ސީޕީ ހަމީދުގެ ވަޒީފާ އިޔާދަކޮށްދިިން ގޮތާއިމެދު ސްޕްރީމް ކޯޓުން ސުވާލު އުފައްދައިފި

މިހާރުގެ ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދުގެ ވަޒީފާ އިޔާދަކޮށްދިނުމުގައި ކުރިން ސްޕްރީމް ކޯޓުން ނިންމި ނިންމުމާއިމެދު މިހާރުގެ ސްޕްރީމް ކޯޓްގެ ފަނޑިޔާރުން ސުވާލު އުފައްދައިފިއެވެ.
ސްޕްރީމް ކޯޓުން އެފަދައިން ސުވާލު އުފައްދާފައިވަނީ 2011 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ޕޮލިސް ސަރޖަންޓެއްގެ ވަޒީފާގައި ހުއްޓާ ހ.އޮއްކަފަގެ މުޙައްމަދު ޝަމްއޫން ނަޞީރު ވަކިކުރި މައްސަލަ އޭނާއާ ދެކޮޅަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން އެ ޤަޟިއްޔާ ސްޕްރީމް ކޯޓްގައި އިސްތިއުނާފް ކުރުމުން އެމައްސަލާގައި މިއަދު ގޮތެއް ކަނޑައަޅައި ފާހަގަކުރެއްވި ނުކުތާތަކުގެ ތެރޭގައެވެ.
ސްޕްރީމް ކޯޓްގެ ފަނޑިޔާރު ހުސްނުއްސުޢޫދު ލިޔުއްވާ، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންއާއި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާޢީދު ކުރެއްވި ރައުޔުގައިވާ ގޮތުން 2018 ވަނަ އަހަރު މިހާރުގެ ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދުގެ ފަރާތުން ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުން ބާޠިލްކޮށްދިނުމަށް އެދި ހުށަހެޅި މައްސަލާގައި "މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުއްތަކަށް އަދަބު ދިނުމާބެހޭ ޤަވާއިދު" ގެ 7 ވަނަ މާއްދާ މާނަކޮށްފައިވަނީ ރަނގަޅު ޤާނޫނީ ހަމައެއްގެ މައްޗަށް ކަމުގައި ޤަބޫލު ނުކުރެވޭ ކަމަށެވެ.
ޖިނާއީ ކުށަކާބެހޭ ގޮތުން ފުލުހެއްގެ މައްޗަށް ހިންގޭ ތަހުޤީޤަކަށް ސާބިތުވާކަމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ނިންމުމެއްގެ މައްޗަށް ބިނާކޮށް ފުލުހަކު ވަޒީފާއިން ވަކިކުރުން ފަދަ ނިންމުމެއް ނިންމުމުގެ ބާރު ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑު ނުވަތަ ކޮމިޓީއަކަށް ލިބިގެންނުވާކަމަށް ސީޕީ ހަމީދުގެ ފަރާތުން އިސްތިއުނާފް ކުރި މައްސަލާގައި ސްޕްރީމް ކޯޓުން އޭރު މައްސަލަ ބެއްލެވި ފަނޑިޔާރުން ކަނޑައަޅާފައިވެއެވެ. އެމައްސަލަ އޭރު ބެއްލެވި ސްޕްރީމް ކޯޓުގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރުކަމުން މިހާރު ވަކިކޮށްފައިވާ ފަނޑިޔާރު ޢަބްދުﷲ ދީދީއާއި ފަނޑިޔާރު ޢަބްދުﷲ އަރީފްއާއި ފަނޑިޔާރު އާދަމް މުހައްމަދު ޢަބްދުﷲއެވެ.
ޗީޕް ސްޕްރިޓެންޑެންޓެއްގެ ވަޒީފާގައި ހުއްޓާ 2012 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މުޙައްމަދު ޙަމީދު ވަޒީފާއިން ވަކިކުރެވިފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއެއްގައި ހުރެ ސިޔާސީ ގޮތުން ވަކި ބަޔަކަށް މަންފާއެއް ހޯދާދިނުމަށްޓަކައި މަޤާމުގެ ހައިސިއްޔަތުން ލިބިފައިވާ ސިއްރު މަޢުލޫމާތުތަކެއް ނަހަމަގޮތުގައި ބޭނުންކޮށް، ސަލާމަތީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއިމެދު އޮންނަ އިތުބާރާއި ޤަދަރަށް އުނިކަން ލިބޭގޮތަށް "ފުލުހުންނާއި ސިފައިން ހިންގި ބަޤާވާތް" މިނަމުގައި ޙަޤީޤަތާ ހިލާފް ރިޕޯޓެއް ނެރުމުގައި ސީޕީ ހަމީދު އިސްކޮށް އުޅެފައިވާކަން ފުލުހުންގެ ތަޙްޤީޤަށް ސާބިތުވެފައިވާތީއެވެ. އޭގެ އިތުރުންވެސް ފުލުހުންގެ އިންޓަލިޖެންސް އޮފިސަރުންގެ ގޮތުގައި މަސައްކަތްކުރާ ސިއްރު ފުލުހުންގެ ޒާތީ މަޢުލޫމާތުތަކާއި ވަނަވަރުތައް ލީކު ކޮއްލި މައްސަލައެއްވެސް ސީޕީ ހަމީދުގެ މައްޗަށް ކުރެވިފައިވެއެވެ.
ސީޕީ މުޙައްމަދު ހަމީދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުން 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ނިންމި ޤަޟިއްޔާ ޤާނޫނުގައިވާ މުއްދަތުގައި އޭނާގެ ފަރާތުން އޭރު ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި ނުވެއެވެ. ނަމަވެސް އޭގެ ދެ އަހަރު ފަހުން ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބަލިވުމާއި ގުޅިގެން އެ ދުވަސްވަރު ދިވެހިރާއްޖޭގެ ހައިކޯޓަށާއި އަދި ސްޕްރީމް ކޯޓަށް ސިޔާސީ ފަރާތްތަކުން ކުރިން ކޯޓުން ނިންމާފައިވާ ގިނަ ޙުކުމްތަކެއް ބާޠިލްކުރުމަށް އެދި ދަޢުވާތައް ހުށަހެޅި އިރު ސީޕީ ހަމީދުގެ ފަރާތުންވެސް އޭނާ ވަޒީފާއިން ވަކިކުރިކުރުމަށް ނިންމި ނިންމުން ބާޠިލްކޮށްދިނުމަށް އެދި އިސްތިއުނާފް ކުރުމުގެ ހުއްދައަށް އެދޭ ފޯމަކުން އެމައްސަލަ 28 ނޮވެމްބަރ 2018 ވަނަ ދުވަހު ސްޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ. އެ މައްސަލަ އާދަޔާ ހިލާފް އަވަސްމިނެއްގައި ބަލައި ރަސްމީ ދެ ދުވަސްތެރޭގައި ހައިކޯޓްގެ އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ ބާޠިލްކޮށް ސީޕީ ހަމީދާއި އެއްކޮޅަށް 02 ޑިސެމްބަރ 2018 ވަނަ ދުވަހު ސްޕްރީމް ކޯޓުން ޙުކުމް ކޮށްފައިވެއެވެ.
ސްޕްރީމް ކޯޓްގެ 2018 ވަނަ އަހަރުގެ ޙުކުމުގައި 07 އޮގަސްޓް 2012 ދުވަހުން ފެށިގެން މުޙައްމަދު ޙަމީދަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި، ވަޒީފާއިން ވަކިކުރި ދުވަސްވަރުގައި ލިބެންޖެހޭ ވަޒީފާގެ ކުރިއެރުންތަކާއިއެކު ވަޒީފާ އިޔާދަކޮށްދިނުމަށާއި، ވަޒީފާއިން ވަކިކޮށްފައިވާ މުއްދަތުގައި ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ގަނޑުކޮށް ނަގައިދީފައިވެއެވެ. ސްޕްރީމް ކޯޓްގެ އެ ޙުކުމަށްފަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ޙަވާލުވުމަށްފަހު މުޙައްމަދު ޙަމީދު ވަނީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އައްޔަންކުރައްވާފައެވެ. މުޙައްމަދު ޙަމީދަކީ ރައީސް ޞާލިޙްގެ ޅިޔަނެއްކަންވެސް ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ