ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައި ހުންނެވި ނައިބް ރައީސް އަހުމަދު އަދީބުގެ ބަންދަށް ކްރިމިނަލް ކޯޓުން އާދީއްތަ ދުވަހު 15 ދުވަސް ޖަހާދީފިއެވެ.
ނައިބު ރައީސް އަދީބުގެ ބަންދުގެ މުއްދަތު ޖެހީ އެމަނިކުފާނު ކ. މާފުށީ ކޯޓަށް ހާޒިރުކޮށްގެން އެކޯޓާއި ކްރިމިނަލް ކޯޓު ވީޑިއޯ ކޮންފްރެންސުން ގުޅާލައިގެންނެވެ.
ހޮނިހިރު ދުވަހު ހެނދުނު ނައިބު ރައީސް އަދީބު ހައްޔަރުކުރުމަށްފަހު ބަންދުގެ މުއްދަތު އިތުކޮށްދޭން ފުލުހުން ކޯޓުގައި އެދުމާ ގުޅިގެން ކްރިމިނަލް ކޯޓުގައި ޝަރީއަތުގެ މަޖިލީސް ބާއްވާނީ އަދީބު ދޫނިދޫގައި ބަހައްޓަވާގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.
ކުށުގެ ތުހްމަތުގެ ހައްޔަރު ކުރެވޭ މީހަކު 24 ގަޑިއިރަށް ވުރެ ގިނައިރު ބަންދުގައި ބެހެއްޓޭނީ ޝަރުއީ ކޯޓަކުން ނެރޭ އަމުރަކާއެކު އެވެ. އަދި ކުށެއްގެ ތުހްމަތުގައި ހުންނަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަންވާނެ ކަމަށް ގާނޫނުގައި ބުނެފައިވާއިރު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މުއްދަތު އިތުރު ކުރި މިއީ ފުރަތަމަ ފަހަރެވެ.
ކްރިމިނަލް ކޯޓުން ނައިބް ރައީސް އަދީބުގެ ބަންދަށް 15 ދުވަސް ޖަހައިދިން ނަމަވެސް އެމަނިކުފާނުގެ ގާނޫނީ ވަކީލް ވިދާޅުވީ ބަންދުގެ މައްސަލަ އިސްތިއުނާފް ކުރުމަށް ނައިބް ރައީސް އަދީބު ނިންމަވާފައިވާ ކަމަށެވެ.
ނައިބު ރައީސް އަދީބު ކޯޓަށް ހާޒިރު ނުކުރައްވާނެކަން އެމަނިކުފާނު ގާނޫނީ ވަކީލް ހުސެއިން ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައި ވަނީ ނަމަވެސް ފުލުހުން ވަނީ ކްރިމިނަލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިންހުރި ސަރަހައްދުގެ ބޮޑު ބައެއް ބަންދުކޮށްފަ އެވެ.
އަދީބުގެ މައްޗަށް ފުލުހުން ތުހްމަތު ކޮށްފައިވަނީ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލުމުގައި ބައިވެރިވުމުގެ ތުހްމަތު ކަމަށް އެމަނިކުފާނުގެ ވަކީލް ޝަމީމް، ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެ ތުހްމަތު ތަކަށް ނައިބު ރައީސް ދެކޮޅު ހައްދަވާ ކަމަށާއި މާލެ ވަޑައިގެންނެވީ ވެސް ކުށެއް ނުކުރައްވާތީ ކަމަށް ނައިބު ރައީސްއާ ހަވާލީ ޝަމީމް ވިދާޅުވި އެވެ. އަދި ހައްޔަރު ކުރުމަށް ހަމަ އެކަނި ހުށަހަޅާފައި އޮތީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް ކަމަށާއި އިތުރު ހެއްކެތް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިދިޔަ މަހުގެ ރިޔާސީ ލޯންކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅުގެން އިތުރު މީހުންވެސް ހައްޔަރުކޮށްފައިވީ ނަމަވެސް އޭގެ ތަފްސީލް ފުލުހުން މިހާތަނަށް ދީފަނުވެ އެވެ. ސިފައިންގެ ތިން މީހަކު ހައްޔަރުކޮށް އެމީހުންގެ ބަންދަށް 15 ދުވަސް މީގެ ކުރިން ވަނީ އިތުރުކޮށްދީފައެވެ.
ނައިބް ރައީސް އަދީބުގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ