އަނބިކަނބަލުން ރާނިޔާއާ ގުޅޭގޮތުން ފަތުރަމުން ދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް: ގާސިމް

އަނބިކަނބަލުން ރާނިޔާ އަބްދުލް ހަމީދުއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފަތުރަމުން ދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުދަ ދުވަހު ގާސިމާ ކައިވެނި ބައްލަވައިގެން ރާނިޔާ އެހެން މީހަކާ ދައްކަވާފައިވާ ވާހަކަތަކެއް ހިމެނޭ ޗެޓް ލޮގްތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ.
އެކަމާ ގުޅިގެން ގާސިމްގެ ރަސްމީ ޓުވިޓާ އެކައުންޓުން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެކަމަކީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ރާނިޔާގެ ފޭސްބުކް އެކައުންޓް ހެކް ކޮށްގެން އެ އެކައުންޓް ހެކްކުރި މީހުން އުފައްދައިގެން އުޅޭ ލިޔުމާއި ފޮޓޯއެއް ކަމަށެވެ. އަދި އެކަން އޭރު ފުލުހުންނަށް ވެސް އެނގޭނެ ކަމަށް ވިދާޅުވި އެވެ.
"މިއީ ރާނިޔާ ބްލެކް މެއިލް ކުރަން ކުރި ކަމެއް. އެކަމަކު އެކަން ވެސް ކާމިޔާބެއް ނުކުރެވުނު. އިންޝާ ﷲ. ... ގާސިމް ރާނިޔާއާ އިނުމުން ރާނިޔާއާއި ގާސިމްގެ އަގު ވައްޓާލުމަށް މީޑިއާގައި ހަގީގަތެއް ނެތް ދޮގު މައުލޫމާތު ފަތުރަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ގާސިމްގެ ޓުވީޓުގައި ވިދާޅުވި އެވެ.
އުމުރުން 21 އަހަރުގެ ރާނިޔާއާ ގާސިމް ކައިވެނި ބައްލަވައިގެންނެވީ މިދިޔަ ބުދަ ދުވަހު ސަން އައިލެންޑް ރިސޯޓުގަ އެވެ. ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާއެކު މިހާރު ގާސިމްގެ ހަތަރު އަނބިން ތިއްބަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ