ޑިސެންބަރު 1 އިން ފެށިގެން ޖަނަވަރީ ތިނަކާ ހަމައަށް ސުޕްރީމް ކޯޓު ރިސެސްއަށް

ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހާ ހަމައަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ރިސެސްއަށް ދާނެ ކަމުގައި އެ ކޯޓުން ބުނެފިއެވެ. ކޯޓުތަކާ ބެހޭ ޤާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުގެ އަޣުލަބިއްޔަތުން އެހެން ގޮތަކަށް ނުނިންމާހާ ހިނދަކު، ކޮންމެ އަހަރެއްގައިވެސް ސުޕްރީމް ކޯޓުގެ އަހަރީ ދައުރު ފެށޭނީ އެ އަހަރެއްގެ ޖަނަވަރީ މަހުގެ ފުރަތަަ ރަސްމީ މަސައްކަތު ދުވަހުގައެވެ. އަދި އަހަރީ ދައުރު ނިމޭނީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ ފަހު ހަފުތާގެ ފަހު ރަސްމީ މަސައްކަތުގެ ދުވަހުގައެވެ. ސުޕްރީމް ކޯޓުގެ ރިސެސް ދެމިގެންދާނީ ނޮވެންބަރު މަހުގެ ފަހު ހަފުތާގެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ މަސައްކަތު ދުވަހާ ހަމައަށެވެ. ސުޕްރީމް ކޮޓުން ބުނެފައިވަނީ ފަނޑިޔާރުންގެ މަޖިލިހުގެ އަޣުލަބިއްޔަތުން އެ ނޫން ގޮތަކަށް ނުނިންމާ ހިނދެއްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްގެން އެ ހާލަތާމެދު ގޮތެއް ނިންމުމަށް ނުވަތަ ޤާނޫނުގެ ދަށުން ވަކި ކަމެއް ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ކަމެއް ނިންމުމަށް ނޫނީ ރިސެސް މުއްދަތުގައި ސުޕްރީމް ކޯޓުގެ އެއްވެސް ޝަރީޢަތެއްގެ އަޑުއެހުން ނޯންނާނެ ކަމަށެވެ. އެހެންނަމަވެސް ކޯޓު ރިސެސްގައި އޮންނަ މުއްދަތުގައިވެސް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާއި އެ ނޫންވެސް ކޯޓުގެ އިދާރީ އެހެނިހެން ކަންކަން ކުރިއަށް ގެންދާނެ ކަމުގައި ސުޕްރީމް ކޯޓުން ބުނެފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ