ބަދިގެ ސާމާނު ތެރޭ ފޮރުވައިގެން ޑްރަގް އެތެރެކުރުން އިތުރުވަނީ

ބަދިގެ ސާމާނު ތެރޭ ފޮރުވައިގެން ރާއްޖެއަށް ޑްރަގް އެތެރެކުރުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އާންމުންގެ ސުވާލުތަކަށް ޖަވާބުދޭން ސަރުކާރުން ބާއްވާ 'އަހާ' ފޯރަމްގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ކޮވިޑުގެ ކުރިން ކަނޑުމަތިން މަސްތުވާތަކެތި އެެތެރެކުރާ ކަމަށް ފާހަގަކުރެވުނު ނަމަވެސް، މިހާރު އެކަން ކުރާ ގޮތް ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން މިހާރު ގިނައިން ރާއްޖެއަށް ޑްރަގް އެތެރެކުރަނީ ޕޯސްޓު މެދުވެރިކޮށް ކަމަށް އިހުސާން ވިދާޅުވި އެވެ.
އަދި މިދިޔަ މަހުގެ ތެރޭގައި ބާޖެއްގައި އެތެރެކުރި މުދަލުގެ ތެރެއިން ވެސް ޑްރަގް ފެނުނު ކަމަށާއި އަދި މިފަހަކަށް އައިސް ބަދިގެ ސާމާނުތެރޭ ފޮރުވައިގެން ޑްރަގް އެތެރެކުރުން އިތުރުވެފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
"މިސާލަކަށް އަވަންތަކުގެ ތެރޭގައި، މިކްސަރުތަކުގެ ތެރޭގައި، މެޓަލް ބޮޑީ ހުންނަ އެޕްލަޔަންސްތަކުގެ ތެރޭގައިި މިކަން ކުރަމުން އަންނަކަން. އެހެންމާ މި މީހުން ފަހައި، ޓެކްޓިކްސް ފަހައި ދުވެގެންނެއް މިކަން ނެތް ވާކަށް. އަޅުގަނޑުމެން މިހާރު މިދަނީ އެ މީހުން ގެންގުޅޭ ފައިސާއާ މަސްތުވާތަކެތީގެ ވިޔަފާރި ފަހައި. އެ ގޮތަށް މިކަން ކޮށްގެން ނޫނީ ހައްލެއް ނުވާނެ،" އިހުސާން ވިދާޅުވި އެވެ.
ރާއްޖެއަށް ޑްރަގު އެތެރެކޮށް ވިޔަފާރި ކުރުމުގައި އެހާ ގިނަ ބަޔަކު ނޫޅޭ ކަމަށާއި އެމީހުންނާއި ގާނޫނު އަރާ ހަމަކުރާ ހިސާބުން ރާއްޖޭގައި ޑްރަގުގެ މައްސަލަ އަށް ބޮޑު ހައްލެއް ލިބިގެން އަންނާނެ ކަމަށް އިހުސާން ވިދާޅުވި އެވެ. އަދި ރާއްޖެއަށް ކުދި އަދަދުން ޑްރަގް އެތެރެކުރާ މީހުންވެސް އުޅޭ ކަމަށާއި އެމީހުން މިހާރުވެސް އެނގޭ މިންވަރަކުން ފިޔަވަޅު އަޅަމުންދާކަން ފާހަގަކުރައްވަމުން އިހުސާން ވަނީ މިހާރުވެސް ޑްރަގުގެ ގާތްގަނޑަކަށް 500 މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ