ރާއްޖެއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅުނު މެޗަކީ އުނދަގޫ މެޗެއް ކަމަށާއި، ދެން އޮތް މެޗަށް ނުކުންނާނީ ސްރީލަންކާ އަތުން 03 ޕޮއިންޓު ހޯދަން ކަމަށް ބޫޓާންގެ ކެޕްޓަން ތަންޑިން ޕެންޖޯ ބުނެފިއެވެ.
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް 2026 ގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުގައި ބޫޓާނުން ރާއްޖެއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައިވާއިރު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ބޫޓާންގެ ކެޕްޓަން ބުނީ، ރާއްޖެ އަތުން މި ލިބުނު ޕޮއިންޓާއެކު ސެމީގެ އުންމީދު ލިބިއްޖެ ކަމަށެވެ. އަދި ރާއްޖެ މެޗަކީ ސެމީއަށް ދިއުމަށް ޕޮއިންޓެއް ހޯދަން މުހިންމު މެޗެއް ކަމަށެވެ.
ރާއްޖެއާއި ބޫޓާނަށްވެސް ޕޮއިންޓެއް ލިބުނު މި މެޗަށްފަހު މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބޫޓާންގެ ކެޕްޓަން ބުނީ ލަންކާއަކީ މޮޅު ޓީމެއްނަމަވެސް ލަންކާ މެޗުގައި މޮޅު ކުޅުމެއް ދައްކަން ހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކުރާނެ ކަމަށެވެ.
"މި މެޗު ވަރަށް އުނދަގޫވި. މިއީ ވަރަށް މުހިންމު މެޗެއް އަހަރުމެންނަށް ޕޮއިންޓެއް ހޯދަން. ދެން އޮތީ ސްރީލަންކާއާއި ދެކޮޅަށް ކުޅޭ މެޗު. ސްރީލަންކާއަކީ މޮޅު ޓީމެއްވިޔަސް އަހަރުމެން އެންމެ މޮޅު ކުޅުން ދައްކަން މަސައްކަތް ކުރާނަން ސެމީ ފައިނަލަށް ދެވޭތޯ" ޕެންޖޯ ބުންޏެވެ.
ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބޫޓާން ސްރީލަންކާއާ ދެކޮޅަށް ނުކުންނާނީ 27 ވަނަ ދުވަހުގެރެއެވެ. އެ މެޗުން ލަންކާއަތުން މޮޅުވެގެން ސެމީގެ ޖާގައެއް ހޯދުމަށް ބޫޓާނުން ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭއިރު ބޫޓާންގެ ކޯޗު ކަރްމާ ޑެމާ ބުނެފައިވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ނޭޕާލާއި ދެކޮޅަށް ކުޅުނުއިރު ފެނުނީ ބޫޓާންގެ އަސްލު ފެންވަރު ނޫން ކަމަށެވެ. އެ މެޗުގައި ނޭޕާލުން ބޫޓާނުގެ މައްޗަށް ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ.
ގުރޫޕް އޭއިން ނޭޕާލަށް ސެމީގެ ޖާގައެއް ކަށަވަރުވެފައިވާއިރު، މި ގުރޫޕުން ސެމީގެ ޖާގަ ކަށަވަރުކުރާ ފަހު ޓީމެއް އިނގޭނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗަށްފަހުއެވެ. 27 ވަނަ ދުވަހުގެ ހަވީރު ގްރޫޕް އޭގައި ރާއްޖެއިން ނޭޕާލާ ދެކޮޅަށް ނުކުންނައިރު، އެރޭ ކުޅޭ މެޗުގައި ލަންކާއިން ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.
"ލަންކާ މެޗަށް ނުކުންނާނީ 3 ޕޮއިންޓްގެ އަމާޒުގައި"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ