އާންމުންނަށް ފަސޭހައިން ޑޮލަރު ލިބޭ ޒަމާނެއް ރާއްޖޭގައި މި ނޫނީ ނެތް: ފަލާޙް
އާންމުންނަށް ފަސޭހައިން ޑޮލަރު ލިބޭ ދުވަސްވަރެއް މި ނޫނިއްޔާ އަދި ނެތް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙް މިއަދު ވިދާޅުވެއްޖެއެވެ. 'އެމްއެމްޓީވީ'ން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފަލާޙް ވަނީ، މާދަމާރޭ އިދިކޮޅު އެމްޑީޕީން "ޑޮލަރެއްނެތް" ނަމުގައި ބާއްވާ ޕެނަލް ޑިސްކަޝަަނަށް އަލިއަޅުވައިލައްވައިފައެވެ. އެފަދަ ޕެނަލް ޑިސްކަޝަނެއް އެމްޑީޕީން ބާއްވަންޏާ އެ ވާނީ ހަޑި ކަމަކަށް ކަމަށް ފަލާޙް ސިފަކުރެއްވިއެވެ. ފަލާޙް ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ތަކެތީގެ އަގުބޮޑުވެ ޚިދުމަތްތަކަށް އައި އަސަރުތަކުގެ ސަބަބުން ރައްޔިތުން އިހުތިޖާޖުކުރި ކަމަށާއި، އެ ވެރިކަން ނިމުނީ ނަޝީދަށް ގައުމު ހިންގަން ނޭނގުމުން ކަމަށެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް އިޝާރާތްކުރައްވައި ފަލާޙް ވިދާޅުވީ، ރާއްޖޭގައި ޑޮލަރުގެ އަގުބޮޑުވީ އެ ސަރުކާރުން އަށް ބިލިއަން ޑޮލަރު ޗާޕުކުރުމުގެ ސަބަބުންނެވެ. "ހަގީގަތުގައި މިއަދަށްވުރެ ދިވެހި އާންމު ރައްޔިތުންނަށް ޑޮލަރު ފަސޭހައިން ލިބޭ ދުވަހެއް މި ފަހުގެ ތާރީޚެއްގައި ނުފެނޭ،" ފަލާޙް ވިދާޅުވިއެވެ. އެގޮތުން ބޭސްފަރުވާއަށް ފުރާ މީހުންނަށް ބޭންކު ރޭޓުގައި އެއްހާސް ޑޮލަރު ލިބޭ ކަމަށާއި، ބޭރު ގައުމުތަކުގައި ކިޔަވާ ކުދިންނަށާއި ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރަން ފުރާ ދިވެހީންނަށްވެސް ބޭންކު ރޭޓުގައި ޑޮލަރު ލިބޭ ކަމަށް ފަލާޙް ވިދާޅުވިއެވެ. "މިހާރު ބޭނުންކުރަމުންދާ ވިސާ ކާޑާއި ޑެބިޓް ކާޑާއި ކްރެޑިޓް ކާޑާއި މި ތިން ހަތަރު ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރަށް އެކިއެކި ބޭނުންތަކަށް މި ދާ ބޭފުޅުންނަށް ދެތިން ހަތަރު ހާސް ޑޮލަރު ބޭންކު ރޭޓުން އެބަ ބޭނުންކުރެވޭ،" އޭނާ ވިދާޅުވިއެވެ. ޞާލިޙްގެ ސަރުކާރާ ގުޅޭގޮތުން ފަލާޙް އިތުރަށް ވިދާޅުވީ، ޞާލިޙްގެ ސަރުކާރު 2018ވަނަ އަހަރު ހަވާލުވިއިރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި 200 މިލިއަން ޑޮލަރު އޮތް ކަމަށާއި، މި ސަރުކާރު އައިއިރު އޮތީ ދެ މިލިއަން ޑޮލަރު ކަމަށެވެ. އެމްޑީޕީ ސަރުކާރުން ހުރިހާ މަޝްރޫއެއް ހިންގީ ދަރަންޏަށް ކަމަށް ފަލާޙް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި އެމްޑީޕީ ސަރުކާރުގެ އަޣުލަބިއްޔަތު އޮތް 19ވަނަ މަޖިލީހުން ދައުލަތުގެ ބަޖެޓު ފާސްކޮށް އާމްދަނީ ލިބޭނެ އެއްވެސް މަޝްރޫއެއް ހިންގައިފައެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ