ގާޒީ އަބްދުލްބާރީ ޔޫސުފް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
ޖުޑީޝަރީ ކޮމެޓީން ގާޒީ ބާރީ މަގާމުން ވަކި ކުރަން ފެންނަ ކަމަށް ފާސްކުރީ ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި 63 މެެމްބަރުންގެ އިއްތިފާގުންނެވެ.
ޖޭއެސްސީން ގާޒީ ބާރީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިމަހުގެ 18 ވަނަ ދުވަހުގައެވެ.
ގާޒީ ބާރީ އާއި ގުޅޭގޮތުން ކޮމިޝަނުން ބަލާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން ގާޒީ ބާރީ މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައާއި، 2014 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހާއި ހަމައަށް ގާޒީ ބާރީ އަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވި ކަމާއި، އެ މުއްދަތުގައި ޖޭއެސްސީއަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި، އެވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާ ކަމަށް ބުނެ ތަހުގީގު ކޮށްފައިވާ މައްސަލައެއް ކަމަށް ޖޭއެސްސީން ބުނެއެވެ.
އަދި އެމައްސަލަތަކުގެ ތަހުގީގުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުއާއި ގާޒީ ބާރީ ގާތް ގުޅުމެއް އޮތްކަމާއި، ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީއަތްތަކާ ގުޅިގެން އަދީބުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުން ތަކަކާއެކު އަދީބާއެކު ބޭއްވި ބައްދަލުވުން ތަކެއްގައި ގާޒީ ބާރީ ބައިވެރިވިކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.
މީގެއިތުރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމް ކުށުގެ ދައުވާގައި، ރައީސް ނަޝީދުގެ މައްޗަށް ހުކުމްކުރުމުގެ ކުރިން އެ މައްސަލައިގެ ހުކުމުގެ ކޮޕީއެއް އަދީބަށް ފޮނުވުމަށް ގާޒީ ބާރީ އެހުކުމް ދިންކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.
ޝަރީއަތްތައް އެއިރު ސަރުކާރުން ބޭނުންވިގޮތަށް ނިންމައިދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިންއިރު، ގާޒީ ބާރީއަށް ފްލެޓެއް ބޭނުންވުމުން، އޭނާގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަން އެނގެން އޮތްކަމާއި، ހަމަ އެދުވަސްވަރު އަދީބުގެ ފަރާތުން ފަސް ލައްކަ ދިވެހި ރުފިޔާ ބާރީއަށް ދީފައިވާކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.
ކޮމެޓީން ވެސް ފާސްކުރީ ގާޒީ ބާރީ ވަކިކުރަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ