ނ. ވެލިދޫގެ ދެކުނު އަވަށުގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫއަކީ 581,850 ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
މި ޕާކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ޖުލައި މަހު އެ ރަށަށް ކުރެއްވި ޒިޔާރަތުގައި ވެވަޑައިގެންނެވި ވައުދުފުޅެއް ފުއްދުމުގެ ގޮތުން ތަރައްގީކުރި ތަނެކެވެ. ރަށުގެ އިޖުތިމާއީ ވަސީލަތްތަކަށް ލިބުނު މި ކުރިއެރުމާ މެދު ވެލިދޫގެ ރައްޔިތުން ތިބީ ވަރަށް ބޮޑު ހިތްހަމަޖެހުމެއްގައެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކުރި ގޮތުގައި، ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއު އާރްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 29 މާރިޗު 2025 ގައެވެ.
މި މަޝްރޫއުގެ ދަށުން ޕާކުގެ ބިން އެއްވަރުކޮށް ޒީނަތްތެރިކުރުމާއި، ކުޑަކުދިން ކުޅޭނެ ސާމާނު ހަރުކުރުމުގެ އިތުރުން މުނިފޫހިފިލުވުމުގެ ސަރަހައްދެއް ވަނީ ތަރައްގީކޮށްފައެވެ. އާރްޑީސީން ބުނީ މި ޕާކުގެ ސަބަބުން ކުޑަކުދިންނާއި އާއިލާތަކަށް ރައްކާތެރި އަދި ހިތްފަސޭހަ މުނިފޫހިފިލުވުމުގެ މާހައުލެއް ލިބިގެންދާނެ ކަމަށެވެ.
ގާތްގަނޑަކަށް 2,700 މީހުންގެ އާބާދީއެއް އޮންނަ ވެލިދޫއަކީ، މާގޫދޫ އާއި ތޮޅެންދޫއިން މީހުން ބަދަލުވުމާ ގުޅިގެން ފަހަކަށް އައިސް އާބާދީ އިތުރުވަމުން އަންނަ ރަށެކެވެ. މި އާ ޕާކާއެކު ރަށުގެ ދެކުނު އަވަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ވެލިދޫ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ