ޕީއެންސީ އެތެރޭގެ އިންތިހާބުގައި ހިންގި ހަމަނުޖެހުމުގައި ކާމިލު ދީދީ ސްކޫލަށް ގެއްލުން ދީފި

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދިޔަ ކާމިލު ދީދީ ސްކޫލުގައި ހިންގި ހަމަނުޖެހުމުގައި އެ ސްކޫލުގެ ބައެއް ތަކެއްޗަށް ގެއްލުން ދީފި އެވެ. 
މައްސަލަ ޖެހުނީ ހުޅުމާލެ އުތުރު ދާއިރާގެ ވޯޓު ފޮށިތައް ބަހައްޓާފައި ހުރި ސަރަހައްދުގަ އެވެ. އެ ހަމަނުޖެހުމުގެ ވީޑިއޯތަކުން ފެންނަ ގޮތުގައި ދެ ގްރޫޕެއްގެ މެދުގައި ބަހުގަ ހަމަލާ ބަދަލުކޮށް އެކަކު އަނެކަކަށް ހަމަލާ ދީފައިވެ އެވެ. ހަމަނުޖެހުމުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.  
އެ ސްކޫލުގެ ހޯލަށް ވަންނަން ބޭނުންކުރާ ދޮރުގެ ބިއްލޫރިތަކެއް ތަޅާލައި އެ ދޮރު ބޭނުންނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ. މަންޒަރު ދުށް ބައެއް މީހުން މައުލޫމާތު ދިން ގޮތުގައި އެ ސްކޫލުގެ ބައެއް ގޮނޑި ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. 
ޕީއެންސީގެ ލީޑާޝިޕްގެ ހާޒިރުގައި އެ ފޮށި ގުނާފައިވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދާއިރާގެ ނައިބު ރައީސްގެ މަގާމު ކާމިޔާބު ކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަ ކުރި މައްސަލައިގައި ސަސްޕެންޑު ކުރިތާ އަށް މަސްދުވަސްފަހުން އިސްތިއުފާ ދިން މަލްޝާ ޝަރީފެވެ. 
މިއަދު ބޭއްވި އިންތިހާބުގައި ޕީއެންސީގެ ދާއިރާތަކާއި ސްޓިއަރިންގް ކޮމިޓީތަކުގެ އެކި މަގާމުތަކަށް 2,500 އަށްވުރެ ގިނަ މީހުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން ބައެއް މަގާމުތަކަށް އިންތިހާބަކާ ނުލައި މީހުން ވަނީ ހޮވިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ