އީ-ވޯޓިންއަކަށް ހުރަހެއް ނެތް: ޝަކީލް

އިލެކްޓްރޯނިކް ވޯޓިން ނިޒާމު ނުވަތަ އީ-ވޯޓިން ނިޒާމެއް ބޭއްވުމަށް ޖިސްމާނީ އެއްވެސް ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އާ ރައީސް މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.މި މަހުގެ އެއްވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ދައުލަތުގެ މީޑިއާއަށް ދެއްވި ފުރަތަމަ އިންޓަވިއުގައި ޝަކީލް ވިދާޅުވި ގޮތުގައި އެ ނިޒާމާ ގުޅޭގޮތުން ފުރަތަމަ ޖެހޭނީ މީހުން ހޭލުންތެރިކުރުވާށެވެ. އެގޮތުން އެ ނިޒާމު ހިނގާ ގޮތް އެނގި، އެއާ ގުޅޭ އެހެން ހުރިހާ މައުލޫމާތަކާ ގުޅޭ ގޮތުން ވެސް މީހުން ހޭލުންތެރިކުރުވަން ޖެހޭ ކަމަށް ވިދާޅުވި އެވެ."ފިޒިކަލީ ގޮތުން އަޅުގަނޑުމެންނަށް އެކަމުގައި އެއްވެސް ހުރަހެއް ނެތް. އެކަމަކު އެކަން ކުރެވޭނީ، ދިގުދެމިގެންދާ ގޮތަކަށް ރައްޔިތުން ހޭލުންތެރިކުރުވުުމަށް ފަހު، އެ ކަމަށް ތައްޔާރުކަން ރައްޔިތުން ހާމަކުރާ ހިސާބުން،" ޝަކީލް ވިދާޅުވި އެވެ.ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލަކީ އީ-ވޯޓިން ތައާރާފްކޮށް، ވޯޓުން ވައްކަން ކުރަން ސިިއްރު އެޖެންޑާއެއްގެ ދަށުން ކުރާ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެމްބަރުން ވަނީ ތުހުމަތުކޮށްފަ އެވެ.މަޖިލީހުން ގާނޫނު އިސްލާހުކޮށްފިނަމަ އިންތިހާބުތައް އެކުގައި ބާއްވާނަން: ޝަކީލުމީގެ އިތުރުން ދައުލަތުގެ މީޑިއާގައި ޝަކީލް ވަނީ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީ އާއި ގާނޫނުތައް އިސްލާހުކޮށްފިނަމަ އިންތިހާބުތައް އެކުގައި ބާއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. ޝަކީލް ވިދާޅުވީ، ކައިރިކައިރީގައި އިންތިހާބުތައް ބޭއްވުމަކީ ދައުލަތަށް ބޮޑު ޚަރަދެއް ހިނގާ ކަމެއް ކަމަށާއި، ގާނޫނު ހަދާ ފަރާތްތަކުން އެކަމަށް ބަދަލު ގެނެސްފި ނަމަ ކޮމިޝަނުން އެކަން ތަންފީޒުކުރާނެ ކަމަށެވެ."އަޅުގަނޑުމެންނަށް މަޖުބޫރުވާނެ އެ ޤާނޫނުތަކާއި ޤާނޫނުއަސާސީ ތަންފީޛުކުރުން. އެހެންނަމަވެސް، ޤާނޫނު ހަދާ ފަރާތްތަކުން އެ ޤާނޫނުތަކަށް އެ އިޞްލާޙުތައް ގެނެސް، އިންތިޚާބުތައް އެއްކޮށް ބާއްވަން ނިންމަވައިފި ނަމަ، އަޅުގަނޑުމެން އޭގަ ހަމަ އެއްކޮށް ބާއްވާނީ،" ޝަކީލް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ އިންތިޚާބުތައް އެއްކޮށްލުމުން ރައްޔިތުންގެ ފައިސާއިން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ސަލާމަތް ކުރެވޭނެ ކަމަށެވެ.އިންތިހާބުތައް އެއްކޮށްލުމާމެދު މަޖިލިސް މެންބަރުން ވިސްނާވަޑައިގަތުމަށް ޝަކީލު ވިދާޅުވި ނަމަވެސް، ސަރުކާރުން އެދުނު ގޮތަށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅިގެން މިދިޔަ އެޕްރީލް މަހު ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި 68 ޕަސަންޓު ރައްޔިތުން ވަނީ އެކަމާ ދެކޮޅަށް ވޯޓު ދީފަ އެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނެގި ވޯޓުގައި ސަރުކާރު ބޮޑުތަނުން ބަލިވީ މައްސަލައިގެ ވާނުވާ އޮޅުންނުފިލުވާ ތިބެ ރައްޔިތުން ވޯޓު ދިނުމުން ކަމަށް މުހައްމަދު މުއިއްޒު ކުރިން ވިދާޅުވި އެވެ. ޝަކީލުގެ މި ވާހަކަތަކާއި ގުޅިގެން ބައެއް މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ. އަދި ޝަކީލް ފަދަ ސިޔާސީ ބޭފުޅެއް އީސީ ފަދަ މިނިވަން މުއައްްސަސާއަކަށް އައްޔަން ކުރަން ރައީސް ނިންމެވުމުން ބައެއް އާންމުން އެކަމަށް އޭރު ފާޑުކިޔުން އަމާޒުކޮށްފައިވެ އެވެ.ޕީއެންސީގެ ސެނެޓް މެންބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ޝަކީލް އެ ޕާޓީގެ ރަޖިސްޓްރާގެ މަގާމަށް އައްޔަންކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. ޝަކީލް އީސީއަށް އައްޔަން ކުރުމާ އެކު މިހާރު އެ މަގާމު ވަގުތީ ގޮތުން އަދާ ކުރައްވަމުން ގެންދަވަނީ ޑެޕިއުޓީ ރަޖިސްޓްރާ އަހުމަދު ހަމްދާން ނާސިރެވެ.އިންތިހާބުތައް އެއްކޮށްލަން ނެގި ފެންނަ ނުފެންނަ ވޯޓުގައި 216،539 މީހުން ވޯޓު ދިނެވެ. އެއީ ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ 74.9 ޕަސެންޓު މީހުންނެވެ. އޭގެ ތެރެއިން 148،859 މީހުން ވޯޓު ދިނީ ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށެވެ. އެއީ ވޯޓު ދިން މީހުންގެ 68.7 ޕަސެންޓު މީހުންނެވެ. އެއީ މިދިޔަ ރިޔާސީ އިންތިހާބުގައި މުއިއްޒަށް ލިބުނު ވޯޓަށްވުރެ ވެސް ގިނަ އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ