޑު މައްސަލައަކީ ދިވެހިންނަށް ތަފާތު ކުރާ މައްސަލަ. އަޅުގަނޑުމެން ދިވެހިންނާ މެދު ދެކެނީ މި ރިސޯޓުގައި އަޅުންގެ ގޮތުގައި،" މުޒާހަރާ ރޭވުމުގައި އިސްކޮށް ހަކަރާތްތެރިވި މުވައްޒަފަކު ބުންޏެވެ. "މި ރިސޯޓުގައި ޖެނެރަލް މެނޭޖަރަކަށް ހުންނަނީ ޖަރުމަނު މީހެއް އޭނާ އަކީ ދިވެހިންނަށް ވަރަށް ނަފުރަތު ކުރާ މީހެއް."
އެ މީހުން ބުނީ މެނޭޖުމެންޓުން އެ މީހުންގެ އަޑު އަހަައި ޖަވާބު ދިނުމާ ހަމައަށް ޓޫރިސްޓުންނަށް ދޭންޖެހޭ ހިދުމަތް މެދު ކެނޑުނަ ނުދީ މުޒާހަރާތައް ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ބުނީ މިވަގުތު ވެސް ރިސޯޓްގެ ސްޓާފް އޭރިޔާއަށް 100 އަށް ވުރެ ގިނަ ދިވެހިންގެ ސްޓާފުން އެއްވެ ޝުއޫރުތައް ފާޅު ކުރަމުންދާ ކަމަށާއި އެކަން ކަމަށް މެނޭޖުމަންޓުން ބީރުކަންފަތް ދޭނަމަ ރިސޯޓުގެ ހިދުމަތްތަކަށް ބުރޫ އަރުވާލާނެ ކަމަށެވެ.
މިކަމާބެޖޭ ގޮތުން ރިސޯޓަށް ގުޅުމުން އެ ރިސޯޓުގެ މެނޭޖްމެންޓުން ވަނީ އެއްޗެއް ނުބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ