އުއްމީދުކުރި ވަރަށްވުރެ ޓީމުގެ ކުޅުން ރަނގަޅު: ބޫޓާން ކޯޗު

ސާފް ޗެމްޕިއަންޝިޕުގެ ގުރޫޕު ސްޓޭޖުގައި ބޫޓާނުން ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި އެންމެ ބޭނުންވި ނަތީޖާ ނުނެރެވުނު ނަމަވެސް، އުއްމީދުކުރި ވަރަށް ވުރެ މާ މޮޅު ކުޅުމެއް ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަކަމަށް އެ ޓީމުގެ ކޯޗު، ކާމާ ޑެމާ ބުނެފިއެވެ.
މުބާރާތުގައި ބޫޓާން ކުޅުނު ދެވަނަ މެޗުގައި ރާއްޖެއާ ވާދަކޮށް، 0-0 އިން ވީ އެއްވަރެވެ.
މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު ބުނީ، ފުރަތަމަ މެޗުގައި، ހާއްސަ ގޮތެއްގައި ފުރަތަމަ ހާފުގައި ކުޅުންތެރިންގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެނުނު ކަމަށެވެ. އެހެންނަމަވެސް ދެވަނަ ހާފުގައި ކުޅުން ރަނގަޅު ކުރި ކަމަށާއި، ރާއްޖެ މެޗުގައި ވަރަށް ބޮޑު ތަފާތެއް ފެނިގެންދިޔަ ކަމަށް އޭނާ ބުންޏެވެ.
ކުޅުންތެރިން މެޗުން ބަލިވާން ބޭނުން ނުވި ކަމާއި، މޮޅުވުމުގެ ރޫހު، ބޯޅަ ލިބޭ ކޮންމެ ދަނޑިވަޅެއްގައި ވެސް އަދި ޑިފެންސް ކުރަން ޖެހުނު ކޮންމެ ހާލަތެއްގައި ވެސް ފެނިގެންދިޔަކަމަށް ކޯޗު ބުންޏެވެ.
"ފުރަތަމަ ކަމަކަށްވެސް ޓީމުގެ ކުޅުންތެރިން ދެއްކި ހިތްވަރާއި ކުޅުމަށް އަހަރެން ބޭނުން ޝުކުރު އަދާކުރަން. ދުވަހަކު ވެސް އުއްމީދެއް ނުކުރަން މިހާ ތަފާތު މޮޅު ކުޅމެއް ކުޅުންތެރިންގެ ފަރާތުން ފެނިގެންދާނެ ކަމަކަށް. ހާއްސަ ގޮތެއްގައި ފުރަތަމަ މެޗުގައި، އެ މެޗުގެ ފުރަތަމަ ހާފުގައި ކަން ހިނގައިދިޔަ ގޮތުން. އެކަމަކު އެ މެޗުގެ ދެވަނަ ހާފުގައި ވެސް އަދި ހާއްސަކޮށް ރާއްޖެ މެޗުގައި ފެނުނީ މުޅިން ތަފާތު، މާ މޮޅު ކުޅުމެއް". ބޫޓާނުގެ ކޯޗު ބުންޏެވެ.
މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު ކާމާ ޑެމާ ބުނީ، މިއީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި، ހަގީގަތުގައި ރޭވި ގޮތަށް ނުކުޅެވުނު ކަމަށެވެ.
"އެންމެ ފުރަތަމަ ސްޓްރެޓަޖީއަކަށްވީ ޑީ އޭރިއާ ކައިރިން ވަންޓަޗް ޕާސްތަކެއް ޖަހައިގެން ހަމަލާތައް އުފައްދަން. އެކަމަކު ރާއްޖޭއިން ޑިފެންސް ލައިނުގައި ފަސް ކުޅުންތެރިން ހިމަނައިގެން ކުޅުނީމަ އެކަން ވާގޮތް ނުވީ. ދެން ޖެހުނީ އެ ޕްލޭން ބަދަލުކޮށް، އެހެން ގޮތަކަށް ކުޅެގަންނަން ރާވަން". މެޗުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު ބުންޏެވެ.
ރާއްޖެއިން މެޗަށް އެކުލަވާލި ރޭވުވާ ގުޅިގެން، ފުރަތަމަ ހާފުގައި ދިގު ބޯޅަތަކެއް ކުޅެގެން ހަމަލާތައް އުފައްދަން މަސައްކަތްކުރި ނަމަވެސް، ދެވަނަ ހާފުގައި ކުދި، ގިނަ ޕާސްތަކެއް ކޮށްގެން ހަމަލާތައް އުފައްދަން މަސައްކަތްކުރިކަމަށް އޭނާ ބުންޏެވެ.
ރާއްޖެއާ އެއްވަރުވެ ބޫޓާނަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ހަނިވި ނަމަވެސް، ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ މެޗުން ބޮޑު ތަފާތަކުން މޮޅުވެގެން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ބޫޓާނަށް އެބައޮތެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބޫޓާނުން ލަންކާއާ ދެކޮޅަށް ނުކުންނާނީ ހުކުރު ދުވަހުގެރެއެވެ.
މުބާރާތުގައި ރާއްޖެއަށް ވެސް ކުރިއަށް ދިއުމުގެ ފުރުސަތު އޮތީ ބޫޓާނާއި ލަންކާ ބައްދަލުކުރާ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ. އެއީ އެކަމަކު އެ ދުވަހު ހަވީރު ނޭޕާލާ ދެކޮޅަށް ކުޅޭ މެޗުން ނޭޕާލް ބަލިކޮށް ތިން ޕޮއިންޓު ހޯދިއްޖެ ނަމައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ