ޕީއެންސީގެ ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓުލާ މަރުކަޒެއްގައި މާރާމާރީ ހިންގައިފި

މިއަދު ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ނިންމައި، ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ގެންދަނިކޮށް ހުޅުމާލޭގެ ވޯޓު ފޮއްޓެއްގެ ކައިރީގައި މާރާމާރީ ހިންގައިފި އެވެ. 
ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓު ފޮއްޓެއް ގުނަމުންދަނިކޮށް ކެންޑިޑޭޓުންގެ މަންދޫބުންގެ މެދުގައި ދެބަސްވެ، ބޮޑު ހަަމަނުޖެހުމެއް ހިނގާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. 
ދެ ފުލުހަކު ވެސް ހޯލުގައި ތިއްބާ ހަމަނުޖެހުން ހިންގައި، އެކަކު އަނެކެއްގެ ގަޔަށް އެ ތަނުގައި ހުރި ގޮނޑިތައް އުކައި އެކަކު އަނެކަކަށް އިންޒާރުދޭ އަޑު ވެސް ވީޑިއޯގައި އިވެ އެވެ. 
އެ މައްސަލާގައި ފުލުހުންނާ މީޑިއާތަކުން ސުވާލު ކުރުމުން ބުނީ، ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގެ ވޯޓު ގުނުން ހުޅުމާލެ 2 ގައި ހުންނަ ސްކޫލެއްގައި ކުރިއަށް ގެންދަނިކޮށް، މިރޭ 9:15 ހާއިރު އެތަނަށް ބަޔަކު ވަދެ ސްކޫލަށާއި ސްކޫލުގެ މުދަލަށް ގެއްލުންދީ، އެ ތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. 
އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު "މިހާރު" އަށް ވިދާޅުވީ ބޮޑު ހަމަނުޖެހުމެއް ނުހިނގާ ކަަމަށެވެ. އެއީ ޕާޓީއަކުން ބޭއްވި އެތެރޭގެ އެންމެ ބޮޑު އިންތިހާބުކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ، އެއީ ވޯޓު ގުނުމުގައި އުފެދުނު ހިޔާލުތަފާތުވުމެއްގެ ސަބަބުން ހިނގި ކަމެއް ކަމަށެވެ. އަދި މާބޮޑު ކަމެއް ނުހިނގާ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.   
"އެދެން ހަމަނުޖެހުމެއް ނޫން. އެ ވާގޮތަކީ އަޅުގަނޑުމެން މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ އިންތިހާބެއް ދެއްތޯ މިއީ. މިއީ މިހާތަނަށް ސިޔާސީ ޕާޓީއަކުން ބޭއްވި އެތެރޭގެ އެންމެ ބޮޑު އިންތިހާބު،" އޭނާ ވިދާޅުވި އެވެ.
"ދެން ހަމައެކަނި ހުޅުމާލޭ އުތުރުގައި ގުނުމުގައި ކޮންމެވެސް ވަރެއްގެ ހިޔާލުތަފާތުވުމެއް. އަނެއްކަހަލަ މާބޮޑު ކަންތައްގަނޑެއް ނޫން." 
އެތެރޭގެ އިންތިހާބަށް ފަހު ކޮންގްރެސް ޕާޓީގެ ޖަގަހަ ކައިރީގައި ހުންނަވައި، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ނޫސްވެރިން ގާތު މިއަދު ވިދާޅުވީ އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 40،000 މެމްބަރުންގެ ތެރެއިން ގާތްގަނޑަކަށް 33،000 މީހުން ވޯޓުލީ ކަމަށެވެ. 
The most trusted news source in the Maldives
އެ އިންތިހާބުގައި ވާދަކުރި 2،500 އެއްހާ ކެންޑިޑޭޓުންނަށް ވޯޓުލުމަށް މާލޭގެ އިތުރުން ރަށްރަށް ހިމެނޭ ގޮތަށް 119 ވޯޓު ފޮށި ބެހެއްޓިއިރު އެ އިންތިހާބު ކުރިއަށް ދިޔައީ ވަރަށް ސުލްހަވެރިކޮށް އަމާންކަމާ އެކު ކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ