ހޯދާ ނުފެނިފައިވާ މީހަކު ކައިވެނި ކުރަން ދިއުމުން ބިޑި އަޅުވައިގެން ކައިވެނި ކޮށްދިނުމަށްފަހު ޖަލަށް ގެންގޮސްފި

ކައިވެނި ކުރަން ފެމިލީ ކޯޓަށް ދިޔަ މީހެއްގެ މައުލޫމާތު ސާފު ކުރިއިރު ހޯދަން އިއުލާންކޮށްފައިވާ މީހަކަށްވާތީ ބިޑި އަޅުވައިގެން ކައިވެނިކޮށް ދިނުމަށް ފަހު އެ މީހާ ޖަލަށް ފޮނުވައިފި އެވެ.
~
ފެމިލީ ކޯޓްގެ ރަޖިސްޓްރާ ޝޭހު އަހުމަދު އަބްދުﷲ މިއަދު ވިދާޅުވީ ކައިވެންޏެއް ކުރަން އަންނަ ކޮންމެ މީހެއްގެ ރިކޯޑް ވެސް ކޯޓުން ސާފު ކުރާ ކަމަށާއި އެ ގޮތުން ކައިވެނި ކުރަން ފޯމްލަން އެ ކޯޓަށް ދިޔަ މީހެއްގެ މައުލޫމާތު ސާފު ކުރި އިރު އެއީ ކަމާބެހޭ ފަރާތްތަކަށް ނުފެނިގެން، ހޯދަން އިއުލާނުކޮށްފައިވާ މީހެއް ކަމަށެވެ.
"އަޅުގަނޑުމެން އެކަން އަންގަންޖެހޭ ފަރާތްތަކަށް އެންގީ. އެ ހިސާބުން އޭނާ ހައްޔަރަށް ގެންގޮސް ބިޑި އެޅުވީ. އަދި ކައިވެނި ކުރީ ވެސް ބިޑި އަޅުވައިގެން. ކައިވެންޏަށް ފަހު އޭނާ ވަނީ ޖަލަށް ގެންގޮސްފައި،" ރަޖިސްޓްރާ ވިދާޅުވި އެވެ.
ކައިވެނީގެ މަޖިލީހުގައި ބިޑި އަޅުވައި ބައިންދައިގެން ކައިވެނި ކުރީ ކާކު ކަމެއް އަދި އެއީ ކޮން ކުށެއްގައި ހޯދާ މީހެއް ކަމެއް ވެސް ފެމިލީ ކޯޓަކުން ނުބުނެ އެވެ. ހަމައެކަނި ވިދާޅުވީ "އެއީ ހިނގާފައިވާ ކަމެއް" ކަމަށެވެ.
"އެފަދަ މީހުން އަޅުގަނޑުމެން މިހާރު ކައިވެނީގެ މައޖިލީހަށް ވައްދަނީ ބިޑިއަޅުވައިގެން. އެއީ މިފަހުން ވެސް ކޯޓްގެ ކުޑަ ދޮރުން ފުންމާލައިގެން މީހަކު ފިލާފައިވާތީ. މި މީހާގެ މައްސަލަ އައީ ކުޑަދޮރުން ފުންމާލައިގެން މީހަކު ފިލި ފަހުން،" ޝޭހު ވިދާޅުވި އެވެ. "ކޮން ތާރީހެއް ކަމެއް، އަޅުގަނޑު ހަނދާނެއް ނެތް،"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ