ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުވާ ކޮށްފި އެވެ.
މާލޭގެ މަޖީދީ މަގުގައި ހުންނަ ނަލަހިޔާ ރެސިޑެންސުން ވައްކަން ކޮށްގެން ފުލުހުންނަށް ރިޕޯޓުކުރީ މި އަހަރުގެ މާޗު މަހުގެ 16 ގަ އެވެ. އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން އެންމެ ފުރަތަމަ ހައްޔަރުކުރީ ހަތަރު މީހެކެވެ. އަދި ފަހުން އިތުރު މީހަކު ހައްޔަރުކުރި އެވެ.
އެ މައްސަލައިގެ ތަހުގީގު ނިންމައި، އެ މީހުންގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާއިރު އެ އޮފީހުން ބުނީ މާޗު 15 ވަނަ ދުވަހުގެ ވަގުތެއްގައި ނަލަހިޔާ އެޕާޓްމަންޓެއްގައި ހުރި ދެ ތިޖޫރި ފަޅާލައި އޭގައި ހުރި 3.99 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލާގައި ދައުވާކުރުމަށް އެދި މިދިޔަ މަހުގެ 25 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ ފަސް މީހުންގެ މައްޗަށް ކުރަނީ ގާނޫނުލްއުގޫބާތުގެ 211 ވަނަ މާއްދާގެ ދަށުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އެވެ.
އެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
އޭގެ ތެރެއިން ތިން މީހެއްގެ މައްޗަށް ވަނީ ގާނޫނުލްއުގޫބާތުގެ 230 ވަނަ މާއްދާގެ ދަށުން އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ވެސް ކޮށްފަ އެވެ. ވެރިފަރާތުގެ ހުއްދަ ނެތި އެޕާޓްމަންޓަށް ވަތް ކަމުގެ ދައުވާކުރަނީ އޭގެ ތެރެއިން ފާރިސް އާއި ނޫރު އަދި ޖަޒީލުގެ މައްޗަށެވެ.
އެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އެ ތިން މީހުންގެ މައްޗަށް ވަނީ ގާނޫނުލްއުގޫބާތުގެ ގެ 220 ވަނަ މާއްދާގެ ދަށުން މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ވެސް ކޮށްފަ އެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި އެ ދައުވާ ކޮށްފައި ވަނީ އެ އެޕާޓްމަންޓަށް ވަދެ، އެތަނުގެ ކޮޓަރިތަކުގެ ދޮރުތަކާއި ތިޖޫރިތަކަށް ގެއްލުންދީފައިވާ މައްސަލައިގަ އެވެ. އެ ކުށުގެ އަސާސީ އަދަބަކީ ވެސް ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލާގައި ދައުވާ ލިބޭ މީހުން އަތުން ވަގަށް ނެގި ފައިސާ ބަދަލު ލިބޭ ފަރާތަށް ނަގައިދޭ ދިނުމަށް ވެސް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.
އެ ފައިސާ ވަގަށް ނަގާފައި ވަނީ މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކު ސޭޓު) ގެ ގެއިންނެވެ. ވައްކަންކޮށްފައި ވަނީ އޭނާގެ އާއިލާއިން މިދިޔަ ރޯދަ މަހުގެ ފަހު ދިހައެއްގައި އުމްރާގެ އަޅުކަމަށް ދިޔަ ދަނޑިވަޅުގަ އެވެ.
މަނިކު ސޭޓު ހިންގަނީ، އެކި ބާވަތުގެ މުދާ އެތެރެކޮށްގެން މަންޝާގެ ނަމުގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި އެވެ.
މަނިކު ސޭޓަކީ މީގެ 45 ވަރަކަށް އަހަރު ކުރިން ފެށިގެން މާލޭގައި ވިޔަފާރި ކުރަމުން އަންނަ މީހެކެވެ. ސުވެނިއާ ޝޮޕްތަކާއި އާދައިގެ ފިހާރަތައް ވެސް އޭނާ މާލޭގައި ހިންގަ އެވެ.
މަނިކު ސޭޓުގެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގިއިރު އެ ފައިސާގެ ތެރެއިން ހޯދިފައި ވަނީ މަދު އަދަދެކެވެ.
The most trusted news source in the Maldives
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ގޭގެ ތިޖޫރިއެއްގައި ރައްކާކޮށްފައި ހުއްޓާ އެ ފައިސާ ނެގުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރ. މަޑުއްވަރީ، އިސްމާއިލް އާސިފަކީ މަނިކު ސޭޓުގެ އާއިލާ މީހެކެވެ. އެ ފައިސާ އޭނާ އިސްވެ ހުރެ ވަގަށް ނަގާފައި ވަނީ އެ އާއިލާ އުމްރާ އަށް ދިޔަ ވަގުތެއްގަ އެވެ. އޭރު އެ ގޭގައި އާސިފް ފިޔަވައި އިތުރު މީހަކު ނެތް ކަމަށްވެ އެވެ.
އެ ކަމެއް ހިނގުމުގެ ދުވަސްތަކެއް ކުރިން މަނިކު ސޭޓު ވަނީ އާސިފަށް ވަޒީފާއެއް ވެސް ހަމަޖައްސައިދީފައި ކަމަށްވެ އެވެ.
އާސިފަކީ 10 އަހަރަށް ޖަލަށް ލާން 2022 ގައި ހުކުމް ކޮށްފައިވާ މީހެކެވެ. ކްރިމިނަލް ކޯޓުން އެ ހުކުމްކުރީ ލަނޑާ ނަގާ ދޯންޏެއްގެ ތެރޭގައި ހިންގި ހަމަނުޖެހުމެއްގެ ތެރެއިން ރ. މަޑުއްވަރީ ފެހިއަލި، އިސްމާއިލް ހައްމާދަށް ވަޅިން ހަމަލާދިން މައްސަލައެއް ސާބިތުވުމުންނެވެ.
އާސިފް 10 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށް ފަހު، ތަންފީޒު ކުރަން ޖެހޭނީ ހަތް އަހަރާއި ތިން މަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ބޮޑު ވައްކަމުގެ މައްސަލައެއްގައި އޭނާ ހައްޔަރުކޮށްފައި ވަނީ އެ ހުކުމްގެ މުއްދަތު ހަމަނުވަނީސް ސެޕްޓެމްބަރު 2023 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަހު ދުވަސްކޮޅު މިނިވަންކޮށްފައި ހުއްޓާ އެވެ.
ނަލަހިޔާ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ނެގި މައްސަލާގައި ހައްޔަރުކުރި މީހުންނަށް ދައުވާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ