ރައްޔިތުން ބޭނުންވާ ގޮތަށް ފަނޑިޔާރުގެތައް ގާއިމްކޮށްފައި ނޫނީ ހުއްޓައެއް ނުލާނަން: ރައީސް

ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުން ބޭނުންވާ ގޮތަށް ފަނޑިޔާރުގެ ގާއިމް ކުރައްވާނެ ކަމަށާއި އެގޮތަށް އެކަންތައް ނުކުރެއްވެނީސް ހުއްޓަވާ ނުލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ އިން ގޯތި ދޫކުރުމަށް މިއަދު ހުޅުމާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯ އަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ކަމަށާއި ރާއްޖޭގެ ފަނޑިޔާރުގޭގައި ތިއްބަވާ ފަނޑިޔާރުންނަކީ "ތަންދޮރުފިލާ" ބަޔަކަށް ވާން ޖެހޭ ކަމަށް އެ ގާނޫނު އަސާސީގައި ލިޔެވިފައިވާނެ ކަމަށެވެ. އަދި އެމްޑީޕީގެ އެންމެ މުހިއްމު ވައުދަކީ ރާއްޖެ އަށް އިންސާފު ހޯދައިދިނުން ކަމަށާއި އެ ވައުދުގެ ދަށުން ދިވެހިންނަށް އިންސާފުވެރި ފަނޑިޔާރުގެތަކެއް ހޯދަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ފަސް އަހަރު ނިންމާލާނީ ތިޔަ ބޭފުޅުން ތި އެދޭ ގޮތަށް ފަނޑިޔާރުގެތަކެއް އުފައްދާފައި، މި ރާއްޖޭގައި ގާއިމްކޮށްފައި. އެ ނޫން ގޮތަކަށް އަޅުގަނޑެއް ހުއްޓައެއް ނުލާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފަނޑިޔާރުގެތަކުގެ މައްސަލައަކީ ދިވެހިންގެ ބޯހިޔާވަހިކަމާ ގުޅިފައިވާ ކަމެއް ކަމަށާއި ރައްޔިތުން ބޭނުންވާ ކަންތައްތައް ކުރުމަށް ރަނގަޅު ފަނޑިޔާރުގެއެއް ބޭނުންވާ ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީގެ ނިޒާމުގެ އޮނިގަނޑަށް ރާއްޖެ ބަދަލުކުރުމަށް ބޭނުންވާ އެތައް ކަންތަކެއް ފާއިތުވި ތިން އަހަރުގައި ފަނޑިޔާރުގެއާ ހަމައިން ހުއްޓިފައިވާ ކަމަށެވެ.
"އެއާޕޯޓް އަޅާން އުޅުނުކަން ހުއްޓުވާލަން މަސައްކަތް ކުރީ ފަނޑިޔާރުގެއިން. ބޯހިޔާވަހިކަން، މާލޭގެ ތަރައްގީ، ހުޅުމާލެ އާއި މާލެ އާއި ދޭތެރޭގެ ފާލަން، ހަގީގަތުގައި ހުއްޓިފައި ހުރީ ފަނޑިޔާރުގެއާ ހިސާބުގައި،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ބޯހިޔާވަހިކަމަށް 21،000 ދިވެހިން އެދިފައިވާ ކަމަށާއި ނަމަވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި 10،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ހުރިހާ ދިވެހިންނަށް ބޯހިޔާވަހިކަން ހޯދައި ދޭނެ ކަމަށް ޔަގީންކޮށްދޭ ކަމަށާއި ކޮންމެ ދިވެއްސަކު ވެސް އުޅެން ބޭނުންތަނެއްގައި އުޅުވޭނެ ގޮތް ރާއްޖޭގައި ފަހިވެފައި އޮންނަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ހުރިހާ ފަރާތްތަކަށް ޔަގީންކޮށް އަރުވަން، ސަރުކާރަށް ވިސްނޭ ވިސްނުމުގައި އަދި މިހާރު ސާފުކޮށް ފެންނަން އޮތް ގޮތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަކީ މިދައުލަތަށް ނުކުރެވޭ ވަރުގެ ކަމެއް ނޫން. އިރާދަކުރެއްވިއްޔާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެން އެކަން ކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ގޯތި ހަވާލުކުރީ 15 މީހަކަށެވެ.
ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ]އެޗުޑީސީ[ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ސުޖާ މިއަދު ވިދާޅު ހުޅުމާލެ އިން މިއަދު ދޫކުރި ގޯތިތަކަކީ ސަރުކާރުން ބަދަލުދީފައިވާ ގޯތިތަކެއް ކަމަށެވެ. ނަމަވެސް އެއީ ކިހާވަރެއްގެ ބަދަލެއް ކަމެއް އަދި އެ ބަދަލު ސަރުކާރުން ދެއްކިނ ގޮތެއް އޭނާ ވިދާޅެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ