މާފުށީގައި ކަރަންޓީންގައި ހުރި ދެމަޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

ކ. މާފުށީގެ ގެއެއްގައި ކަރަންޓީންގައި ހުރި ދެމައިން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މާފުށީ ކައުންސިލްގެ ނައިބު ރައީސް ނަޝީދާ އާދަމް "ވަގުތަށް" މިއަދު ވިދާޅުވީ އެ ރަށުން ފައްސިވެފައި ވަނީ އަންހެނަކާ އޭނާގެ ދަރިފުޅު ކަމަށެވެ. އެ ދެ މައިންނަކީ މާލޭގައި ހުރެފައި އެ ރަށަށް ގޮސް ކަރަންޓީންވި ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ހައްޖު ދުވަހު އިރުއޮއްސެނިކޮށް އެޗްޕީއޭ އިން އެންގީ ސާމްޕަލް ޕޮޒިޓިވްވިކަން. އެއީ މާލެ އިން އައިސް ކަރަންޓީންގައި ތިބި ދެމައިން. ދެ މައިންނަކީ ވެސް މާފުށި ދެ މީހުން،" ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.
މާފުށިން ފައްސިވި އަންހެން މީހާގެ އުމުރެއް އަދި ނޭނގެއެވެ. އެކަމަކު، ކުޑަ ކުއްޖާގެ އުމުރުން ވާނީ ގާތްގަނޑަކަށް ހަތް އަހަރު ކަމަށް ނަޝީދާ ވިދާޅުވިއެވެ. ދެ މައިން އެއްވެސް މީހަކާ ކޮންޓެކްޓް ވެގެން އެފަދަ ކަމެއް ފާހަގަ ނުކުރެއްވޭ ކަމަށް ނަޝީދާ ވިދާޅުވިއެވެ.
ރާއްޖެ އިން މިހާތަނަށް 3،793 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ 1،800 ދިވެހިންނާއި 1،993 ބިދޭސީންނެވެ. މި ބަލިން ރަނގަޅުވެފައި ވަނީ 2،607 މީހެކެވެ. މި ބަލީގައި ނިޔާވެފައި ވަނީ 16 މީހެކެވެ.
ފަހަކަށް އައިސް، ރާއްޖޭގެ ރަށްރަށުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ރަށް ރަށަށް ގޮސް ކަރަންޓީންވެފައި ތިބޭ މީހުން ކޮވިޑް-19 އަށް ފައްސިވާ މިންވަރު ވަރަށް ބޮޑަށް ވަނީ އިތުރެވެ. އަދި ބިދޭސީންނަށް ވުރެ ގިނަ އިން ފަހަކަށް އައިސް ބަލި ޖެހެނީ ދިވެހިންނަށެވެ. ދިވެހިންގެ ތެރެއިން ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ތަހަންމަލު ކުރަމުން އަންނަ މީހުންގެ ގައިން ބަލި ފެނުމަކީ ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އާއި ކަމާބެހޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.
ރާއްޖޭގެ ހާލަތު އަންދާޒާކޮށް އެންމެ ފަހުން ނެރުނު ޕްރޮޖެކްޝަން ދައްކާ ގޮތުގައި މި މަހު ދުވާލަކު، އެވްރެޖްކޮށް 170 މީހުން ކޮވިޑް-19 އަށް ފައްސިވާނެ ކަމަށް ބެލެވެއެވެ. އަދި މި މަސް ނިމޭއިރު ޖުމްލަ 2،373 މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އޮގަސްޓް މަހުގެ ތެރޭގައި ބަލި ފެތުރޭލެއް ބާރުވެފައި ސެޕްޓެމްބަރު މެދެއްހާ ތަނުގައި އަނެއްކާ ވެސް ދަށްވާނެ ކަމަށް ޕްރޮޖެކްޝަނުން ދައްކައެވެ.
ޕްރޮޖެކްޝަން ދައްކާ ގޮތުގައި މިހާރު ފައްސިވާ މީހުންގެ ތެރެއިން ދެ ތިން މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނަސް ކުރިއަށް އޮތް ތަނުގައި އެ އަދަދު ދޭއް ނޫނީ ތިން ގުނަ އިތުރުވެދާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ