ނިއުޒީލޭންޑާ ދެކޮޅަށް ކުޅުނު އޮސްޓްރޭލިޔާގެ ބެޓްސްމަނުންގެ މައްސަލަ ބަލަނީ

ކްރިކެޓް ވޯލްޑް ކަޕުގައި ނިއުޒީލޭންޑާ ދެކޮޅަށް ކުޅުނު އޮސްޓްރޭލިޔާގެ އޯޕަނިން ދެ ބެޓްސްމަނުންގެ މައްސަލަ ބަލަން ކްރިކެޓްގެ މައި އިދާރާއިން ނިންމައިފި އެވެ. އެ އިދާރާއިން މިއަދު ބުނީ އޮސްޓްރޭލިޔާއިން ފުރަތަމަ ކުޅެން ނުކުތް ޝޭން ވޮޓްސަން އާއި ބްރެޑް ހައްދިން ރިޝްވަތު ހިފިކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
ސަބަބަކީ މި ދެ ކުޅުންތެރިން މާ ލަސްލަހުން ސްކޯ ކުރަމުން ދިއުމެވެ. މި ގޮތުން ފުރަތަމަ 11 އޯވަރު (66 ބޯޅަ) އިން މި ދެ ކުޅުންތެރިން ހަދާފައިވަނީ 28 ލަނޑެވެ. އަދި 15 އޯވަރު (90ބޯޅަ) އިން ހަދާފައިވަނީ އެންމެ 53 ލަނޑެވެ.
ނަމަވެސް އޮސްޓްރޭލިޔާގެ ކޯޗު ޓިމް ނީލްސަން މި ދެ ކުޅުންތެރިން ދިފާއުގައި ބުނީ ލަސްލަހުން ކުޅުނީ އެ މެޗުގެ ހާލަތު އޮތް ގޮތުން ކަމަށެވެ.
"އަހަރުމެންނާއެކު ޒިންބާބުވޭ ކުޅުނުނަމަ މިހެން ނުވާނެ. އެއީ އެ މީހުން ބޭނުންވާނެ އަހަރުމެންގެ ވިކެޓްތައް ނަގަން ވީހާ އަވަހަށް. އެކަމަކު މި މެޗުގެ ގޮތުން ކުޅުންތެރިން ކުޅުނީ އަހަރެންގެ ރޭވުމާ އެއްގޮތަށް. އެ މީހުން ވަރަށް ރަނގަޅަށް ކުޅުނު،" އެންމެ ފަހުގެ ތިން ވޯލްޑް ކަޕުގެ ވެސް ޗެމްޕިއަންކަން ހޯދި ގައުމުގެ ކޯޗު ބުންޏެވެ.
އޮސްޓްރޭލިޔާއާ އަޅާ ބަލާއިރު ކެންޔާ އަކީ ކްރިކެޓްގައި ވަރަށް އާދައިގެ ގައުމެކެވެ.
ކްރިކެޓްގެ މައިއިދާރާއިން އޮސްޓްރޭލިޔާ ކުޅުންތެރިން ތަހުގީގު ކުރަން މިނިންމީ ވޯލްޑް ކަޕުގެ ކުރިން ރިޝްވަތުގެ މައްސަލާގައި ޕާކިސްތާނުގެ ތިން ކުޅުންތެރިއަކު ދިގު މުއްދަތަކަށް ސަސްޕެންޑް ކޮށްފައިވަނިކޮށެވެ. އަދި އެ ޖަމާއަތު ވަނީ މި ކަމާހެދި ވޯލްޑް ކަޕުގެ މެޗުތަކުގައި ކުޅުންތެރިންގެ ހަރަކާތްތަކަށް ވަރަށް ބޮޑަށް ފާރަލައި ދިރާސާ ކުރަން ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ