ކުޅުންތެރިންގެ ފިޓްނަސްގެ މައްސަލަތަކެއް އެބައުޅޭ: އުރްބާނީ

ޒުވާން ގައުމީ ޓީމުގެ ފިޓްނަސްގެ މައްސަލަތަކެއް އެބައުޅޭކަމަށާއި، އެކަންކަން ހަމައަކަށް އެެޅެން ދުވަސްކޮޅެއް ނަގާނެކަމަށް ގައުމީ ޓީމުގެ ކޯޗު އިސްތަވާން އުރްބާނީ ބުނެފިއެވެ.
މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ބޫޓާންއާ އެއްވަރުވެ ރާއްޖެއަށް މުބާރާތުގައި ކުރިއަށްދިއުމަށް ގޮންޖެހުންތަކަކާއި ކުރިމަތިވެފައިވާއިރު، މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ބުނީ ކުޅުންތެރިން ތިބީ ރޯދަމަހުގެ ޝެޑިއުލަށް ހޭނިފައިކަމަށެވެ. އެކަމުގެ ސަބަބުން ރޭގަނޑުގެ ނިދި ނުލިބުންފަދަ ކަންކަމާއި ކުރިމަތިވަމުން އަންނަކަމަށެވެ. ކުޅުންތެރިން ހަމައަކަށް ނޭޅި ތިބެ ކުޅެން ޖެހުމުން އަކުނިވަޔަށްދެމުން ފަދަ އުނދަގޫތަކާއި ކުރިމަތިވަމުންދާކަމަށެވެ.
ކޯޗު ބުނީ ކުޅުންތެރިން ކުރިއެރުވުމަށް އިސްކަންދޭންޖެހޭކަމަށެވެ. ވަރުގަދަ މެޗުތަކަށް ކުޅުންތެރިން ނެރުމުގެ ކުރިން ކުޅުންތެރިންގެ ފިޓްނެސް ލެވެލް އެއްވަރެއްގައި ހިފެހެއްޓުމަށް ބޭނުންވާ ތަމްރީނުތައް މުހިންމުކަމަށް ކޯޗު ފާހަގަކުރިއެވެ.
"މުބާރާތުގެ ކުރިންވެސް އަހަންނާއި ކުރިމަތިވި ސުވާލެއް މިއީ، ރޯދަމަހު މިމުބާރާތަށް ތައްޔާރުވުމަކީ ކިހާ އުނދަގޫކަމެއްތޯ؟ ހަގީގަތަކީ ރޯދަމަހު މިފަދަ މުބާރާތްތަކަށް ތައްޔާރުވުމުގައި ގޮންޖެހުންތަކެއް މެދުވެރިވާކަން. އަދިވެސް ކުޅުންތެރިން ތިބީ ރޯދަމަހުގެ ޝެޑިއުލަށް ހޭނިފަ. ރޭގަނޑު ނުނިދުން ފަދަ ކަންކަން އެބަކުރިމަތިވޭ. މިކުދިން ހަމައަކަށް އެޅެން ދުވަސްކޮޅެއް ނަގާނެ. މިފަދަ ގޮތަކަށް ކަންކަން ދިމާވާތީ ކުޅުމުގެ ތެރެއިން އަކުނިވަޔަށް ދެމުން ފަދަ ކަންކަންވާލެއް ގިނަ" ކޯޗު ބުންޏެވެ.
ގްރޫޕް އޭގައި ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ޓީމާއި ބޫޓާން ބައްދަލުކުރި މެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މިނަތީޖާއާއެކު ރާއްޖެއަށް މުބާރާތުގައި ކުރިއަށްދިއުމަށް އަމިއްލަ ބާރު ގެއްލިފައިވާއިރު ކޯޗު ބުނީ މި އުމުރުފުރައަކީ ކުޅުންތެރިންގެ ހުނަރުތައް ދެނެގަނެ ތަރައްގީކުރަންވީ އުމުރުފުރާކަމަށެވެ. ޒުވާން ކުޅުންތެރިންނަކީ ކާމިޔާބު ހޯދުމަށް ހިތްވަރުކުރާނެ ބަޔެއްކަމަށާއި އެކުދިންގެ އަމާޒަކަށްވާނީ ތަށްޓަށް ވާދަކުރުންކަމަށެވެ. އަދި ޒުވާން ޓީމުގެ ކުޅުން ގޯސް ނޫންކަމަށާއި ވަކިން ޚާއްސަކޮށް ފަހަތަށް ކުޅުނު ތިން ކުޅުންތެރިންގެ ކުޅުމާއި މެދު ވަރަށް ހިތްހަމަޖެހުނުކަމަށް ކޯޗު ފާހަގަކުރިއެވެ.
"ވަރަށް ހިތްހަމަޖެހުނު ޓީމުގެ ފަހަތަށް ކުޅުނު ތިން ކުޅުންތެރިންގެ ޕާފޯމަންސް ފެނިފަ. މިއީ ރަން ޖީލަށް ފައްކާވަމުން އަންނަ ކުޅުންތެރިންތަކެއް" ކޯޗު ބުނެފަވެއެވެ.
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ދެން ނުކުންނާނީ މިމަހުގެ 27 ވަނަ ދުވަހު ގްރޫޕް އޭ އިން ސެމީގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައިވާ ނޭޕާލާއި ދެކޮޅަށެވެ. އެޓީމުން ސެމީގެ ޖާގަ ކަށަވަރުކުރީ ބޫޓާނުގެ މައްޗަށް 1-2 އިން ކުރިހޯދާ، ދެވަނަ މެޗުގައި ލަންކާ އަތުން 0-1 އިން ހޯދި މޮޅާއެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ