ލަންޑަން (ޖުލައި 11) - މި ފަހަރުގެ ފީފާ ވޯލްްޑް ކަޕްގެ ޗެމްޕިއަންކަން އިންގްލެންޑަށް ލިބިއްޖެނަމަ، ޓީމަށް ބަހާނީ ބޯނަހުގެ ގޮތުގައި ލިބޭ ފައިސާގެ ތެރެއިން 20 މިލިއަން ޑޮލަރު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރިިޕޯޓްތައް ބުނާގޮތުން، ވޯލްޑް ކަޕްގެ ޗެމްޕިއަނުންނަށް ފީފާ އިން ދެނީ 50 މިިލިއަން ޑޮލަރެވެ. އެ ފައިސާ ބެހުމަށްޓަަކައި، އިނގިރޭސި އެފްއޭ އިން ޓީމާ އެކު އެއްބަސްވެފައިވަނީ، 50-50 އުސޫލަކުންނެވެ. އެ ގޮތުން ބަލާއިރު، އިންގްލެންޑް ޓީމަށް 20 މިލިއަން ޑޮލަރު ދޭއިރު، އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް އަށް ތިން މިލިއަން ޑޮލަރު އަދި އޭނާގެ ބެކްރޫމް ސްޓާފުންގެ މެޗުގައި، 2 މިލިއަން ޑޮލަރު ބަހާނެ އެވެ.
އިންގްލެންޑުން ވަނީ، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު ވެސް ޓީމަށް ބޯނަހެއް ދީފަ އެވެ. ޗެމްޕިއަން ޓީމަށް ލިބޭ ފައިސާ އިން ބޯނަސް ދޭނެ ގޮތެއް ކަނޑައެޅިފައި ނެތުމުން، 2023 ވަނަ އަހަރު އިންގްލެންޑް އެފްއޭ އަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. އެއީ، އެ ފަހަރު ފީފާ ވިމެންސް ވޯލްޑް ކަޕްގެ ރަނަރަަޕަށް ދިޔަ އިންގްލެންޑްގެ އަންހެން ޓީމަށް ފައިސާ ބެހުމުގައި، އެފްއޭ އިން އެއްބަސްވުމެއް ނަހަދައި، ހަމަހަމަ އުސޫލަކުން ކަންކަން ކުރިއަށްގެންގޮސްފައިނުވާތީ އެވެ.
އިންގްލެންޑުން މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދުމަށްޓަކައި، ކުއާޓާ ފައިނަލުގައި މިރޭ ކުޅޭނީ ނޯވޭއާ ދެކޮޅަށެވެ. ނޯވޭ އިން ވަނީ ގަދަ 16 ޓީމުގެ ބުރުަގައި ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ބްރެޒިލް ކަޓުވާލައިފަ އެވެ. އަނެއްކޮޅުން، އިންގްލެންޑުން ކުއާޓާ ފައިނަލަށް ދަތުރުކުރީ، ގަދަ 16 ބުރުގައި މުބާރާތުގެ އެއް ހޯސްޓް، މެކްސިކޯ އަތުން މޮޅުވެގެންނެވެ.
ނޯވޭ އާއި އިންގްލެންޑުން ވާދަކުރާ ކުއާޓާ ފައިނަލް މެޗުން މޮޅުވާ ޓީމެއް މުބާރާތުގެ ސެމީ ފައިނަލުގައި ކުޅެން ޖެހޭނީ ކުއާޓާ ފައިނަލް ފަހު މެޗުގައި ސްވިޒަލެންޑާއި އާޖެންޓީނާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.
އިންގްލެންޑަށް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ލިބިއްޖެނަމަ ޓީމަށް ބަހާނީ 20 މިލިއަން ޑޮލަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ