ދަރިވަރުންގެ އަޚުލާޤު ރަނގަޅުކުރަން މުޖުތަމަޢުގެ އެއްބާރުލުން ބޭނުންވޭ: ވަޒީރު ޑރ.ޝަފީޢު

ދަރިވަރުންގެ އަޚުލާޤު ރަނގަޅު ކުރުމަށް މުޖުތަމަޢުގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، އަޚުލާޤީ ގޮތުން ފުރިހަމަ ދަރިވަރުންތަކެއް ބިނާކުރުމަށް ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން ގެންގުޅޭ ކާމިޔާބު އުސޫލުތަކަށް އަމަލުކުރުން މުހިންމު ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ހުޅުމާލެ ސީއެޗްއެސްސީގައި ބޭއްވި "މަތީ އަރުތަވެރިންގެ އިނާމު 2025" ދިނުމުގެ ރަސްމިއްޔާތުގެ ތިންވަނަ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދަރިވަރުންގެ އަޚުލާޤު ރަނގަޅުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ "ބިންގާ" ތަރުބަވީ ޕްރޮގްރާމުގެ ފުރަތަމަ ޓާމުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިމިފައިވާކަން ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ފާހަގަކުރެއްވިއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤުސަދަކީ ޢިލްމީ ގޮތުންނާއި އަޚުލާޤީ ގޮތުން ފުރިހަމަ އަދި ދިރިއުޅުމުގެ އެކި ހުނަރުތަކަށް އަހުލުވެރިވެފައިވާ އުފެއްދުންތެރި ދިވެހި ދަރިންތަކެއް ބިނާކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ތެރެއިން ފުރަތަމަ ޓާމުގައި އެކަނިވެސް 3،900 އަށްވުރެ ގިނަ ހަރަކާތްތައް ވަނީ ހިންގާފައެވެ. މި ހަރަކާތްތައް ބައްޓަންކޮށްފައިވަނީ ނަމާދު ކުރުމާއި، އޯގާތެރިކަމާއި، ޤައުމީ ލޯތްބާއި، ޒިންމާދާރުކަމުގެ އިތުރުން ތެދުވެރިކަމާއި ސާފުތާހިރުކަން ފަދަ މުހިންމު ސިފަތައް ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގެ ބާމިންހަމް ޔުނިވަރސިޓީން ހަދާފައިވާ ދިރާސާއަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ 97 އިންސައްތަ މީހުންނާއި ގިނަ އަދަދެއްގެ ބެލެނިވެރިން، ދަރިވަރުންގެ އަޚުލާޤު ބައްޓަންކުރުމަކީ ސްކޫލުތަކުން އިސްކަންދޭންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި ޤަބޫލުކުރާ ކަމަށެވެ. އެހެންކަމުން، ކުރިއަރާފައިވާ ޤައުމުތަކުގެ މިފަދަ ނަމޫނާތަކުން ފިލާވަޅު ލިބިގަނެ، ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން މިކަންކަން ތަންފީޒުކުރުން މުހިންމު ކަމަށް ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ފާހަގަކުރެއްވިއެވެ.
"މި ފެންނަނީ ސުކޫލުގެ އަޚުލާޤު ކިޔަވައިދިނުމުގައި މުހިންމު ކަމެއްގެ ގޮތުގައި ބެލެނިވެރިން ޤަބޫލުކުރޭ، ދަރިވަރުންގެ އަޚުލާޤު ބައްޓަންކުރުމުގެ ދައުރެއް އޮންނަން ޖެހޭކަމަށް ކިޔަވައިދެއްވާ 97 އިންސައްތަ މީހުން ޤަބޫލުކުރޭ، އަޚުލާޤު ވަކިން ކިޔަވައިދޭން ޖެހޭކަމަށް ވަނީ ފާހަގަކޮށްފައި. މިއީ ކުރިއަރާފައިވާ ޤައުމުތަކުން ވިސްނުން ހުރި ގޮތް. ނަކަލު ކުރަންވީ އެފަދަ ކުރިއަރާފައިވާ ޤައުމުތަކުގައި ހުރި ކަންކަމަކީ އެކަމައިގެން ކުރިއަރައިގެންދާ ކަންތައްތައް." ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ފަށާފައިވާ ތަރުބަވީ ޚާއްސަ ޕްރޮގްރާމް ބިންގާއަކީ، އަޚުލާޤީ ރީތި ސިފަތަކާއި އާދަތަކަށް ދަރިވަރުން އަހުލުވެރި ކުރުމުގެ މަޤުޞަދުގައި ސްކޫލުތަކާއި، ބެލެނިވެރިންނާއި މުޅި މުޖުތަމަޢުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ތަރުބަވީ ޚާއްސަ ޕްރޮގްރާމް ކުރިއަށް ގެންދަނީ، ވަކިވަކި ތީމްތަކަކަށް ބަހާލައިންގެންނެވެ.
މިފަދަ ޕްރޮގްރާމުގެ ސަބަބުން މުދައްރިސުންނަށް އިޚުތިރާމްކުރަން ދަންނަ އަދި މުޅި ސްކޫލު މާހައުލުގައިވެސް އަޚުލާޤީ ރިވެތި ދަރިވަރުންތަކެއް އުފެއްދުމުގެ މަގުފަހިވެގެންދާނެއެވެ. ނަމަވެސް މިއީ ހަމައެކަނި ސްކޫލުގެ 4 ފާރު އެތެރޭގައި ކުރާކަމެއްގެ ބަދަލުގައި މުޅި މުޖުތަމަޢުގެ އެއްބާރުލުންވެސް މިކަމަށް ލިބުން މުހިއްމެވެ. އެއާއެކު އުފެދިގެންދާނީ، އަޚުލާޤު ރަނގަޅު އިޚުތިރާމް ކުރަން ދަންނަ އެންމެންގެ ލޯބި ލިބިގެންވާ ދަރިވަރުންތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ